Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޫސުން

އުތުރު-އިރުމަތީ އޭޝިއާގެ ގައުމުތަކަށް ނުރައްކާތެރި ފިނި މޫސުމުގެ ދުވަސްކޮޅެއް

އުތުރު-އިރުމަތީ އޭޝިއާގެ ގައުމުތަކުން އަންނަނީ ފިނި މޫސުމުގެ ނުރައްކާތެރި ދުވަސްކޮޅަކާއި ކުރިމަތިލަމުންނެވެ.
ދަރަހައެއް ތެރޭގައި ދަށްނުވާ ވަރަށް އެ ގައުމުތަކުގެ ފިނިމިން ތިރިއަށް ދިއުމުގެ އިތުރުން، ދަތުރުފަތުރު ކުރަމަށް ހުރަސްއަޅާވަރަށް ބޯކޮށް ސްނޯދަނީ ވެހެމުންނެވެ.
މައިނަށް 15 ޑިގުރީ ސެލްސިއަސްގައި ފިނިމިން މެދުނުކެނޑި ދެމިހުންނަ ހާލަތުގައި އިއުލާން ކުރާ "ފިނި ރާޅު"ގެ އިންޒާރުވަނީ މިއަދު ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގައި އިއުލާންކޮށްފައެވެ.

އެގައުމުގެ މީޑިއާތަކުން ބުނާގޮތުގައި، ފިނި ދުވަސްކޮޅެއްގެ އިންޒާރު ދިނުމުގެ އިތުރުން، ބޯކޮށް ސްނޯ ވެހެމުން ދާތީވެ، އަދި އެވަރަށް ބޯކޮށް ކުރިއަށްއޮތް ދުވަސްތަކުގައި ސްނޯ ވެހެމުންދާނެކަމަށް އަންދާޒާކޮށްފައިވާތީ، އެ ޤައުމުގެ ރައްޔިތުން ސަލާމަތީ ފިޔަވަޅުއަޅާ ރައްކާތެރިވެ ތިބުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކޮށްފައިވެއެވެ. އާންމުގޮތެއްގައި އެފަދަ އިލްތިމާސެއް ކުރާނީ، ބޯކޮށް ސްނޯ ވެހިގެން 24 ގަޑިއިރު ތެރޭގައި 2 އިންޗިއަށް ސްނޯ އެއްވާނެކަމަށް ލަފާކުރެވޭތީއެވެ.

ދެކުނު ކޮރެޔާގެ އިރުތުން، ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައިވެސް ކުރިއަށް އޮތް ދުވަސްކޮޅުގައި ގަދަ ފިންޏާ ކުރިމަތިލާންޖެހޭނެ ކަމުގެ އަންދާޒާކޮށްފައިވެއެވެ.

ޖަޕާނުގެ ބައެއް ހިސާބުތަކުގައި 10 އަހަރު ތެރޭގައި ދަށްނުވާވަރަށް ފިނިމިންވަނީ ދަށަށްގޮސްފައެވެ. މީގެ އިތުރުން، ޖަޕާނުގައިވެސް ބޯކޮށް ސްނޯވެހި ދަތުރުފަތުރު ނުކުރެވޭ ވަރަށް މަގުތަކަށް ސްނޯ އެއްވެފައިވެއެވެ. ބައެއް ހިސާބުތަކުގައި އުޅޭ ބައެއް ރައްޔިތުންވަނީ، ސްނޯއިން މަގު ފުރިފައިވާ ހާލަތުގައި ދަތުރުކުރަން އުޅުމުގެ ތެރޭގައި ގަޑިއިރުތަކެއް ވަންދެން މަގުތަކުގައި ތާށިވެފައެވެ. އަދި ބޯކޮށް ސްނޯގެ އަސަރު ކޮށްފައިވާ ހިސާބުތަކުގެ ކަމާބެހޭފަރާތްތަކުންވަނީ މިދުވަސްކޮޅު ދަތުރުފަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ފިނި މޫސުމުގައި އެއްވެފައިވާ ސްނޯ މަގުމަތިން، ނުވަތަ ގޭގެ ބައިބައިން އެއްފަރާތް ކުރުމުގެ ތެރޭގައި މަރުވުމަކީވެސް ގާތްކަމެކެވެ. ޖަޕާނުގައި 3 މީހުން މިފަހުންވަނީ މަރުވެފައެވެ. ޑެޕިއުޓީ ޗީފް ކެބިނެޓް ސެކްރެޓެރީ ޔޮޝިހިކޯ އިސޮޒަކީ ވިދާޅުވާގޮތުން، އެ 3 މަރަކީ ސްނޯ އެއްވެފައި ހުރި ތަންތަނުން ސްނޯ ނެގުމުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި މަރުވި މީހުންކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި، އެހީވާނެ މީހެއް ނެތި، އެއްވެސް ރައްޔިތެއް އަމިއްލައަށް ގެއިން ބޭރުގެ ގަދަ ފިނީގައި މަސައްކަތް ނުކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.

ޗައިނާގެ މޯހީ ޓައުންގެ ފިނިމިން ރިކޯޑްކުރެވިފައިވަނީ އަންތަރީސްކުރަނިވި މައިނަސް 53 ޑިގުރީ ސެލްސިއަސްގައެވެ.
މީގެ އިތުރުން، އުތުރު ކޮރެއާގެ އިންފްރާސްޓްރަކްޗާ ބަލިކަށިވުމުންނާއި، އަދި ހަކަތަ ފޯރުކޮށްދިނުމުގެ ހިދުމަތް އެހާބޮޑަށް ހަރުދަނާ ނުވުމުގެ ސަބަބުން ގަދަ ފިނީގެ މޫސުމުގެ ނޭދެވޭ، އަދި ނުރައްކާތެރި އަސަރުތައް އެންމެ ބޮޑަށް ކުރާނީ އެގައުމުގެ ރައްޔިތުންނަށްކަމުގެ ކަންބޮޑުވުން އެބައޮތްކަމަށް، ބޭރުގެ މީޑިއާތަކުން ބެނެއެވެ.
މި ލިއުމާއި ގުޅޭ