ނާއިންސާފުން ކާމިޔާބު ކުރި އިންތިހާބަކަށްފަހު، ރައީސް އިބްރާހީމްގެ ފަހަތަށް، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އަރަންޖެހޭ ސަބަބެއް ނެތްކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބު ރައީސް އިބްރާހީމް ކާމިޔާބު ކުރެއްވީ 61 ޕަސެންޓު ކުރީގައި އޮވެގެންނެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް އިބްރާހީމަށް ލިބުނީ 24،572 ވޯޓެވެ. އަދި ރައީސް ނަޝީދަށް ލިބުނީ 15،631 ވޯޓެވެ.
އެއީ ތާރީހު ބަދަލުކޮށްލި ނަތީޖާއެއް ކަމަށް ބުނެ ރައީސް ނަޝީދު ދެން ހައްދަވާނެ ގޮތަކާ ގުޅޭގޮތުން އޮންލައިން ނޫހަކުން ލިޔެފައިވާ ރިޕޯޓަކާ ގުޅިގެން ޓޮމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޑަބަލް ޑިޖިޓް ފެނުނީ ގޭގެއަށް ބެހި ފައިސާ ބޮނޑިބޮނޑިން ކަމަށާއި ރައީސް ނަޝީދު، ރައީސް އިބްރާހިމް ފަހަތަށް އަރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.
ރައީސް އިންތިހާބު ކާމިޔާބުކުރެއްވީ ފޮށިތަކަށް "ވަގު ވޯޓު" އަޅައިގެން ކަމަށް ބުނެ ނަތީޖާ ގަބޫލުނުކުރާނެ ކަމަށް ނަޝީދުގެ ފެކްޝަނުން ވެސް ވަނީ ބުނެފަ އެވެ. އަދި އިންތިހާބު ފެށުމުގެ ކުރިންވެސް ރައީސް އިބްރާހީމްގެ ފަރާތްޕުޅުން ފައިސާއާއި ވަޒީފާ ބެހި މައްސަލަތައް ފެންމަތިވި އިރު، ލިސްޓުގައި ނަން ނެތް މީހުން އިއްޔެ ވޯޓުލީ މައްސަލަތައްވެސް ފެންމަތިވި އެވެ.
ޓޮމް ވިދާޅުވި ގޮތުގައި ނާއިންސާފާ ދެކޮޅަށް ވަކާލާތު ކުރި އެމްޑީޕީގެ އިންތިހާބުން ފެނިގެން ދިޔައީ ހުތުރު މަންޒަރެކެވެ. އަދި ރައީސް އިބްރާހީމް ބަދަލުވަމުން އެދަނީ ޑިކްޓޭޓަރަކަށް ކަމަށް ވިދާޅުވި އެވެ.
"ނާ އިންސާފާއި، ކުޑަކާފާއި ދެކޮޅަށް ވަކާލާތުކުރި ޕާޓީގެ ޕްރައިމަރީ ދެއްކީ ހުތުރު މަންޒަރެއް. ސައްދާމު ހުސައިންގެ ބައާތު ޕާޓީ 2002 ވަނަ އަހަރު އިލެކްޝަން ކާމިޔާބު ކުރީ 100 އިންސައްތަ ހޯއްދަވައިގެން. ރައީސް އިބްރާހިމް ބަދަލުވަމުން އެދަނީ ޑިކްޓޭޓަރަކަށް،" ޓޮމް ވިދާޅުވި އެވެ.
ނަމަވެސް ރައީސް އިބްރާހީމް ވަނީ ވާދަވެރިކަން އެއްފަރާތްކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ރައީސް ނަޝީދާ ވާހަކަދައްކަވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު ރައީސް ނަޝީދު އަދި އެކަމަށް ޖަވާބެއް ނުދެއްވަ އެވެ.