އެމްޑީޕީ ޕްރައިމަރީގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ވާދަކުރައްވާ އެ ޕާޓީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހައްޔަރުނުކޮށް ހުއްޓައިލާނެހެން ހީނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިފަދައިން އީވާ ވިދާޅުވެފައިވަނީ ގދ.ރަތަފަންދޫގައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އިންތިޚާބު އިބްޒާވުކުރަން ތިބި ދެ މީހުންނާއި، އެމަނިކުފާނުގެ ފަރާތްޕުޅުން އެ ރަށުގައި ހަރަކާތްތެރިވެވަޑައިގަންނަވާ މަންދޫބު ހައްޔަރުކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ރަތަފަންދޫގެ ވޯޓުލާ ސަރަހައްދުގައި ހަމަނުޖެހުން ހިނގައި ވޯޓު ފޮށީގައި ހުރި ވޯޓުތައް ބިންމައްޗަށް އަޅާލާފައިވެއެވެ. ބިންމަތީގައި ހުރި ވޯޓުތައް ނަގައި އަލުން ފޮއްޓަށް އެޅުމަށްފަހު ވޯޓުލުން ކުރިއަށްގެންދަން ފަށާފައިވެއެވެ.
މިކަމާ ގުޅިގެން އެކަން އެމްޑީޕީގެ ސެކްރެޓެރިއޭޓުން ނުބަލާތީ ހިތްހަމަޖެހިވަޑައިނުގަތުން ފާޅުކުރައްވައި އީވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރަށްރަށުގައި ތިބި ރައީސް ނަޝީދުގެ މަންދޫބުންނާއި އޮބްޒާވަރުން ހައްޔަރުކޮށްފައިވާއިރު އެކަން ޕާޓީން ބަލަން ނުވޭތޯއެވެ.