އާންމުންގެ އަތުން ނަގާ ޓެކުސް ބޮޑުކުރުމަށްފަހު ދައުލަތަށް ލިބޭ އާމްދަނީ ސަރުކާރުން ޚަރަދުކުރަމުންދަނީ ސިޔާސީ ކަންކަމަށްކަން އެމްޑީޕީގެ ޕްރައިމަރީން ސާފުވެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވެފައިވަނީ އިއްޔެ ނިމުނު އެމްޑީޕީގެ ޕްރައިމަރީއާ ދިމާކޮށް، ސަރުކާރުން އައު ގިނަ މަޝްރޫޢުތަކެއް އެކި ރަށްރަށުގައި އިއުލާނުކޮށް ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ އައު ވަޒީފާ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ދީފައިވާ ދިނުމަށް އިޝާރާތްކުރައްވައެވެ.
ސައީދު ވިދާޅުވި ގޮތުގައި ދައުލަތުގެ ވަސީލަތްތައް އަމިއްލަ އިންތިހާބަށް ބޭނުންކުރަމުން އެދަނީ އެއްވެސް މިންވަރަށް ޤާނޫނަކަށް ބެލުމެއް ނެތިއެވެ. އިންތިޚާބުތަކާ ދިމާކޮށް ވަކި ބަޔަކަށް މަންފާ ލިބޭނެ ގޮތަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމަކީ ޤާނޫނުން މަނާކުރާ ކަމެކެވެ.
އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރި ކަންކަމަކީ ކޯރެއްގެ ކޯވަރެއްކަމަށް ވިދާޅުވަނީ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ދައުލަތުގައި ފައިސާ ނެތުމުން ޓެކުސް ބޮޑުކުރިކަން ސައީދު ފާހަގަކުރެއްވިއެވެ. އޭނާ އިޝާރާތްކުރެއްވީ މި އަހަރުގެ 1 ވަނަ ދުވަހުން ފެށިގެން އާންމު މުދަލާއި ޚިދުމަތުން ނަގާ ޓެކުސް ބޮޑުކުރި ކުރުމަށެވެ. ޓެކުސް ބޮޑުކޮށްގެން ދައުލަތަށް ލިބޭ ފައިސާ ބޭނުންކުރަނީ ސިޔާސީ ކަންކަމަށް ކަމުގައި ސައީދު ވިދާޅުވިއެވެ.
އެގޮތުން އެ ފައިސާ ބޭނުންކުރާ ކަންކަމަކީ ސިޔާސީ މަޤާމުތަކާއި ސަރުކާރު ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާ އުފެއްދުމަށާއި، ޙަޤީޤަތަކަށްނުވާނެ ނެތް މަޝްރޫޢުތަކުގެ ކަޑަޖެހުމަށް ކަމުގައިވެސް އޭނާ ތުހުމަތުކުރެއްވިއެވެ.