Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު އަނެއްކާވެސް ޕީޖީގެ އިހުމާލުން ސަލާމަތްވެއްޖެ

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ވެފައިވާ އިހުމާލެއްގެ ސަބަބުން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުވާ މީހަކު މިނިވަންވެއްޖެއެވެ.

މި މައްސަލައަކީ 2019 ވަނަ އަހަރުގެ އޯގަސްޓު މަހުގައި ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން އަތްލި މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ މައްސަލައެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ފުރަތަމަ ދައުވާކުރީ އެ އަހަރުގެ ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހުގައި ބ.ފުޅަދޫ މެޖިސްޓްރޭޓު ކޯޓުގައެވެ.

ދައުވާ ކުރެވޭ ފަރާތް ބަންދުގައި ބަހައްޓައި އެކި ފަހަރު މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހު ދައުލަތުން އެދިގެން އޭނާ ޝަރީޢަތް ނިމެންދެން ބަންދުކުރިއެވެ. އޭނާ ބަންދުގައި ހުރީ މާލެ ޖަލުގައިކަމަށްވާތީ މައްސަލަ ފުޅަދޫ މެޖިސްޓްރޭޓު ކޯޓުގައި ކުރިއަށްގެންދަން ދަތިވާކަމަށް ބުނެ ޕީޖީން އެ މައްސަލަ އަނބުރާ ގެނައީ ކުރިމިނަލް ކޯޓުގައި ދައުވާކުރުމަށެވެ.

ފުޅަދޫ ކޯޓުން އެ މައްސަލައިގެ ލިޔެކިޔުން ޕީޖީ އޮފީހަށް ފޮނުވިކަމަށް އެ ކޯޓުން ބުނެފައިވަނީ 30 ޖަނަވަރީ 2020 ގައެވެ. ޕީޖީ އޮފީހުން ބުނި ގޮތުގައި އެ އޮފީހަށް ލިޔެކިޔުން ލިބުނީ 17 ފެބްރުއަރީ 2020 ގައެވެ. އެ މައްސަލަ އަނބުރާ ގެނައުމަށްފަހު އަލުން ކުރިމިނަލް ކޯޓަށް ދައުވާ ހުށަހަޅާފައިވަނީ 26 އޯގަސްޓު 2020 ގައެވެ. އެއީ ޕީޖީއަށް ލިޔެކިޔުން ލިބުނުކަމަށް އެ އޮފީހުން ބުނި ތާރީޚަށް ބެލި ނަމަވެސް ލިޔެކިޔުން ލިބުނުތާ 6 މަހާއި 9 ދުވަސް ފަހެވެ.

އެ މައްސަލައިގެ ޝަރީޢަތް ކުރިމިނަލް ކޯޓުގައި ފެށުމުން ދައުވާ ރައްދުވާ މީހާގެ ފަރާތުން އިބްތިދާއީ މަރުހަލާގައި ހުށަހަޅާފައިވަނީ އެ މައްސަލަ ޝަރީޢަތަށް ހުށަހަޅާފައިވަނީ އެކަށީގެންވާ މުއްދަތެއް ފާއިތުވި ފަހުން ކަމަށްވާތީ އެ މައްސަލަ ބޭރުކޮށްދިނުމަށެވެ. ކުރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލުމުން ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

ހައިކޯޓުގެ އިސްތިއުނާފު ޝަރީޢަތުގެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި މައްސަލަ އަނބުރާ ގެނައުމަށްފަހު ދައުވާކުރާނެ ވަކި މުއްދަތެއް ޤާނޫނުގައި ބަޔާންކޮށްފައި ނެތުމުން ބަލަންޖެހޭނީ އެފަދަ ހާލަތުގައި ދައުވާކުރަނީ ބޭކާރު ލަސްވުންތަކެއް ނެތި އެކަށީގެންވާ މުއްދަތެއްގައިތޯ ކަމަށެވެ. އެކަން ބެލުމުގައި ވަކިވަކިން ކޮންމެ މައްސަލައެއްގައި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ނިންމުމެއްގައި ކަނޑައަޅާފައިވާކަން ހައިކޯޓުން ފާހަގަކުރިއެވެ.

މި މައްސަލާގައި ފުޅަދޫ ކޯޓުގައި ފުރަތަމަ ދައުވާކުރީ އެކަމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައިކަމަށްވީ ނަމަވެސް އެ މައްސަލަ އަނބުރާ ގެނައުމަށްފަހު ދެން ދައުވާކުރުމަށް 6 މަސް ދުވަސް ފާއިތުވީ ކޮވިޑް-19 ގެ ސަބަބުން ކަމަށް ދައުލަތުން ބުނާއިރު، ކޮވިޑުގެ ހާލަތުގައިވެސް މައްސަލަތައް ކުރިމިނަލް ކޯޓަށް ހުށަހެޅުމުގެ ދޮރު ބަންދުނުވާކަން ހައިކޯޓުން ފާހަގަކުރިއެވެ.

