Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޔާސީ އިންތިޚާބު

ފާއިތުވި 24 ގަޑިއިރުން، ރިޔާސީ އިންތިޚާބުގައި ސަރުކާރުން ގެންގުޅޭނެ އުކުޅުތަކުގެ ކުޑަ މިންވަރެއް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ސަރުކާރުން ގެންގުޅޭނެ އުކުޅުތަކުގެ ކުޑަ މިންވަރެއް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފެނިގެން ހިނގައްޖެއެވެ.

އިންތިޚާބާ ކައިރިކޮށް ރައްޔިތުން ބޭނުންވެ، ފާއިތުވި 4 އަހަރު ތެރޭގައި ނުފެށި ނުކުރެވި ހުރި އެތައް ކަމެއް ފެށިގެންދާނެކަން ސާފުކޮށް ފެނިއްޖެއެވެ. މި މަހުގެ 28 ވަނައަށްވާ ހޮނިހިރުދުވަހުގައި އޮންނަ އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކައިރިވާ މިންވަރަކުން ސަރުކާރުން އިއުލާނުކުރާ ކަންކަމުގެ ސަބަބުންނެވެ.

ބަހައިލާނެ ބިންތައް ކަނޑައެޅުން

ޕްރައިމަރީގެ ވޯޓުލުމަށް 2 ދުވަހަށް ވެފައިވަނިކޮށް މާލެ ސިޓީގެ ރައްޔިތުންނަށް ޚާއްޞަކޮށް ހުޅުމާލެއިން ބަހައިލަން ސަރުކާރުން ގަސްތުކުރާ 1،000 ގޯތި ދޫކުރާނެ ސަރަހައްދު ކަނޑައަޅައި ސާފުކޮށްފިއެވެ.

މި ސަރަހައްދަކީ އަލަށް މި ސަރުކާރުން ހިއްކި ސަރަހައްދެއް ނޫނެވެ. މިއީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ހިއްކައި ނިންމާފައިވާ ހުޅުމާލޭ ދެވަނަ ފިޔަވަހިން ބަހައިލާ ބިންތަކެކެވެ. ސަރުކާރަށް 4 އަހަރުވީއިރު އެ ސަރަހައްދު ކަނޑައަޅައި ނުނިންމި އޮތުމަށްފަހު ޕްރައިމަރީގެ ވޯޓުލުމަށް 2 ދުވަހަށްވުމުން އެކަން ކޮށް ނިންމައިލެވިއްޖެއެވެ.

އެ ސަރަހައްދުން ދޫކުރަނީ 1،250 އަކަފޫޓުގެ 1،000 ގޯއްޗެވެ. އެއީ 1.2 މިލިއަން އަކަފޫޓުގެ ބޮޑުމިނުގެ ސަރަހައްދެކެވެ. އެހެންކަމުން މާލޭ މީހުންނަށް ގޯތި ދޫކުރަން ހުޅުމާލެއިން އެކަނި ހުސްކުރަނީ ހިޔާ ފުލެޓުގެ ބޮޑުމިނުގެ އެތައް ޓަވަރެއް އަޅައި އެތައް ހާސް ރައްޔިތަކަށް ގެދޮރު ދޭން އޮތް ބިމެވެ.

މެންދަމު އައްޑޫން ގޯތި ދޫކުރަން އިއުލާނުކުރުން

އެމްޑީޕީގެ ފުރިހަމަ ބާރު އޮންނަ ސިޓީ ކައުންސިލެއް އޮތް އައްޑޫގައި ފާއިތުވި 4 އަހަރު ގޯއްޗެއް ދުލެއް ނުކުރެއެވެ. ބިން ނެތިގެނެއް ނޫނެވެ. ނަމަވެސް އިންތިޚާބާ ޖެހެންދެން ގޯތި ބަހައިލުމުގެ ވިސްނުމެއް ނެތީއެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމަށް 3، 4 ދުވަހަށްވުމާއެކު، އައްޑޫން ގޯތި ބަހަން ނިންމައިފިއެވެ. ސިޓީ ކައުންސިލުންނެވެ. ސަރުކާރުން ބުނަނީ ސަރުކާރާ ބެހޭ ކަމެއް ނޫން ކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުން ތިއްބެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ފަޅީގައެވެ. ޕްރައިމަރީގައި އައްޑޫން 60 އިންސައްތައަށްވުރެ ބޮޑު އަޣުލަބިއްޔަތެއް ރައީސް އިބްރާހީމަށް ހޯއްދަވައިދެއްވާނެކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވި އަޑު އެންމެނަށްމެ އިވުނެވެ.

