މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ގދ.ރަތަފަންދޫގައި ވޯޓުލުމުގެ ކަންކަން އޮބްޒާވްކުރުމަށް ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ތިބި ދެ އޮބްޒާވަރުން ހައްޔަރުކޮށްފިއެވެ.
ރަތަފަންދޫ ވޯޓު ފޮއްޓާ ގުޅިގެން އުފެދުނު ދެބަސްވުމުގެ ތެރެއިން ރައީސް ނަޝީދުގެ ދެ އޮބްޒާވަރުން ހައްޔަރުކޮށްފައިވާކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲއެވެ. އީވާގެ ޓުވީޓެއްގައި ދެ މީހުން ހައްޔަރުކުރިކަން ހާމަކުރެއްވިއެވެ.
ރަތަފަންދޫން "ދިޔަރެސް"އާ ވާހަކަދެއްކި އެމްޑީޕީގެ މެންބަރަކުވަނީ ނަޝީދުގެ ދެ އޮބްޒާވަރުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަން ކަށަވަރުކޮށްދީފައެވެ.
އޭނާ ބުނި ގޮތުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ވޯޓު ފޮށީގައި ހުރި ވޯޓު ކަރުދާސްތައް ބިންމައްޗަށް އަޅާލާފައިވާ ކަމަށެވެ. އީވާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ބިންމަތީގައި ހުރި ވޯޓުތައް ހޮވައިގެން އަލުން ފޮއްޓަށް އެޅުމަށް ވޯޓުލުން ކުރިއަށްގެންދާ ކަމަށެވެ.
އަދި އެމްޑީޕީގެ ސެކްރެޓޭރިއެޓު ޓެގުކުރައްވައި އީވާ ސުވާލުކުރައްވާފައިވަނި މިވަރު ވުމުންވެސް އެކަންކަން ނުބެލޭތޯއެވެ.