އިއްޔެ އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ފެނިގެން ދިޔައީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ހިންގާނެ ކަންކަމުގެ ކުޑަ މިންވަރެއް ކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް ބޭއްވި އިންތިހާބު، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބު ކުރެއްވީ 61 ޕަސެންޓު ކުރީގައި އޮވެގެންނެވެ. އެކަމަކު އެއީ ވަގު ވޯޓު އަޅައިގެން ނެރުނު ނަތީޖާއެއް ކަމަށް ތުހުމަތުކޮށް އެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ ބުނެފަ އެވެ.
އަދި އިއްޔެގެ އިންތިހާބުގެ ތެރެއިންވެސް ލިސްޓުގައި ނެތް މީހުން ވޯޓުލީ މައްސަލަތައް ފެންމަތިވެ މައްސަލަ ހޫނުވީ އިރު، އިންތިހާބުގެ ކުރިން ރައީސް އިބްރާހީމްގެ ފަރާތުން ފައިސާ ބެހިކަން ވެސް ވަނީ ހާމަވެފަ އެވެ.
އެކަމާ ގުޅުވައި އުޝާމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީން ފެނިގެން ދިޔައީ މި އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ވައްކަމާއި ކޮރަޕްޝަން ހިންގާނެ ވަރުގެ ކުޑަ މިންވަރެއް ކަމަށެވެ.
"ފެނިގެން މިދިޔައީ 2023 ގައި އޮންނަ ރިޔާސީއިންތިހާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް މިސަރުކާރުން ވައްކަމާއި ކޮރަޕްޝަން ހިންގާނެ މިންވަރުގެ ކުޑަވަރެއް. އިންތިހާބުތަކާ ދިމާކޮށް ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ގާނޫނުތައް ބަދަލުކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.
ރައީސް އިބްރާހީމް ޕްރައިމަރީ ކެމްޕެއިންގެ ތެރެއިން ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި މައްސަލަވެސް ފެންމަތިވި އެވެ. އަދި ކެމްޕެއިން ދަތުރުތަކަށް ދައުލަތުން ފައިސާ ހަރަދުކުރުމުގެ އިތުރުން، އިންތިހާބާ ދިމާކޮށް ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ ވަގުތީ ވަޒީފާތައްވެސް އިއުލާންކުރި އެވެ. މަޝްރޫއުތަކުގައި ފުލުފުލުން ސޮއިކުރުމުގެ އިތުރުން ބަޖެޓުގައި ނެތް މަޝްރޫއުތައް ވެސް ކެމްޕެއިންގެ ތެރެއިން އިއުލާންކުރި އެވެ.
އަދި ރައީސް އިބްރާހީމަށް ތާއީދު ނުކުރާ ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ވަޒީފާގެ ބިރުދެއްކި ކަމުގެ ތުހުމަތުތައްވެސް ފެންމަތިވި އިރު، އެމަނިކުފާނަށް ވޯޓު ދީފިނަމަ ވަޒީފާގެ ކުރިއެރުން ދޭނެ ކަމަށް ބުނެ މުވައްޒަފުންނަށް ނުފޫޒު ފޯރުވި މައްސަލަތަކާއި މާލޭގެ ރައްޔިތުންނަށް ގޯތި ދޭނެ ކަމަށް ބުނި މައްސަލަތައްވެސް ފެންމަތިވި އެވެ.