ގދ.ތިނަދޫ އަބޫބަކުރު ސުކޫލުގައި ބަހައްޓާފައި ހުރި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓު ފޮށި ފަޅައިލުމުން އަނެއްކާ އައު ފޮއްޓެއް ގެނެސް ގަނޑުތަކެއްގައި ފާހަގަ ޖަހައިގެން ފޮއްޓަށް އެޅުމަށްފަހު ވޯޓުލާން ފަށައިފިއެވެ.
ތިނަދޫ އަބޫބަކުރު ސުކޫލުގައި ހުރި ރައީސް މުޙައްމަދު ނަޝީދުގެ މަންދޫބު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަބޫބަކުރު ސުކޫލުގައި ހުރި ފޮށި ފަޅައިލާ ވޯޓުތައް ވީދައިލުމުން އަނެއްކާ އައު ފޮއްޓެއް ގެނެސް އެއަށް ވޯޓު އަޅަން ފަށާފައިވާ ކަމަށެވެ.
އަލުން ވޯޓުލާން ހުޅުވައިލުމުގެ ބަދަލުގައި ކުރިން ވޯޓުލީ މީހުންގެ ފަރާތުންކަމަށް ބުނެ ގަނޑުތަކެއްގަިއ ފާހަގަ ޖެހުމަށްފަހު ވޯޓު ފޮއްޓަށް އަޅައިލަމުންދާ ކަމަށްވެސް އެތަނުގައި ހުރި ރައީސް ނަޝީދުގެ މަންދޫބު ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ކުރިއަށްދާ ޕްރައިމަރީގެ ވޯޓުލުމުގައި ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދެއެވެ. އެގޮތުން ގިނަ އަދަދެއްގެ ރަށްތަކުގައި މަސްރަހު ހޫނުވެ ވޯޓު ފޮށިތައް ތަޅައިލާ، ވޯޓު ކަރުދާސްތައް އުކައިލަމުންދެއެވެ.
މައްސަލަ ހޫނުވާ މައިގަނޑު ސަބަބަކީ ވޯޓުލުމުގެ ހައްގު އޮންނަ ފަރާތްތަކުގެ ލިސްޓުގައި ނަން ނެތް މީހުން ވޯޓުލާތީއެވެ. އެ މައްސަލަ ހޫނުވެ ބައެއް ވޯޓުލާ ތަންތަނުގައި މާރާމާރީ ހިންގައި އެއްބަޔަކު އަނެއް ބަޔަކަށް ހަމަލާދީފައިވެއެވެ.
ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު އަންނަނީ ވޯޓު ގަޑުބަޑުކޮށް އޮޅުވާލާފައިވާކަމަށް ބުނެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ ކެމްޕެއިން ޓީމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.