އަދި ކޮވިޑުގެ ހާލަތުގައި އީމެއިލް މެދުވެރިކޮށް ކުރިމިނަލް ކޯޓަށް މައްސަލަތައް ހުށަހަޅާފައިވާކަމަށް ދައުލަތުން އެއްބަސްވާކަންވެސް އެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި މައްސަލަ ފުރަތަމަ ފަހަރު ހުށަހެޅުމަށްފަހު ދެވަނަ ފަހަރަށް މައްސަލަ ހުށަހެޅުމަކީ ފަސޭހަކަމެއްކަން ފާހަގަކޮށް، ހައިކޯޓުން ބުނެފައިވަނީ މި ހާލަތުގައި އަލުން ދައުވާފޯމު ސެޓު ތައްޔާރުކުރަންނުޖެހޭނެކަން ކުރިމިނަލް ކޯޓުގެ ހުކުމުގައިވެސް ފާހަގަކުރި ކަމަށެވެ.

އަދި އެ މައްސަލަ ކުރިމިނަލް ކޯޓަށް ހުށަހެޅުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އެއްވެސް މަސައްކަތެއް ކުރިކަން އެ އޮފީހަށް ބުނެނުދެވޭކަމަށް ހައިކޯޓުގެ ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ ރައުޔާގައި ފާހަގަކުރެއްވިއެވެ. އަދި އެކަން ކުރުމަށް ހަ މަސްދުވަހަށްވުރެ ދިގު މުއްދަތެއް ހޭދަވުމަކީ ބޭކާރު ލަސްވުންތަކެއްކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މި އެންމެހާ މުއައްސަސާތަކުން ޤާނޫނު އެއްފަރާތްކޮށް، އެ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކުގެ މަތީގައި އިށީނދެ އިނދެ، ފަރުވާލެއް ނެތި، ބޭކާރު ލަސްވުންތައް ކުރިމަތިކުރުވުމަކީ ޤާނޫނުގެ ބާރު ކެނޑިގެންދާ، އަދި އޭގެ ސަބަބުން މުޖުތަމައުގެ ހައްގުތައް ނިގުޅައިގަނެގެންދާ ކަމެއް،" ހުޒައިފާގެ ރައުޔާގައި ލިޔުއްވާފައިވެއެވެ.

އިތުރަށް ފަނޑިޔާރު ހުޒައިފާ ފާހަގަކުރެއްވީ މިފަދަ މައްސަލަތަކުގައި ދައުލަތުން އިހުމާލުވުމުން އެކަމުގެ ހުރިހާ ވޭނެއް ތަހައްމަލުކުރަންޖެހެނީ އަނިޔާގެ ޝިކާރައަކަށްވީ ކުޑަކުއްޖާ ކަމެވެ. "މިބާވަތުގެ މައްސަލަތަކުގައި އަނިޔާ ލިބޭ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރަނީ ދައުލަތުންނެވެ. އެ ފަރާތްތައް ދިފާއުކޮށް، އެ ފަރާތްތަކުގެ ހައްގުތައް ނަގަހައްޓާ ފަރާތަކީ ދައުލަތެވެ. މިފަދަ މައްސަލަތައް މަތީ އިށީނދެ އިނދެ، ފަރުވާލެއް ނެތުމުގެ ސަބަބުން، ޤާނޫނުން ރައްކާތެރިކަން ލިބެންޖެހޭ ފަރާތްތަކަށް އެ ރައްކާތެރިކަން ލިބިދިނުމަށް ހުރަހަކަށްވާއިރު، މި މައްސަލައިގައި ޤާނޫނުގެ ރައްކާތެރިކަން ނުލިބި މިދަނީ އަމަލުގެ ޝިކާރައަކަށްވެފައިވާކަމަށް ބުނާ ކުޑަކުއްޖާއަށް،" ހުޒައިފާ ލިޔުއްވާފައިވެއެވެ.

އަދި ދައުލަތުގެ އިހުމާލުން ހިނގި މި އަމަލުގެ މަތީގައި ކޯޓުން މަލަން އަޅައިފިނަމަ، މުޅި އަދުލު އިންސާފުގެ ހަމަތަކާއި، ޤާނޫނުގެ ވެރިކަމާއި ޖުޑީޝަލް ރިވީއުގެ އަސާސްތައް މުގުރިގެންދާނެކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު މުޙައްމަދު ފައިސަލާއި، ފަނޑިޔާރު ހުސައިން ޝަހީދު ތާއީދުކުރެއްވި ރައުޔާގައި ފަނޑިޔާރު ހުޒައިފާ ވިދާޅުވެފައިވެއެވެ.

މީގެ ކުރިންވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ޕީޖީގެ އިހުމާލުގެ ސަބަބުން ނުބެލި ގޮސްފައިވެއެވެ. އަދި މަސްތުވާތަކެތީގެ ބައެއް މައްސަލަތައްވެސް ޕީޖީގެ އިދާރީ ދޯހަޅިކަމާއި އިންތިޒާމުތައް ތަރުތީބުނުވުމުގެ ސަބަބުން ކޯޓުތަކުން ބަލައިނުގަނެ ބޭރުކޮށްލާފައި އެބަހުއްޓެވެެ.

މި ލިއުމާއި ގުޅޭ