އިއްޔެ މުޅި ރާއްޖޭގައި ވެރިކަންކުރާ އެމްޑީޕީން ކުރިއަށްގެންދިޔަ ރިޔާސީ އިންތިޚާބުގެ ނަތީޖާ ހާމަވެއްޖެއެވެ. ވޯޓުން ކުރި ހޯއްދެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނުގެ ސަޕޯޓަރުން ގެންދަނީ އުފާ ފާޅުކުރަމުންނެވެ. ނަތީޖާ އެނގިވަޑައިގަތުމާއެކު ސަޕޯޓަރުންނާ ބައްދަލުކުރައްވައި އެމްޑީޕީ ހަރުގެ ކުރިމަތިން ރައީސް އިބްރާހީމް ދެއްވި މެސެޖަކީ ފަސޭހަކަމާއެކު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވޭނެކަމުގެ ޔަގީންކަމެވެ. ނަމަވެސް ނިމުނު ޕްރައިމަރީގެ ނަތީޖާއަށް މައުޟޫޢީ ގޮތެއްގައި ބެލުމުން އެ މަންޒަރު ފެނޭ ހެއްޔެވެ؟
އެމްޑީޕީން ބުނި ގޮތުގައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 57،255 މީހުންނަށެވެ. މި ޕްރައިމަރީގެ ކުރިން އެންމެ ފަހަށް ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުކަމަށްވާ ޗެއާޕާސަން އިންތިޚާބުގައި 96،000 މެންބަރުންނަށް ވޯޓުލުމުގެ ހައްގު އޮތެވެ. ނަމަވެސް އެ އިންތިޚާބުގެ ފަހުން އެ ޕާޓީގެ ދަފުތަރަށް ގެނައި ބަދަލާއެކު 39،000 އެއްހައި މެންބަރުންނަށް ވޯޓުލުމުގެ ހައްގު ގެއްލި ޕާޓީގެ މެންބަރުކަމުންވެސްވަނީ ވަކިވެފައެވެ.
އިއްޔެ އިންތިޚާބު ކުރިއަށްދިޔައިރު ވޯޓުލާ މަރުކަޒުތަކުން އެންމެ ގިނައިން އިވުނު ޝަކުވާއަކީ ޒަމާނުއްސުރެ އެމްޑީޕީއަށް ތާއީދުކުރި އެ ޕާޓީއަށްޓަކައި އެތައް މަސައްކަތެއް ކުރި މެންބަރުންނަށް މި އިންތިޚާބުގައި ވޯޓުނުލެވުމުގެ ޝަކުވާއެވެ. ވޯޓުލުމުގެ ހައްގު ގެއްލިގެން ޝަކުވާކުރި ގިނަ މީހުންނަކީ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރާ މީހުންކަން ފާހަގަވިއެވެ. ނަޝީދު ތަކުރާރުކޮށް ވިދާޅުވެފައިވަނީ ޕާޓީން ވަކިކުރީ އެމަނިކުފާނަށް ތާއީދުކުރާ މީހުން ކަމަށެވެ.
އިއްޔެގެ އިންތިޚާބަކީ އެމްޑީޕީގެ އެންމެ އިސް ދެ ލީޑަރުންގެ ގަދަ ހިފުމެކެވެ. ދެ ބޭފުޅުންމެ ގަދައަށް މަސައްކަތްކުރެއްވިއެވެ. ރައީސް އިބްރާހީމުވަނީ ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ނެރުއްވައިގެން ބޮޑު ކެމްޕޭނެއް ކުރައްވާފައެވެ. ނަޝީދުވެސް އެމަނިކުފާނަށް ތާއީދުކުރައްވާ މަޖިލިސް މެންބަރުންނާއި ދެންވެސް ތިއްބެވި ޕާޓީގައި ބަސްވިކޭ މަދު ބޭފުޅުން ބޭނުންކުރައްވައިގެން ޖޯޝާއި ފޯރީގައި ކެމްޕެއިން ކުރެއްވިއެވެ.
