އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަށްޓަކައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ހުށަހެޅުއްވި ކަންކަމުގެ ތެރެއިން އެއްވެސް ކަމެއް ނުކުރެވިދާނެކަމަށް އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ އިންތިހާބު ކޮމިޓީގެ މެންބަރު އަދި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީއާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އިބުރޭ ވިދާޅުވީ ރައީސް ނަޝީދުގެ ފަރާތްޕުޅުން ފޮނުވި ސިޓީއަކީ ޕްރައިމަރީ އާ ގުޅިގެން ފޮނުވި ސިޓީއެއްކަމަށް ގަބޫލު ނުކުރައްވާކަމަށާއި އެއީ ކޮންމެ އިންތިހާބަކާ ދިމާކޮށްވެސް އަންނަ ސިޓީއެއްކަމަށެވެ. އޭނާ ވިދާޅުވީ މިދިޔަ އަހަރު އޮތް އެ ޕާޓީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށްވެސް އެ ސިޓީ އައި ކަމަށެވެ.
އިބުރޭ ވިދާޅުވީ އެ ސީޓީގައި ހިމެނޭ އެއްވެސް ކަމެއް މި ވަގުތު ނުކުރެވިދާނެކަމަށެވެ.
"އަޅުގަނޑަށް ހީވަނީ މި ވަގުތު އަޅުގަނޑު އަނަސް ނުވަތަ ފައްޔާޒަކަށްވެސް ތީގަތިހުރި ހުރިހާ ކަމެއް ނޫނީ ތީގަ ތިހުރި އެއްވެސް ކަމެއް ނުކުރެވިދާނެ ކައްނޭނގެ" އިބުރޭ ވިދާޅުވިއެވެ.
އިބުރޭ އިތުރަށް ވިދާޅުވީ އެމްޑީޕީގައި ވަކި މަގާމެއްގައި ހުންނަ ބޭފުޅަކު ބޭނުންވާގޮތަށް ކަންތައްތައް ކުރުމުގެ ފުރުސަތު ނޯންނަކަމަށާއި ޕާޓީގެ ހިންގުމުގެ ހުރިހާކަމެއްވެސް ކުރިއަށް ދާނީ ކަނޑައެޅިފައި އޮންނަ އުސޫލުތަކަކާއި ގަވައިދުތަކެއްގެ ތެރެއިންކަމަށެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން ފައްޔާޒަށް ފޮނުއްވި ސިޓީގައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ސައްހަކަމާއި އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ފުރިހަމަ ވާން ޖެހޭ ކަމަށް ގަބޫލު ކުރެވޭ ކަންކަން އެބަހުރި ކަމަށް ވިދާޅުވެ 20 ކަމެއް ފާހަގަކުރައްވާފައެވެ.
ދެވަނަ ކަމަކަށް ފާހަގަކޮށްފައިވަނީ ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލާން ފެށުމުގެ ކުރިން ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި އެ ފޮއްޓަކަށް ލިބުނު ވޯޓު ކަރުދާސްތައް ގުނާ ޖުމުލަ އަދަދު ހާމަކުރުމެވެ. އަދި ވޯޓުލާންދާ މީހާގެ ވަނަވަރު ކަށަވަރުކުރުމަށްފަހު އެ މައުލޫމާތު ބާރަށް އިއުލާން ކުރުމާއި ވޯޓުލާ މަރުކަޒު ތެރެއަށް ފޯނު ނުވެއްދުމާއި ވޯޓުލާ މީހާގެ އިނގިލީގައި ޖަހާ ނިޝާނަކީ ނުފޮހެވޭ ދެއްޔަކުން ޖަހާ ނިޝާނަކަށް ހެދުމަށްވެސް ހުށަހަޅާފައިވެއެވެ.
މީގެއިތުރުންވެސް އެހެނިހެން ކަންކަން ފާހަގަކޮށް ސިޓީގައި ބުނެފައިވަނީ އިންތިހާބުގެ ކަންކަމުގައި އަމަލުކުރާނެ އުސޫލުތައް ދުރާލާ އާންމުކޮށް އަންގާ އިއުލާންކޮށްފައި އޮންނަން ވާނެ ކަމަށް ފެންނަކަމަށެވެ.