ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާކަމަށް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ 86 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މޭޔަރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީން ބާރުގެ ބޭނުން ނަހަމަގޮތުގައި އިންތިހާއަށް ބޭނުންކުރައްވާކަމަށާއި އެކަންކަން ރައްޔިތުންގެ ލޯތަކަށްވެސް ފެންނަމުންދާކަމަށެވެ.
މޭޔަރު މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ހަފްތާގައި މާލެ ސިޓީ ކައުންސިލްގެ އޮފީސް އިމާރާތްތަކާއި، އެނޫންވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަންތަނުން ސްޓެލްކޯގެ ފަރާތުން ކަރަންޓުގެ ހިދުމަތް މެދުކަނޑާލުމާއި ގުޅިގެންނާއި ވެމްކޯގެ ފަރާތުން ވެސް މާލޭ ސިޓީ ކައުންސިލަށް ޚިދުމަތް ދިނުމުން ހުރަސްއެޅުމުނެވެ.
މި މައްސަލައާ ގުޅިގެން ޑރ. މުއިއްޒު އިތުރަށް ވިދާޅުވީ އާންމު ހިދުމަތްތަކަކީ ކުންފުނިތަކުގެ ވެރިން ބޭނުންވީމަ ބޭނުންގޮތެއް ހެދިގެންވާނެ ކަންކަމަށް ވެގެން ނުވާނެކަމަށާއި ކުންފުނިތަކުގެ ވެރިންނަށް މިފަދަ ބާރެއްލިބިފައި އޮތްނަމަވެސް މިފަދައިން އަމަލުކޮށްގެން ނުވާނެކަމަށެވެ.
މޭޔަރު ވިދާޅުވީ މި މައްސަލައާއި ގުޅިގެން ކަމާބެހޭ ފަރާތްތަކަށް މަޝްވަރާކޮށްފައިވާކަމަށާއި ކުންފުނިތަކުގެ އެ އަމަލު އެފަރާތުންވެސް ކުށްވެރިކޮށްފައިވާކަމަށެވެ. ޑރ. މުއިއްޒު ވިދާޅުވިގޮތުގައި އާންމު ހިދުމަތްތައް މިގޮތަށް ނުހިފެހެއްޓޭނެ ކަމުގައި އެފަރާތުންވެސް ވަނީ ބުނެފައެވެ.