މިފަދަ ފޯރިގަދަ ކެމްޕެއިނަކަށްފަހު ވޯޓުލާން ނިކުތް މީހުންގެ އަދަދަކީ 39،843 މީހުންނެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 69 އިންސައްތައެވެ. އެހެންކަމުން ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 31 އިންސައްތަ މީހުން އިޚުތިޔާރުކުރީ ވޯޓުގައި ބައިވެރިނުވާށެވެ. އެއީ ޖުމްލަ 17،412 މީހުންނެވެ. އެ އަދަދަށް މީހުން އިންތިޚާބުގައި ވޯޓުލާން ނުނިކުތުމުން ދޭހަވަނީ މި އިންތިޚާބާމެދު އެ މެންބަރުންގެ ޝައުޤުވެރިކަން ނެތުމެވެ. އެއީ އިންތިޚާބުގެ މުހިއްމުކަމާއި ވާދަކުރެއްވި ދެ ކެނޑިޑޭޓުންގެ ބުރަދަނާއި ކެމްޕެއިނުގެ ފޯރިއާ ބަލާއިރު ގިނަ އަދަދެއްގެ މެންބަރުންނެވެ.
މި އިންތިޚާބަކީ މިއިން ޒަމާނެއްގައި އިންތިޚާބަކަށް ދައުލަތުގެ ވަސީލަތްތައް ބޭނުންނުކުރާ މިންވަރަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރި އިންތިޚާބެކެވެ. އިންތިޚާބަކަށް ހަފުތާއަކަށް ވެފައިވަނިކޮށް ޕްލޭނިން މިނިސްޓްރީން އެކަނި 13 މަޝްރޫޢެއްގެ އެއްބަސްވުމުގައި ސޮއިކުރިއެވެ. ދައުލަތުގެ ކުންފުނިތަކުން އެތައް ގިނަ ވަޒީފާއެއް އިއުލާނުކޮށް މީހުންނަށް ވަޒީފާ ހަމަޖައްސައިދިނެވެ. ވަޒީފާ ހަމަޖައްސައިނުދިނަސް ވަޒީފާ ލިބޭނެކަމުގެ ލިޔުން ހަވާލުކުރިއެވެ.
ރާއްޖޭގެ އެންމެ އާބާދީ ބޮޑު ދެ ސިޓީކަމަށްވާ ވެރިކަންކުރާ މާލެ ސިޓީއާއި އައްޑޫ ސިޓީން ގޯތި ބަހާނެ ތަންތަން ކަނޑައަޅައި ނިންމިއެވެ. ރައީސް އިބްރާހީމަށް ތާއީދުކުރުމުން ގޯތި ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނުގެ ކެމްޕެއިން ޓީމުން އެތައް ބަޔަކަށް ދިނެވެ. ރައީސް އިބްރާހީމުގެ ކެމްޕެއިން ހަރަކާތްތަކުގައި ދެތިން މީޑިއާއެއް ނޫން ހުރިހާ މީޑިއާއެއް ބައިވެރިކޮށް ރައީސް އިބްރާހީމުގެ މުޅި ކެމްޕެއިންގެ ސޫރަ އަލިކުރަން ގަދައަޅައި މަސައްކަތްކުރިއެވެ. މީޑިއާތަކަށް ގުޅައި ޖާގަތައް ހަމަޖައްސައި ޝެޑިއުލުތައް ހިއްސާކުރަމުން ދިޔައީ ސީދާ ރައީސް އޮފީހުންނެވެ.
ރަށްރަށަށް ރައީސް ވަޑައިގެން ބަޖެޓުން ބޭރުން މުޅިން އަލަށް އެތައް ކަމެއް ކޮށްދެއްވަން ވައުދުވެވަޑައިގަތެވެ. އެވަރުން ފުދުނީއެއް ނޫނެވެ. އިންތިޚާބުގެ ކެމްޕެއިން ނިންމައި ކެމްޕެއިނުގެ ވަގުތު ނިމުމަކަށް އައުމާއެކު، ރައީސް އިބްރާހީމުގެ ކެމްޕެއިން ޓީމުތަކުން ބޮޑެތި ރަށްރަށުގައި ގިނަ އަދަދަކަށް ފައިސާ ބެހީއެވެ.
