Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިޔާސީ މަޤާމު

އިންތިހާބާ ދިމާކޮށް ބައެއް ސިޔާސީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް މަޤާމުގެ ކުރިއެރުން ދީފި

މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމެރީ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި ތިބި ބައެއް ފަރާތްތަކަށް މަޤާމުގެ ކުރިއެރުން ދީފިއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައުސިން މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައި ހުރި އަހުމަދު މައިމޫން ވަނީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް ބަދަލުކޮށްފައެވެ. އެގްޒެކެޓިވް ޑިރެކްޓަރުގެ މުސާރައަކީ 18،500 ރުފިޔާއެވެ. އަދި ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މުސާރައަކީ 25،500 ރުފިޔާއެވެ. އެހެން ކަމުން މިއީ މުސާރައިގެ ގޮތުން 7000 ރުފިޔާގެ ކުރިއެރުމެކެވެ.

މިނިސްޓްރީގައި މައިމޫން ކުރާކަމަށް މާބޮޑު މަސައްކަތެއް ނޯވެއެވެ. ގިނައިން ފެންނަނީ ވެރިކަންކުރާ އެމްޑީޕީގެ ހަރަކާތްތަކުންނެވެ. ހައުސިން މިނިސްޓްރީގައި މިހާރު 33 އަށްވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބޭއިރު އޭގެ ތެރޭގައި 17 ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުން ތިބެއެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓެޖް ގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމުގައި ހުރި ހައުލަތު މާހިރަށް ވަނީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުކަން ދީފައެވެ. ހައުލަތަކީ މިދިޔަ އެމްޑީޕީ ޗެއަރޕާސަން އިންތިހާބުގައި އިމްތިޔާޒު ފަހުމީއަށް ތާއީދު ކުރި ފަރާތެކެވެ. އަދި މިހާތަނަށް ރައީސް ނަޝީދަށް ތާއީދު ކުރަމުން އައި ނަމަވެސް މަޤާމުގެ ކުރިއެރުން ދޭން ވައުދުވުމުން ހައުލަތު ވަނީ ރައީސް އިބްރާހީމަށް ތާއީދުކުރަން ފަށަފައެވެ.

ހައުލަތަށް މަޤާމުގެ ކުރިއެރުން ދޭން އަންގައި ރައީސް އޮފީހުން ވަނީ މިއަދު ޗިޓު ފޮނުވާފައެވެ.

މައިމޫނާއި ހައުލަތުގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމްގެ ޕީއޭގެ މަޤާމުގައި ހުރި ފަޟީލަތު އަލީ އަށްވަނީ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުކަން ދީފައެވެ.

އިންތިހާބަށް ނުފޫޒު ފޯރުވަން ސަރުކާރުން ދަނީ މިފަދަ ގިނަ ކަންތައްތައް ކުރަމުންނެވެ. މިގޮތުން ސަރުކާރުގެ ކުންފުނިތަކުންވެސް ކުއްލިއަކަށް ގިނަ އަދަދެއްގެ ވަޒީފާ އިއުލާން ކުރުމާއި، ރައީސް އިބްރާހީމް ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަންނަވާއިރަށް މަޝްރޫއުތައް އިއުލާން ކުރުން ފަދަ ކަންކަން ހިމެނެއެވެ.

މި ލިއުމާއި ގުޅޭ