ރައީސް އިބްރާހީމުގެ ޕްރައިމަރީ ކެމްޕެއިން ނިންމަވައިލައްވަނީ އައްޑޫއިންނެވެ. ކެމްޕެއިން ނިންމަވައިލައްވާ ޖަލްސާއަށް އައްޑޫއަށް ވަޑައިގަތުމުގެ 2، 3 ދުވަސް ކުރިން މެންދަމުގެ އަދިރީގައި ރައްޔިތުން ގަދަ ނިދީގައި ތިއްބާ އައްޑޫ ފޭދޫންނާއި ހިތަދޫން ބިން ބަހައިލަން އިއުލާނުކުރީއެވެ.

ފޭދޫން ބަހައިލަން އިއުލާނުކުރި ބިމަކީ 2017 ވަނަ އަހަރު ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިއްކަވާފައި އޮތް ބިމެކެވެ. މި ސަރުކާރު ވެރިކަމަށް އައިސް ހުޅުމާލެ ފިޔަވަހި 2 ފަދައިން ހުހަށް ބާއްވާފައި އޮތް ހާސާ ބިމެކެވެ. ޕްރައިމަރީގެ ވޯޓުލުން ކައިރިވުމުން ބަހައިލަން އިއުލާނުކުރީއެވެ.

އެންމެ 21 މިލިއަން ރުފިޔާއަށް ބޮޑު ކަނޑުއޮޅިއެއް ހުރަސްކޮށް ބުރިޖު އަޅަން ހަވާލުކުރުން

ދެން މިއަދު އިވުނީ ގއ.ވިލިނގިއްޔާއި އެ އަތޮޅު ކޫއްޑޫގެ ދެމެދުގައި އޮންނަ ފުން ކަނޑުއޮޅި ހުރަސްކޮށް ބުރިޖެއް އަޅަން ހަވާލުކުރި ވާހަކައެވެ. އެ ބުރިޖު ޑިޒައިންކޮށް ބިނާކުރަން ހަވާލުކުރީ އެމްޓީސީސީއާއެވެ. ހަވާލުކުރީ 21 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާށެވެ.

21.4 މިލިއަން ރުފިޔާއަށް ކަނޑު ހުރަސްކޮށް އަޅާ ބޮޑު އަދި ފުން ތަނބުތަކެއް ޖަހަންޖެހޭ ބުރަ ބޮޑު މަސައްކަތްކުރަން އެމްޓީސީއާ ހަވާލުކުރިއެވެ. ހުރިހާ ނޫހެއްގައި ޚަބަރުޖަހައި، ނިމުނު ފަހުން އެކަން ހަވާލުކުރިކަން އިއުލާނުކޮށް ކުރި ޓުވީޓު ބަދަލުކޮށްފިއެވެ.

މިހާރު ކޮށްފައިވާ ޓުވީޓުގައި ބުނެފައިވާ ގޮތުން އެމްޓީސީސީއާ ހަވާލުކުރީ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ސްޓަޑީއެއް ހެދުމަށެވެ. އެ މަސައްކަތް 21.4 މިލިއަން ރުފިޔާއަށް ހަވާލުކުރިއިރު މި އަހަރުގެ ބަޖެޓުގައި އެ މަޝްރޫޢުގެ ސާވޭއަށް ޖަހާފައި އޮތީ އެންމެ މިލިއަނެއްހައި ރުފިޔާއެވެ.

މިއީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބަކާ ދިމާކޮށް ސަރުކާރުން އަރުވައިލާ ވަރެވެ. ރިޔާސީ އިންތިޚާބާ ޖެހުމުން އަރުވައިލާނީ ހާދަހާ ވަރެކެވެ. އަޅުގަނޑުގެ ސުވާލަކީ ކަންކަން ވަމުންދާ ގޮތް ނޫސްވެރިން ރިޕޯޓުނުކުރިޔަސް، ސަރުކާރަށް އެއިން ގެއްލުމެއް ވެދާނެ ގޮތަކަށް ތަހުލީލުނުކުރިޔަސް، ލޯ ކުރިމަތީ ހިނގަމުން މިދާ ކަންކަން ވިސްނައިނުގަނެވޭހާ ދިވެހިންގެ އަޣުލަބިއްޔަތު ހަމަ ގަމާރުވާނެ ހެއްޔެވެ؟

މި ލިއުމާއި ގުޅޭ