ޚުލާސާކޮށް ކުރުކޮށް ބުނާނަމަ އިންތިޚާބު ކާމިޔާބުކުރުމަށް ކުރަންޖެހުނު ހުރިހާ ކަމެއް ހަމައިންނާއި ނަހަމައިން ކޮށް ނިންމައިލީއެވެ. އެ ހުރިހާ ކަމެއް ނިމުނުއިރު ރައީސް އިބްރާހީމަށް އިންތިޚާބުގައި ލިބިވަޑައިގަތީ 24،489 ވޯޓެވެ. އެއީ 39،000 އުނިކޮށް ބޭއްވި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 42 އިންސައްތައެވެ. ވޯޓުލީ މީހުންގެ 61 އިންސައްތައެވެ. ވެރިކަމުގައި 4 އަހަރު ހޭދަކުރެއްވުމަށްފަހު ރިޔާސީ ޕްރައިމަރީއަކަށް ނިކުމެވަޑައިގެން އަމިއްލަ ޕާޓީގެ ވޯޓުލުމުގެ ހައްގު ލިބިފައިވާ މެންބަރުންގެ 50 އިންސައްތަ އަޣުލަބިއްޔަތު ލިބިވަޑައިނުގަތުމަކީ ކާމިޔާބީއަކަށްވަނީ ކިހިނެއް ހެއްޔެވެ؟
ދެވަނަ ނުކުތާއަކީ ރައީސް ނަޝީދު ހޯއްދެވި ވޯޓެވެ. މިދެންނެވި ހުރިހާ ނުފޫޒެއްގެ ތެރެއިން އެމަނިކުފާނުވަނީ 15،000 އަށްވުރެ ގިނަ ވޯޓު ހޯއްދަވާފައެވެ. އެއީ ނިސްބަތުން ކުޑަ އަދަދެއް ނަމަވެސް، ވޯޓުލުމުގެ ހައްގު ގެއްލުނު މެންބަރުންގެ ތެރެއިން ނަޝީދަށް ވޯޓުލާން ތިބި މެންބަރުންގެ ވޯޓުތައް އެއްކުރުމުން މި އަދަދު މިއަށްވުރެ އިތުރުވާނެއެވެ. ނަމަވެސް ނަތީޖާއިން ސާފުވާކަމަކީ ނަޝީދާ ނުލައި ރައީސް އިބްރާހީމަށް ރިޔާސީ އިންތިޚާބު ކާމިޔާބުނުކުރެއްވޭނެ ކަމެވެ.
ރައީސް އިބްރާހީމުގެ ކެމްޕެއިނުގެ މައިގަނޑު ވާހަކަފުޅަކީ އެމަނިކުފާނަކީ ކޯލިޝަނަކާއެކު ނިކުމެވަޑައިގެން އެމްޑީޕީއަށް އިންތިޚާބު ކާމިޔާބުކޮށްދެއްވާނެ ކެނޑިޑޭޓުކަމުގެ ދައުވާއެވެ. މިހާރު މަންޒަރުތަކަށް ބަލާއިރު އެމަނިކުފާނާއެކު ކޯލިޝަން ހަދާނެކަން ޔަގީނާ ގާތަށް ކަށަވަރުވާ އޮތީ އެންމެ ޕާޓީއެކެވެ. އެއީ އަދާލަތު ޕާޓީއެވެ. އެ ޕާޓީއަށް ރާއްޖެއިން ނެރެވޭނީ ކިހައި ވޯޓެއްތޯ އެއީ ސުވާލެކެވެ. ޖަވާބަށް ބަލާއިރު 2018 ގެ ފަހުން ބޭއްވި އިންތިޚާބުތަކުގެ ނަތީޖާއިން ފެންނަނީ ނަޝީދު ގިނިކަންޏާ ހޯއްދެވި ވޯޓުގެ އަދަދާ ގާތްކުރާ އަދަދެއްގެ ވޯޓުވެސް އަދާލަތަށް ނުހޯދޭނެ ކަމެވެ.
