ވައްކަމުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ގެންދިޔަ މީހަކު އޭނާ ޖަލުގައި ބަންދުކޮށްދިނުމަށް އަމިއްލަޔަށް އެދިއްޖެއެވެ.
މި މައްސަލައިގެ ތުހުމަތުވާ މީހާ ކްރިމިނަލް ކޯޓަށް ފުލުހުން ހާޒިރު ކުރީ ޖުވެނައިލް ކޯޓުގެ ކުޑަދޮރެއް ހަލާކު ކޮށްލައިގެން އެތަނުން ވައްކަން ކުރި މައްސަލައެއްގައެވެ. އެގޮތުން ޖުވެނައިލް ކޯޓުގެ ކުޑަދޮރެއް ހަލާކުކޮށްލައިގެން އެތަނުގެ ތެރެއަށް އޭނާ ވަދެ އަގުބޮޑު މުދާތައް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެކަމަށް އޭނާ އިއުތިރާފްވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ ކުރިން 39 ފަހަރު ހައްޔަރުކޮށް 19 ފަހަރު ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ކޯޓުގައި ބުނެފައިވަނީ އޭނާ އަކީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ މީހެއް ކަމަށާއި ދުވާލަކު އެވަރެޖްކޮށް ފަސް ފަހަރު ބާރުގަދަ ޑްރަގްސް (ހަކުރު) ބޭނުން ކުރެވޭ ކަމަށެވެ. އަދި ކުށްކުރެވޭ މައިގަނޑު ސަބަބަކީ އެއީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މިކަން ފާހަގަކޮށް އޭނާ ވަނީ މަސްތުވާތަކެތިން ދުރުވެ އިސްލާހުވެ ރަނގަޅު މީހެއްގެ ގޮތުގައި މުޖުތަމައުއަށް ނިކުތުމުގެ ގޮތުން ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް އޭނާ ކޯޓުގައި އެދިފައިވެއެވެ.
މި މައްސަލައާ ގުޅިގެން އިއްޔެ ކްރިމިނަލް ކޯޓުން ވަނީ އެ މީހާ 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.