މާދަމާ އޮންނަ އެމްޑީޕީގެ ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އަނެއްކަވެސް ސިޔާސީ މަގާމެއް އުފައްދައި އިތުރު ފަރާތަކަށް ވަޒީފާ ދީފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރަކަށް އައްޔަންކޮށްފައިވަނީ އަލީ ސާލިމް ރަޝީދް އެވެ. އޭނައަކީ އައްޑޫއަށް ނިސްބަތްވާ މީހެކެކެވެ.
އިންތިހާބާ ދިމާކޮށް އުފެއްދި އެ ސިޔާސީ މަގާމުގެ މުސާރައަށް މަހަކު 18،850ރ. ހަރަދުވާނެ އެވެ.
ސާލިމް އަކީ ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މިނިސްޓަރ ކައުންސެލަރގެ މަގާމުގައި ހުންނަވާ ހުސެއިން ރަޝީދު އަހުމަދަށް ބޮޑުބޭބެ ކިޔާ މީހެކެވެ.
ދިވެހި ސަރުކާރުން ހުސައިން ރަޝީދުގެ މުސާރައަށްވެސް އަހަރެއްގެ މައްޗަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކުރެ އެވެ. "ދިޔަރެސް" އަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު ސަރުކާރުން އަހަރެއްގެ މައްޗަށް 2،002،047 ހަރަދުކުރެ އެވެ. އެއީ މަހެއްގެ މައްޗަށް 166،837 ރުފިޔާ އެވެ.
އެމްޑީޕީގެ ޕްރައިމެރީ އިންތިހާބާއި ގުޅިގެން ސަރުކާރުން ދަނީ ގިނަ އަދަދަކަށް ސިޔާސީ މަގާމު އުފައްދަމުންނެވެ. ހާއްސަކޮށް އާބާދީ ބޮޑު ރަށްރަށުގެ ނުފޫޒުގަދަ އާއިލާތަކުގެ މީހުންނަށް އިސްކަންދީގެން ސަރުކާރުން ދަނީ ސިޔާސީ ވަޒީފާތައް ދެމުންނެވެ.
އެގޮތުން މި މަހުގެ ކުރީކޮޅު ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމަށް ވެސް ވަނީ އަހަމުދު ރަޝީދު (ދޮންކޮޅު) އައްޔަންކޮށްފަ އެވެ. އަދި އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރަށްވެސް ވަނީ ޕްލޭނިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދީފަ އެވެ.