ހަގީގީ މަސްވެރިންގެ ރައީސަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމަށާއި އެމަނިކުފާނު މަސްވެރިންނަށް ހެޔޮ ގޮތް ހޯއްދަވައި ދެއްވާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމާ ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ މި ސަރުކާރުން މަސްވެރިންނަށްވީ ވައުދުތައް ނުފުއްދާތީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.
އެގޮތުން ގޭދޮށު މަސް ފެކްޓްރީތައް އެޅުން ފަދަ އެމްޑީޕީގެ މެނިފެސްޓޯގައި މަސްވެރިންނަށް ކޮށްދޭނެ ކަމަށް ވައުދުވީ ގިނަ ކަންކަން ނުކުރާ ކަމަށާއި އޭގެ ސަބަބުން ރޯ މަސް ބޭރު ކުރަން ޖެހުމުން ލިބޭ ފައިދާ ކުޑަވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޕްރައިމަރީ ކެމްޕެއިން ނިންމުމަށް އައްޑޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމްގެ އައްޑޫ ކެމްޕެއިން ކޯޑިނޭޓަރު އަސްލަމް ވިދާޅުވީ ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެއް އޮތީ މަސްވެރިކަމާ ގުޅޭގޮތުން ކަމަށެވެ.
ތެލުގެ އަގު މައްޗަށް ދިއުމާއެކު މަސްވެރިންނަށް އޮންނަ މަންފާ ކުޑަވެގެން ދިޔަ ނަމަވެސް، މަސްވެރިކަމަށް އެންމެ ބޮޑު އިންވެސްޓެއް ކުރީ މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ މައުލޫމާތުގައި [ރައީސް އިބްރާހީމްގެ އާއިލާ އަކީ] އުތުރުގެ އެންމެ ބޮޑު މަސް ފްލީޓް އެއް ޒަމާނެއްގައި ގެންގުޅުއްވި އާއިލާ. މަސްވެރިންގެ އިހްސާސްތައް ދެނެވަޑައިގަންނަވާނެ. މަސްވެރިންނަށް ހެޔޮ ގޮތް ހޯއްދަވައިދެއްވާނެ. ކަންބޮޑުވެ ނުލައްވާ،" އަސްލަމް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މަސްވެރިންނަށް ފުރިހަމަ އަގު ހޯއްދަވައިދެއްވާނީ އަގުން އަދަދުން ކިޔުއްވާފައެއް ނޫން، މިވެނި އަދަދަކަށް ތިމަންނަ ގަންނާނަމޭ. ހިސާބުތަކެއް ދޮގެއް ނުހަދާނެ، މީ ހިސާބުތައް ފެންނަން އޮތްގޮތް. އެހެންކަމުން މަސްވެރިންގެ ހަގީގީ ރައީސަކީ މިއީ."
މަސްވެރިންނަށް ހަމަ އަގު ހޯދައިދޭނީ އަދަދުން ނޫން ކަމަށް އަސްލަމް ވިދާޅުވި އިރު، ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި މަސް ކިލޯއެއްގެ އަގު 25ރ. އަށް އުފުލައިދޭނެ ކަމަށް ވިދާޅުވެފަ އެވެ. މަސްވެރިންނަށް މި ސަރުކާރުން ވީ އެއްވެސް ވައުދެއް ނުފުއްދާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުންވެސް މީގެ ކުރިން ވަނީ މުޒާހަރާކޮށްފަ އެވެ.