އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުގައި ބޮޑު ފަރަގަކުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކުރީގައި އުޅުއްވަނީ މަދު ބައެއް ތަންތަނުގައި ހުރި ވޯޓު ފޮށިތަކުގައި އާދަޔާ ޚިލާފަށް ގިނައިން ވޯޓު ހުރުމުންކަމަށް އެމަނިކުފާނާ ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ އިންތިޚާބީ އެޖެންޓު ޙަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ޙަސަން މިފަދައިން ވިދާޅުވެ ޓުވީޓެއް ކުރައްވާފައިވާއިރު ބައެއް މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރައީސް ނަޝީދުވަނީ އެމަނިކުފާނުގެ ސަޕޯޓަރުން ތިއްބަވާ ގުރޫޕަކަށް ހަމަ މި މޭރުމުން މެސެޖެއް ފޮނުއްވާފައެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ޙަސަނު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން އަންނަނީ ނަތީޖާ ޝީޓުތައް ބަލަމުން ކަމަށެވެ. އަދި ވޯޓު ފޮށިތަކުގެ ތެރެއިން ގިނަ ފޮށިތަކުގެ ނަތީޖާގައި ރައީސް ނަޝީދު އުޅުއްވަނީ ކުރީގައި ކަމަށްވެސް ޙަސަނު ވިދާޅުވިއެވެ.
ޙަސަން ވިދާޅުވި ގޮތުގައި ފަރަގެއް އެ ދައްކަނީ މަދު ބައެއް ތަންތަނުގައި އާދަޔާ ޚިލާފަށް ގިނަ ވޯޓު ފޮށިތަކުގައި ހުރުމުން ކަމަށެވެ.
ރައީސް ނަޝީދުގެ ޓީމުން މިފަދައިން ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމަށް ތާއީދުކުރާ ބައެއް އެކްޓިވިސްޓުން ޓުވިޓާގައި އާންމުކޮށްފައިވާ ބައެއް ނަތީޖާ ޝީޓުތަކުން ފެންނަ ގޮތުގައި ބައެއް ފޮށިތަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންނަށްވުރެ ގިނަ މީހުން އެ ފޮށިތަކަށް ވޯޓު ލާފައިވެއެވެ.
އެގޮތުން މާލޭގައި ހުރި ގއ.ވިލިނގިލީ ވޯޓު ފޮށްޓަށް ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 230 މީހުންނަށްކަމުގައިވީ ނަމަވެސް 241 މީހަކު އެ ފޮށްޓަށް ވޯޓު ލާފައިވެއެވެ.
ޕްރައިމަރީގެ ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ރައީސް އިބްރާހީމަށް މި އިންތިޚާބުގައި ވޯޓުގެ 61 އިންސައްތައާ ގާތްކުރާ މިންވަރުގެ އަޣުލަބިއްޔަތެއް ލިބިފައިވެއެވެ. އެމަނިކުފާނަށް 21،729 ވޯޓު ލިބިވަޑައިގެންފައިވެއެވެ. ނަޝީދަށް ލިބިވަޑައިގަތީ 13،653 ވޯޓެވެ.