އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ރޭ އަމިއްލަ ދަނޑުގައި 1-3 އިން ރެޑިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ އަނެއް ބުރުން ފުރުސަތު ހޯދައިފި އެވެ.
އެފްއޭ ކަޕްގައި ކުރިއަށް ދިޔައިރު ޔުނައިޓެޑް ވަނީ އިނގިރޭސި ލީގު ކަޕްގެ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުކޮށްފަ އެވެ. ލީގުގެ ގަދަ ހަތަރެއްގައި އުޅޭއިރު ޔޫއެފާ ޔޫރޮޕާ ލީގުގައި ނުކުންނާނީ ބާސެލޯނާއާ ދެކޮޅަށެވެ.
ރޭގެ މެޗުގައި ޔުނައިޓެޑްގެ ތަރިއަކަށްވީ ބްރެޒިލްގެ މިޑްފީލްޑަރު ކަސެމީރޯ އެވެ. ޔުނައިޓެޑްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ކަސެމީރޯ ޖެހިއިރު އަނެއް ގޯލު ޖެހީ ފްރެޑް އެވެ.
މެޗުގެ ފުރަތަމަ ގޯލު ކަސެމީރޯ ޖެހީ 54 ވަނަ މިނެޓުގަ އެވެ. މިއީ އެންޓޮނީ ދިން މޮޅު ޕާހަކުން ކަސެމީރޯ ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 58 ވަނަ މިނެޓުގައި ފްރެޑްގެ އެހީގައި ކަސެމީރޯ މެޗުގެ ދެވަނަ ގޯލު ޖެހި އެވެ. 66 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ތިންވަނަ ގޯލު ޖެހީ ފްރެޑް އެވެ. މިއީ ބްރޫނޯ ފެނާންޑޭސްގެ އެހީގައި ފްރެޑް ޖެހި ގޯލެކެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ރެޑިންގެ އެންޑީ ކެރޯލް އަށް ރަތް ކާޑު ދެއްކުމުން ރެޑިން ބާކީބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ. ކެރޯލް އަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކީ ކަސެމީރޯ އަށް ކުރި ފައުލަކަށެވެ. ކެރޯލް އަކީ ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލަށް ކުރިން ކުޅުނު ކުޅުންތެރިއެކެވެ. ރެޑިންގެ ހަމައެކަނި ގޯލު 72 ވަނަ މިނެޓުގައި ޖެހީ އަމަދޫ ބެންގޫ އެވެ.
އެފްއޭ ކަޕްގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ ވެސް ވަނީ އަނެއް ބުރުން ފުރުސަތު ހޯދާފަ އެވެ. އެޓީމު ޕްރެސްޓަން ނޯތު އެންޑް އަތުން ރަށުން ބޭރުގައި މޮޅުވީ 3-0 އިންނެވެ. މެޗުގައި ސޮން ހެއުން މިން ދެ ގޯލު ޖެހި އެވެ. އަނެއް ގޯލު ޖެހީ ބެންޗުން ކުޅެން އެރި އާނަޓް ޔަންޔުމާ އެވެ. ޔަންޔުމާ އަކީ ސްޕެއިންގެ ވިޔަރެއާލްގެ ލޯނު އުސޫލުން މިދިޔަ ހަފްތާ ޓޮޓެންހަމް އަށް ބަދަލުވި ކުޅުންތެރިއެކެވެ.
އެފްއޭ ކަޕްގައި ޕްރިމިއާ ލީގުގެ ކްލަބް ލީޑްސް ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި އެކްރިންޓަން 3-1 އިން ބަލިކޮށްފަ އެވެ. ވޯލްސެލްއާ ވާދަކޮށް ލެސްޓާ ވެސް ވަނީ ރަށުން ބޭރުގައި 1-0 އިން މޮޅުވެފަ އެވެ. ސައުތެމްޓަން އިން އަމިއްލަ ދަނޑުގައި ބްލެކްޕޫލްއާ ވާދަކޮށް މޮޅުވީ 1-2 އިންނެވެ. ފުލަމް އަމިއްލަ ދަނޑުގައި ސަންޑަލެންޑާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
އެފްއޭ ކަޕްގައި މިރޭ ލިވަޕޫލުން ބްރައިޓަންއާ ދެކޮޅަށް ނުކުންނާނެ އެވެ. ބްރައިޓަން ދަނޑުގައި އެ މެޗު ފަށާނީ މިއަދު 6:30 ގަ އެވެ.