Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

މި އަހަރުގެ ފުރަތަމަ 19 ދުވަހުގެ ދަރަނި ނިމުނު އަހަރަށްވުރެ 470 މިލިއަން ރުފިޔާ އިތުރު

މިއަހަރުގެ ފުރަތަމަ 19 ދުވަހު ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް 470 މިލިއަން ރުފިޔާ ޚަރަދުވެފައިވާކަން ހިސާބުތަކުން ދައްކައިފިއެވެ.

ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާންމުކުރާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް ބަޖެޓުގެ ދަރަނިވަނީ 580.6 މިލިއަން ރުފިޔާއަށް އަރާފައެވެ. ފާއިތުވި އަހަރުގެ އެ މުއްދަތުގައި ބަޖެޓު ދަރަންޏަށް އަރާފައިވަނީ 110.4 މިލިއަން ރުފިޔާއެވެ.

އެހެންކަމުން ފާއިތުވި އަހަރުގެ އެ މުއްދަތުގައި ބަޖެޓު ދަރަނި ހުރި މިންވަރަށްވުރެ މި އަހަރު ބަޖެޓުގެ ދަރަންޏަށް އެރި މިންވަރުވަނީ 470.2 މިލިއަން ރުފިޔާއިން އިތުރުވެފައެވެ.

ދައުލަތުގެ އާމްދަނީއަށް ބަލާއިރު ނިމުނު އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 19 ވަނަ ދުވަހާ ހަމައަށް 810.8 މިލިއަން ރުފިޔާ ލިބުނެވެ. މި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން 19 ވަނަ ދުވަހާ ހަމައަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 736.8 މިލިއަން ރުފިޔާއެވެ.

އަދި 2022 ވަނަ އަހަރުގެ އެ މުއްދަތުގައި ދައުލަތުން ޚަރަދުކޮށްފައިވަނީ ޖުމްލަ 700.4 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް 1،317.4 މިލިއަން ރުފިޔާ ނުވަތަ 1.3 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެހެންކަމުން ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޚަރަދުތައްވަނީ 617 މިލިއަން ރުފިޔާއިން ބޮޑުވެފައެވެ.

ނިމުނު އަހަރާ އަޅާބަލާއިރު ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާއިރު އެންމެ ބޮޑު އަދަދެއް ޚަރަދުވެފައިވަނީ ދުވަހުން ދުވަހަށް ކުރަންޖެހޭ ހޭދައަށެވެ. އެގޮތުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހޭދަތަކަށް ޖުމްލަ 896 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އެއީ ނިމުނު އަހަރު ޚަރަދުވި 484.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު 411 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގާފައިވަނީ ހިންގުމާއި އިދާރީ ކަންކަމަށް ކުރާ ހޭދައަށެވެ. އެކަންކަމަށް ފާއިތުވި 19 ދުވަހު 890.7 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ.

ފާއިތުވި އަހަރުގެ ފުރަތަމަ 19 ދުވަހަށްވުރެ މި އަހަރުގެ ފުރަތަމަ 19 ދުވަހުގައި ލިބުނު އާމްދަނީ މަދުވެފައި، ކުރި ޚަރަދު އިތުރުވެފައިވާއިރު، މި އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެހުގެ ރޭޓުތައްވަނީ ބޮޑުކޮށްފައެވެ. އެގޮތުން މިހާރު އާންމު މުދަލާއި ޚިދުމަތުގެ އަގުން 8 އިންސައްތައިގެ ޓެކުހެއް ނަގާއިރު، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކުހުގެ ރޭޓުވަނީ 16 އިންސައްތައަށް ބޮޑުކޮށްފައެވެ.

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ކުރިމަތިވަމުންދާ ގޮންޖެހުމުން އަރައިގަތުމަށް ޓެކުސް ބޮޑުކުރަންޖެހޭކަން ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ފާހަގަކުރި ނަމަވެސް އެ އިދާރާތަކުން ބުނެފައިވަނީ ދައުލަތުގެ ޚަރަދުތައް ކުޑަނުކޮށް ޓެކުސް ބޮޑުކުރި ނަމަވެސް އެކަށީގެންވާ ނަތީޖާއެއް ނުނެރެވޭނެ ކަމަށެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ދައުލަތުގެ ޚަރަދުތައް ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފަހެއްޓުމަށް އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމަށާއި ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީތައް ފޯރުކޮށްދޭ ގޮތަށް ބަދަލުތަކެއް ގެންނަން ހިމަނާފައިވީ ނަމަވެސް މިހާތަނަށް އެއިން އެއްވެސް ކަމެއް ތަންފީޒުކުރަން ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވެއެވެ.

މި ލިއުމާއި ގުޅޭ