އޮންލައިންކޮށް ކުޑަކުދިންގެ ކާބޯތަކެތި ވިއްކާ ފަރާތްތައް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި ރަޖިސްޓްރީ ވުމަށް އެ އޮތޯރިޓީން އަންގައިފި އެވެ.
އެމްއެފްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ތިން އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތައް ވިއްކަންވާނީ އެ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ކަމަށެވެ.
ނަމަވެސް މިހާރަކަށް އައިސް ގަވާއިދުގެ ދަށުން ރަޖިސްޓްރީކުރަން ޖެހޭ ކާބޯތަކެތި ރަޖިސްޓްރީ ނުކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
"ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާ ހިލާފަށް މިފަދަ އުފެއްދުންތައް ތައްޔާރުކޮށް ވިއްކުމަކީ އުފެއްދުމުގެ ފެންވަރާއި އަދި މިންގަނޑުތައް ނުހިފެހެއްޓޭނެ އަދި ތައްޔާރުކުރާ ތަކެތީގެ ރައްކާތެރިކަން ގެއްލިގެން ދިއުމުގެ ފުރުސަތު އޮތް ކަމެކެވެ،" އެމްއެފްޑީއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެހެންކަމުން ރާއްޖޭގައި އެފަދަ އުފެއްދުންތައް އުފައްދާ އަދި ތައްޔާރުކުރާ ފަރާތްތައް އަންނަ މަހުގެ އަށްވަނަ ދުވަހުގެ ކުރިން އެ އޮތޯރިޓީގައި ރަޖިސްޓްރީ ވުމަށް އެމްއެފްޑީއޭއިންން އެދުނެވެ. އަދި އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށް ވިއްކަމުންދާނަމަ އެފަރާތްތަކުގެ ނަން ހާމަކޮށް އާއްމު އިއުލާނު ކުރާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.