Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްޑީޕީ ޕްރައިމަރީ

ވަގު ވޯޓެއް ނާޅާ، މިއީ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ފުރިހަމަ އިންތިހާބު: އެމްޑީޕީ

އިއްޔެ ކުރިއަށްދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިހާބަކީ މިހާތަނަށް ސިޔާސީ ޕަޓީއަކުން ބޭއްވި އެންމެ ފުރިހަމަ، އެންމެ ކާމިޔާބު އިންތިހާބު ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އަދި އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ވާދަކޮށް ޕްރައިމަރީ ކާމިޔާބު ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. އެކަމަކު ރައީސް އިންތިހާބު ކާމިޔާބުކުރެއްވީ ފޮށިތަކަށް "ވަގު ވޯޓު" އަޅައިގެން ކަމަށް ބުނެ ނަތީޖާ ގަބޫލުނުކުރާނެ ކަމަށް ނަޝީދުގެ ފެކްޝަނުން ވަނީ ބުނެފަ އެވެ.
ހުރިހާ ރަށެއްގައި ބެހެއްޓި ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް އިބްރާހީމަށް ލިބުނީ 24،572 ވޯޓެވެ. އަދި ރައީސް ނަޝީދަށް ލިބުނީ 15،631 ވޯޓެވެ.
އިއްޔެގެ ޕްރައިމަރީގެ ތެރެއިން ގިނަ ހަމަނުޖެހުންތަކެއް ހިނގައި، ބައެއް ފަރާތްތައް ހައްޔަރުވެސް ކުރި އިރު، އިންތިހާބު ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބުރޭ ވިދާޅުވީ، އިއްޔެގެ އިންތިހާބަކީ މިހާތަނަށް އެމްޑީޕީން އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އެންމެ ފުރިހަމަ އެންމެ ކާމިޔާބު އިންތިހާބު ކަމަށެވެ.
އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓައިގެން ސިޔާސީ ޕާޓީއަކުން ކުރިއަށްގެންދިޔަ ފުރަތަމަ އިންތިހާބު ކަމަށް ވާތީ އެވެ. އިއްޔެގެ އިންތިހާބުގައި ޖުމްލަ 244 ވޯޓު ފޮށި ބެހެއްޓި އެވެ.
އިންތިހާބާ ގުޅިގެން ރަސްމީ ޕޯޓަލްއަށް ހުށަހާޅާފައިވަނީ އިބުރޭ ވިދާޅުވި ގޮތުގައި 50 ޝަކުވާ އެވެ. އަދި ފޯނަށް ލިބުނީ 10 ޝަކުވާ އެވެ. 50 ޝަކުވާގެ ތެރޭގައި ގިނައީ މެންބަރުންގެ ނަން ނެތުމާއި ދާއިމީ އެޑްރެސް ބަދަލުވެފައި ހުރުން ފަދަ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ.
ގިނަ ވޯޓު ފޮށިތައް ހުރި މަރުކަޒުތަކުގައި ހަމަނުޖެހުން ހިނގީ ވެސް ވޯޓާސް ލިސްޓުގައި ނަން ނެތް މީހުން ވޯޓު ލުމުންނެވެ. ނަމަވެސް ވަގު ވޯޓު އެޅިކަމަށް ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ކުރާ ތުހުމަތުތައް ދޮގުކުރައްވައި އިބުރޭ ވިދާޅުވީ އެފަދަ ކަމެއް އަދި ފާހަގަވެފައި ނެތް ކަމަށެވެ. "މިހާތަނަށް ޑަބަލް ވޯޓު ލީކަން އަދި ފާހަގައެއް ނުވޭ،" އިބުރޭ ވިދާޅުވި އެވެ.
ޕާޓީގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނުފޫޒުން އިންތިހާބު ގަޑުބަޑުކޮށްފައިވާ ކަމަށް ރައީސް ނަޝީދުގެ ޓީމުން ވިދާޅުވި ނަމަވެސް އިބުރޭ ވިދާޅުވީ އެކަން ކުރީ އެހެން ސިޔާސީ ޕާޓީތަކުގެ މީހުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީއާ ނުބެހޭ މީހުން މި އިންތިހާބު ތެރެއަށް ވަދެ، އިންތިހާބު ގަޑުބަޑު ކުރުމަށް މަސައްކަތް ކުރި. އޭގެ ތެރޭގައި އަޅުގަނޑުމެންގެ ޕާޓީ މީހުން ބޭނުންކޮށްގެންވެސް ކަންކަން ކުރަން އުޅެފައި އެބަހުރި. އަދު އެކަންކަމުގައި އަޅުގަނޑުމެން ޕާޓީގެ ބައެއް މީހުން ބައިވެރިވެފައި ވެސް އެބަހުރި،" އިބުރޭ ވިދާޅުވި އެވެ.
އެހެންކަމުން އިންތިހާބުގައި ހަމަނުޖެހުން ހިންގި ފަރާތްތަކުގެ މައްސަލަ އިލެކްޝަން ކޮމިޓީން ބެލުމަށްފަހު ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް އެމީހުންގެ މައްސަލަ ހުށަހަޅާނެ ކަމަށް އިބުރޭ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