Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރ އަހްމަދު ޝިޔާމް

ރައީސް ޔާމީނަށް އަނިޔާވެރިވާ މީހުން ނޯޅޭ، އެމްޑީޕީގެ ޕްރައިމަރީއަށް ޝައުޤެއް ނެތް: ޝިޔާމް

އިދިކޮޅު އިއްތިހާދުގެ ލީޑަރަށް އަނިޔާކުރަނީ ކޮން ބައެއްކަން އޮޅިގެން ނޫޅޭކަމަށާއި، މާދަމާ އޮންނަ އެމްޑީޕީގެ ޕްރައިމަރީއާމެދު އިދިކޮޅުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތްކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.

ޝިޔާމު މިފަދައިން ވިދާޅުވީ ރައީސް އިބްރާހީމު މުޙައްމަދު ޞާލިޙަށް ތާއީދުކުރާ ފަރާތަކުން ކުރި ޓުވީޓަކަށް ރައްދުދެއްވައެވެ. ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމުގެ އިސްތިއުނާފު ލަސްކުރަނީ ޕްރައިމަރީން ރައީސް މުޙައްމަދު ނަޝީދު މޮޅުވެވަޑައިގަތުމުގެ އުންމީދުގައިކަމަށް އޭނާ ތުހުމަތުކުރިއެވެ.

ރައީސް އިބްރާހީމުގެ ކެމްޕެއިން ޓީމުން ގެންދަނީ ނަޝީދާއި ޕީޕީއެމް ގުޅިފައިވާކަމަށް ބުނެ ދޮގު ވާހަކަތައް ފަތުރަމުންނެވެ. ނަޝީދު ތަކުރާރުކޮށް އެތައް ފަހަރަކު ޕީޕީއެމާއެކު މަސައްކަތްނުކުރައްވާނެކަމަށް ވިދާޅުވެފައިވާއިރު، ޕީޕީއެމުންވެސް ބުނެފައިވަނީ މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއެކު މަސައްކަތްކުރުމުގެ ޝައުޤުވެރިކަމެއް ނެތް ކަމަށެވެ.

ޝިޔާމު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ މައްސަލައަށް އަތްބާނައި، ނުފޫޒުފޯރުވައި، އަދި ރައީސް ޔާމީނަށް އަނިޔާވެރިވާ ފަރާތްތަކަށް ޕީޕީއެމް/ޕީއެންސީއަށް އޮޅިގެން ނޫޅޭ ކަމަށެވެ.

އިދިކޮޅުންވަނީ ރައީސް ޔާމީނުގެ މައްސަލައަށް ނުފޫޒު ފޯރުވަނީ ރައީސް އިބްރާހީމާއި ރައީސް ނަޝީދު ގުޅިވަޑައިގެންކަމަށް ތަފާތު އެތައް ފަހަރެއްގެ މަތިން ތުހުމަތުކޮށްފައެވެ. ޚާއްޞަކޮށް ނަޝީދާއި އެމަނިކުފާނުގެ ކުރީގެ ޤާނޫނީ ޓީމަކީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުންނަށްވާތީ އެ ތުހުމަތު ނަޝީދަށް އިދިކޮޅުން ރައްދުކުރެއެވެ.

ޝިޔާމު ވިދާޅުވީ މާދަމާ އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓާމެދު ޕީޕީއެމް/ޕީއެންސީގެ ޝައުޤެެއް ނެތް ކަމަށެވެ. އަދި "ޑިމޮކްރެޓިކް" ލޭބަލް ޖަހައިގެން އެމްޑީޕީން މާދަމާ ހާވާނީ ކޮން ހަޑިއެއްކަންވެސް އެނގޭކަމަށް ޝިޔާމު ވިދާޅުވިއެވެ.

އަދި މި އަހަރު އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނަ 9 ސެޕްޓެންބަރުވާ ދުވަހު ދިވެހި ރައްޔިތުން މި ސަރުކާރު ނިމުމަކަށް ގެންނާނެކަމަށް ޝިޔާމު ވިދާޅުވިއެވެ. "9 ސެޕްޓެންބަރުގައި ރައްޔިތުން މި ޣައްދާރުން ވެރިކަމުން ބާލާނެ،" އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