Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

މޯދީއާއި ބެހޭ ޑޮކިއުމެންޓަރީ އިންޑިއާ ސްކޫލެއްގައި ދައްކަން އުޅުނު ދަރިވަރުންތަކެއް ހައްޔަރުކޮށްފި

އިންޑިއާގެ ވެރިރަށް ދިއްލީގައި ހުންނަ ދިއްލީ ޔުނިވާސިޓީގެ ދަރިވަރުންތަކެއް، މިފަހުން ބީބީސީއިން އުފައްދާފައިވާ 2002 ގައި ގުޖުރާތުގައި ހިންގި ގަތުލުއާންމުގައި އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ކުޅުނު ރޯލާއި ބެހޭ ޑޮކިއުމެންޓަރީ ދައްކަން އުޅެނިކޮށް ފުލުހުން އެކަން ހުށްޓުވާ އެ ދަރިވަރުން ހައްޔަރު ކޮށްފިއެވެ.

24 ދަރިވަރުން ހައްޔަރުކޮށްފައިވާއިރު، އެ ޑޮކިއުމެންޓަރީ ދައްކަން ފުރަތަމަ މަސައްކަތް ކުރި އިރު އެ ސްކޫލްގައި ކިޔަވާ މޯދީގެ ޕާޓީއަށް ތާއީދުކުރާ ދަރިވަރުންވަނީ ފުލުހުން އައުމުގެ ކުރިން އެ ފިލްމް އަޅުވަން ބޭނުންކުރި ލެޕްޓޮޕްތައް ގަދަކަމުން އަތުލާ، ޔުނިވާސިޓީ ތެރޭގައި 4 ދަރިވަރުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފައެވެ.

ބީބީސީއިން އެ ޑޮކިއުމެންޓަރީ ނެރުނު ދުވަހުން ފެށިގެން އިންޑިއާގެ ސަރުކާރުން އަންނަނީ އެ ފިލްމަކީ "ޕްރޮޕަގަންޑާ ޕީސްއެއް"ކަމަށް ބުނެ، އިންޑިއާގެ އެއްވެސް ހިސާބެއްގައި އެ ފިލްމް އެޅުވުމަށް ހުރަސް އަޅާ، އިމަޖެންސީ ބާރުތައް ބޭނުން ކޮށްގެން ސޯޝަލް މީޑިއާގައި އެފިލްމް އެޅުވުމަށް މަނާ ކޮށްފައެވެ. ޔޫޓިއުބް އަދި ޓްވިޓާ ފަދަ މީސް މީޑިއާ އިދާރާތަކުގައި އެ ފިލްމްގެ ލިންކްތައް ނެގުމަށް އިންޑިއާގެ ސަރުކާރުން ގޮވާލާފައިވެއެވެ. އަދި އެ 2 އިދާރާއިންވެސް ވަނީ އެ ފިލްމް ބެލޭނެ ގިނަ ލިންކްތަކެއް ނަގާފައެވެ.

ނަމަވެސް، ދިއްލީ ޔުނިވާސިޓީފަދަ އިންޑިއާގެ އެކި ހިސާބުތަކުގެ ސްކޫލްތަކުގަޔާއި، އަދި އެހެނިހެން އިދާރާތަކުގައި އެ ފިލްމް ފުޅާކޮށް ބަލައެވެ. ޖަމިއާ މިލީއާ އިސްލާމިއާ އުނިވާސިޓީގެ ދަރިވަރުންގެ ޖަމުއިއްޔާއެއްވަނީ އެފިލްމް ބޮޑު ސްކްރީނެއްގައި ދެއްކުމުގެ މަސައްކަތް ކޮށްފައެވެ. ނަމަވެސް، އެކަމަށް ހުރަސްއަޅާ ފުލުހުންވަނީ މާރާމާރީ ހުއްޓުވުމުގައި ބޭނުންކުރާ އުކުޅުތައް ބޭނުންކޮށްގެން އެ ސްކޫލްގެ ގޭޓުން އެއްވެސް މީހަކަށް ނުވަދެވޭގޮތަށް ބަންދުކޮށްފައެވެ. ފުލުހުންނަށް ދެކޮޅުހެދި ބައެއް ދަރިވަރުންވަނީ ހައްޔަރުކޮށްފައެވެ.

ބީބީސީއިން އުފެއްދި ފިލްމް އެޅުވުމާއި ދެކޮޅަށް އިންޑިއާގެ ސަރުކާރުން އަޅާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ގިނަ ފާޑުކިޔުންތެރިންނާއި، އަދި އިންސާނީ ހައްޤުތަކާއި ބެހޭ ޖަމުއިއްޔާތަކުންވަނީ އެ ފިތްތުންތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ދެކޮޅަށް ކުރެވޭ ހަމަލާތަކެއް ކަމަށް ގޮވާލާފައެވެ.

އެ ޑޮކިއުމެންޓަރީގައި ބީބީސީއިން އަލިއަޅުވާލައިފާވަނީ، 2002 ގައި އިންޑިއާގެ ގުޖުރާތުގައި މުސްލިމުންނާއި ދެކޮޅަށް ރޭވިގެން ހިންގި ހަމަނުޖެހުންތަކަށެވެ. އަޅުކަން ކުރުމަށް ދިޔަ ހިންދޫ މީހުންތަކެއް ގޮވަގިގެން ދަތުރުކުރަމުންދިޔަ ރޭލެއް ރޯވުމާއި ގުޅިގެން، އިންޑިއާގެ އެންމެ ބޮޑު މައިނޯރިޓީކަމަށްވާ މުސްލިމުމްނާއި ދެކޮޅަށް އެގައުމުގެ ހިންދޫ ރައްޔިތުން ނިކުމެވަނީ ލާއިންސާނީ ގޮތަކަށް މަރާލާ، އަދި ގިނަ އަންހެނުން ޖަލުގައި ގައިދުކޮށް މަތިމަތިން ރޭޕުކޮށްފައެވެ. 2000 ވަރަކަށް މުސްލިމުން މަރާލި އެ ހަމަނުޖެހުންތަކުގައި މޯދީ އެކަމަށް އެއްބާރުލުންދީ، އަދި ފުލުހުންނަށް އެކަން ނުހުށްޓުވުމަށް އަމުރުކޮށްފައިވާކަމަށް އެ ފިލްމުން ދައްކައިދެއެވެ.

އެ ފިލްމް ބިނާކޮށްފައިވާ ބީބީސީއިން އެކުލަވާލި ރިޕޯޓުގައިވާގޮތުން، އެ މާރާމާރީތަކަކީ ސިޔާސީ ނުފޫޒް އޭގެތެރޭގައި ހިމެނުނު ހަމަނުޖެހުންތަކެއްކަމަށާއި، އަދި އެކަން ކޮށްފައިވަނި "ހިންދޫ ހިސާބުތަކުން މުސްލިމުން ނައްތާލުމުގެ ނިޔަތުގައި"ކަމަށެވެ.
މި ލިއުމާއި ގުޅޭ