މީގެ ކުރިން އަދާލަތަށް ތާއީދުކުރި ގިނަ ބަޔަކު އަދާލަތާމެދު ނުރުހުންވާ ސަބަބުތައް ބައިވަރެވެ. މި ވެރިކަމުގައި ދީނަށް ހަޖޫޖެހި މީހުން ފުރުވައިލުމެވެ. މާލެއާއި އަތޮޅު ތެރޭގައި ހަށިވިއްކުމުގެ ފާހިޝް އަމަލުތައް ހަލުއިމިނުގައި ފެތުރިގެންދިއުމެވެ. މިހުރިހާ ކަމެއް ހިނގާއިރު ރައީސް އިބްރާހީމަށް ފާޑެއްކިޔާލަން ނުކެރި އަދާލަތު އޮތުމެވެ. އަދި އަދާލަތުގެ ބައެއް އެކްޓިވިސްޓު އިލްމުވެރިން މީސްމީޑިއާގައި މީހުންނަށް މަލާމާތްކޮށް ފުރައްސާރަކުރާ ކުރުމެވެ.
ކޯލިޝަނެއް ހަދަން ބަލާއިރު އެންމެ ގިނަ ވޯޓު ލިބުމުގެ ފުރުސަތު އޮތީ ޖުމްހޫރީ ޕާޓީއަށެވެ. އެ ޕާޓީން އަދި ކޯލިޝަނަކާމެދު ގޮތެއް ނުނިންމައެވެ. ނަމަވެސް އެ ޕާޓީގެ ހަރަކާތެއް ނެތި ގިނަ ދުވަސްވުމާއި، ސަރުކާރުގެ ތެރެއިން އެ ޕާޓީއަށް ލިބޭ މަންފާތަކުގެ ހަގީގަތް ރައްޔިތުންގެ ގިނަ ބަޔަކަށް އެނގުމާއި، އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމަށް ކުރިން އޮތް ތާއީދު ކުޑަވެ އޭނާގެ އޮފުދާރުކަން ކެނޑެމުންދިއުމާއެކު، އެ ޕާޓީއަށް ހޯދައިދެވޭނީ ކިހައި ވޯޓެއްކަން ކަށަވަރެއް ނޫނެވެ. ނަމަވެސް ކުރިން ހޯދައިދިން އަދަދަށް ވޯޓު ހޯދޭނެކަމަށް ނުބެލެވެއެވެ.
ދެން އޮތީ އެމްއާރުއެމްއެވެ. މާބޮޑު ތަފުސީލަކަށް ނުދިޔަ ނަމަވެސް އެ ޕާޓީގެ އިންތިޚާބީ ނަތީޖާތަކުން ފެންނަނީ މާ ގިނަ ވޯޓުތަކެއް އެ ޕާޓީއަށް ހޯދައިނުދެވޭނެކަމެވެ. އަދި އެ ޕާޓީއާއި ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިޚާބާމެދު ގޮތެއް ނުނިންމައެވެ. އެހެންކަމުން އެ ޕާޓީތަކުގެ ނިންމުމެއް ނެތި ކޯލިޝަނެއް ނޯންނާނެއެވެ. މި ތިން ޕާޓީ އެކުވެގެންވެސް ނަޝީދަށް ތާއީދުކުރާ މީހުންނާ އެއް މިންވަރެއްގެ އަދަދެއްގެ ވޯޓު ހޯދައިދެވިދާނެތޯ އެއީ ސުވާލެކެވެ.
ރައީސް އިބްރާހީމާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމަށް ފެންނަނީ ނަޝީދު ބަލިކޮށްލައްވައި އިންތިޚާބު ކާމިޔާބުކުރެއްވުނު މަންޒަރެވެ. ނަމަވެސް އެހެން ޒާވިޔާއަކުން (އޭންގަލްއަކުން) އިންތިޚާބަށް ނަޒަރުކުރާ މީހަކަށް ފެންނަނީ ވެރިކަމުގެ ބާރުތައް އޮވެ، އިންތިޚާބެއް ކާމިޔާބުކުރުމަށް އެ ބާރުތައް ބޭނުންކުރެވެން އޮތް އެންމެ މަތީ ދަރަޖައަށް އެ ބާރުތައް ބޭނުންކޮށްގެން، ޕާޓީގެ މެންބަރުންގެ އަޣުލަބިއްޔަތުގެ ތާއީދު ނުހޯއްދެވުނު ރައީސެކެވެ.