އިންޑިއަން އެއާ ފޯސްގެ ޓްރެއިނިންއެއްގެ މެދުތެރޭގައި، އުދުހެމުން ދިޔަ 2 ޖެޓު އެކަތިއަނެކައްޗާއި ޖެހި ކޮންޓްރޯލްއިން ނެއްޓި ވެއްޓިއްޖެއެވެ.
ގްވާލިއޯ ވައިގެ ބަނދަރުން ނައްޓާލައިގެން ދިޔަ 2 ޖެޓު ވެއްޓިފައިވަނީ އިންޑިއާގެ ވެރި ރަށް ދިއްލީގެ 300 ކިލޯމީޓަރު ބޭރުންނެވެ.
އިންޑިއަން އެއާ ފޯސްގެ އޮފިސަރެއްކަމަށްވާ ދަރުމެންދަރު ގޯރުއަށް ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނާގޮތުގައި، 1 ޖެޓު ވެއްޓިފައިވާ ތަން ފެނިފައިވާކަމަށާއި، އަދި ދުއްވަން ހުރި ޕައިލަޓު ފެނިފައިވަނީ ޕަހަދުގާރު ޖަންގަލީންނެވެ.
"ލަފާކުރެވެނީ 2ވަނަ ޖެޓު ވެއްޓުނީ އަދި (ފުރަތަމަ ޖެޓު ފެނުންތަނުން) އެހިސާބުން ތަންކޮޅެއް ދުރަށް ކަމަށް. އެ ޖެޓު ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދޭ"، ކަމުގެ ތަފްސީލް ހިއްސާކުރަމުން ގޯރު ބުންޏެވެ.
ބޭރުގެ މީޑިއާތަކުން ބުނާގޮތުގައި، ފުރަތަމަ ފެނުނު ޖެޓު ވެއްޓުނު އިރު އޭގެތެރޭގައި ތިބި 3 މީހުންގެ ތެރެއިން 2 މީހުން މިހާރުވަނީ ފެނިފައެވެ. 3 ވަނަ މީހާ ފެނިފައިވާކަމެއް އަދި ނޭނގެއެވެ. ވެއްޓުނު 2 ވަނަ ޖެޓުގައި ތިބި ޓީމާއި ބެހޭގޮތުން އެއްވެސް މައުލޫމާތެއް އާންމުކޮށްފައެއް ނުވެއެވެ.
މިދިޔަ އޮކްޓޫބަރު މަހު ހިންގި ހަރަކާތްތަކެއްގައިވެސް ވަނީ 5 ސިފައިން މަރުވެފައެވެ. އެއީ، އިންޑިއާގެ އަރުނަޗާލް ޕްރަދޭޝް ސްޓޭޓްގެ ބޯޑަރު ކައިރިއަށް ހެލިކަޕްޓަރެއް ވެއްޓިގެންނެވެ.
އެ ހާދިސާ ހިނގުމުގެ ދުވަސްކޮޅެއް ކުރިން، އެ މަސްތެރޭގައި ޗީޓާ ހެލިކަޕްޓަރެއް ވެއްޓި، އޭގައި އިން ޕައިލަޓު މަރުވެފައިވެއެވެ.
2021 ޑިސެމްބަރު މަހުގައި، އިންޑިއާގެ އޭރުގެ ޑިފެންސް ޗީފް ޖެނެރަލް ބިޕިން ރާވަތު ހިމެނޭހެން އިތުރު 13 މީހުން ގޮވައިގެން އެއާ ފޯސް ބޭސްއަކަށް ދަތުރުކުރަމުންދިޔަ ހެލިކަޕްޓަރެއް ވެއްޓި އޭގެ ތެރޭގައި ތިބި އެންމެންވަނީ މަރުވެފައެވެ.