Saturday 9th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފުޓުބޯޅަ

ހަނި މޮޅެއް ހޯދައި ބާސެލޯނާ އަށް ހަ ޕޮއިންޓުގެ ލީޑެއް

ސްޕެނިޝް ލީގުގައި ރޭ 1-0 އިން ޖިރޯނާ ބަލިކޮށް ބާސެލޯނާ އިން ލީގުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފި އެވެ.
ފަހަކަށް އައިސް ނަތީޖާތައް ރަނގަޅުކޮށްފައިވާ ބާސެލޯނާ މިހާރު އެއްވަނައިގައި އޮތީ 18 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ވާދަވެރި ރެއާލް މެޑްރިޑް ދެވަނައިގައި އޮތީ 41 ޕޮއިންޓާ އެކު އެވެ.

ލީގުގައި ރެއާލް މިރޭ ނުކުންނާނީ 38 ޕޮއިންޓާ އެކު ތިންވަނައިގައި އޮތް ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށެވެ. ރެއާލް ދަނޑުގައި ކުޅޭ އެ މެޗުން މޮޅުވެގެން ސޮސިއެޑާޑަށް ލީގު ރޭގަށް ވަދެވޭނެ އެވެ. އަނެއްކޮޅުން ބާސެލޯނާއާ ގާތްކުރަން ރެއާލަށް މިރޭގެ މެޗުން މޮޅުވުމުން މަޖުބޫރެވެ.

ރޭގެ މެޗަށް ބާސެލޯނާ ނުކުތީ ސަސްޕެންޝަނުގެ ސަބަބުން ރޮބާޓް ލެވަންޑޯސްކީ އާއި ފެރާން ޓޮރޭޒް ނުލަ އެވެ. އެޓީމުގެ ކުރި ބެލެހެއްޓީ ރަފީނިއާ އާއި އަންސޫ ފާޓީ އަދި އުސްމާނޭ ޑެމްބެލޭ އެވެ. އެކަމަކު އަނިޔާގެ ސަބަބުން 26 ވަނަ މިނެޓުގައި ޑެމްބެލޭ ވަނީ ބަދަލުކޮށްފަ އެވެ.

މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލު ޖެހީ ޑެމްބެލޭގެ ބަދަލުގައި ކުޅެން އެރި ޕެޑްރީ އެވެ. 61 ވަނަ މިނެޓުގައި ޕެޑްރީ މި ގޯލު ޖެހީ ޖޯޑީ އަލްބާ ނަގައިދިން ހުރަހަކުންނެވެ. މިއީ 20 އަހަރުގެ ޕެޑްރީ މި ސީޒަނުގެ ލީގުގައި ޖެހި ފަސްވަނަ ގޯލެވެ. ބާސެލޯނާގެ ފުރަތަމަ ޓީމުން ޖާގަ ހޯދުމަށް ފަހު ޕެޑްރީ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ރޭގެ މެޗަކީ ހުރިހާ މުބާރާތެއްގައި ޕެޑްރީ ބާސެލޯނާ އަށް ކުޅެދިން 100 ވަނަ މެޗެވެ.

މޮޅާ އެކު ބާސެލޯނާ ވަނީ ލީގުގައި ބަލިނުވެ ނުވަ މެޗު ހަމަކޮށްފަ އެވެ. ހުރިހާ މުބާރާތެއްގައި ބާސެލޯނާ ބަލިނުވެ ކުޅުނު މެޗުގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ.

ސްޕެނިޝް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކާޑިޒް ވަނީ އަމިއްލަ ދަނޑުގައި މަޔޯކާ އަތުން 0-2 އިން މޮޅުވެފަ އެވެ. ސެވިއްޔާ އިން އަމިއްލަ ދަނޑުގައި އެލްޗޭއާ ވާދަކުރި މެޗު ކާމިޔާބުކުރީ 0-3 އިންނެވެ. ގެޓާފޭ ވަނީ އަމިއްލަ ދަނޑުގައި ރެއާލް ބެޓިސް އަތުން 1-0 އިން ބަލިވެފަ އެވެ.

ލީގުގައި މިރޭ ރެއާލް މެޑްރިޑާއި ސޮސިއެޑާޑް ވާދަކުރާ މެޗު ފަށާނީ މެންދަމު އެކެއް ޖަހާއިރު އެވެ.

މި ލިއުމާއި ގުޅޭ