ޗައިނާއަކީ އެފްރިކާގެ ގައުމުތަކުގެ ދަރަނި ދެއްކުމުގެ މަސައްކަތަށް ހުރަހެއްކަމަށް އެމެރިކާގެ ޓްރެޟަރީ ސެކްރެޓަރީ ޖޭނެޓް ޔެލެން ވިދާޅުވުމުން، ފުރަތަމަ އަމިއްލަ ގައުމުގެ ދަރަނީގެ ހާލަތު ރަނގަޅު ކުރުމަށް ބުނެ ޗައިނާގެ އޮފިޝަލުން ރައްދު ދެއްވައިފިއެވެ.
އެފްރިކާގެ ޒެމްބިއާގައި ބޭއްވި އެފްރިކާ ގައުމުތަކުގެ ދަރަނިތައް ހައްލުކުރުމުގެ މަޝްވަރާގައި ޔެލެން އެހެން ވިދާޅުވުމުން، "އެމެރިކާއިން އެހެން ގައުމުތަކުގެ ދަރަނި ހައްލުކުރުމަށް އެހީވެދެވޭނީ ފުރަތަމަ އެމެރިކާގެ މަނިޓަރީ ގަވައިދުތައް އިސްލާހުކޮށްގެން، ގައުމުގެ ދަރަނީގެ މައްސަލަ ހައްލުކޮށްގެން، އަދި އެހެން ގައުމުތަކުގެ ސަރުކާރުގެ ދަރަނިތައް ދެއްކުމުގެ މަސައްކަތައް ހުރަސްއަޅާފަދަ ކަންކަން ކުރުން ހުށްޓާލައިގެން" ކަމަށް ޒެމްބިއާގައި ހުންނަ ޗައިނާ އެމްބަސީގެ ވެބްސައިޓުގައި ބުނެފައިވެއެވެ.
ޒެމްބިއާގެ ދަރަނި ވަނީ 2020 ވަނަ އަހަރުގައި ޑިފޯލްޓްވެފައެވެ. ނަމަވެސް އޭގެ ފަހުން އެދަރަނިތައް ނެގި ފަރާތްތަކަށް އަނބުރާ ދެއްކުމަށް ޒެމްބިއާއިން އެހާގިނަ މަސައްކަތެއް ކޮށްފައެއްނުވެއެވެ. ދަރަނި ދޫކުރި ފަރާތްތަކުގެ ތެރޭގައި ޗައިނާގެ ބޭންކުތަކާއި އެހެނިހެން ފަރާތްތައް ހިމެނެއެވެ.
ވޯލްޑް ބޭންކުން އާންމުކޮށްފައިވާ ދުނިޔޭގެ ދަރަނީގެ ހިސާބުތަކަށް ބަލާއިރު، 2022 ވަނައަހަރުގައި ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުންވަނީ 35 ބިލިއަން ޑޮލަރާއި ހަމައަށް ދަރަނީގެ ގޮތުގައި އޮފިޝަލް އަދި ޕްރައިވެޓް-ސެކްޓާ ކްރެޑިޓާސްއަށް ދައްކާފައިވެއެވެ. 35 ބިލިއަން ޑޮލަރުގެ 40 އިންސައްތަ ދައްކާފައިވަނީ ޗައިނާއަށް ނިސްބަތްވާ އިދާރާތަކަށްކަމަށް ވޯލްޑް ބޭންކުން އިތުރަށް ބުނެފައިވެއެވެ.