އެމްޑީޕީގެ ފުވައްމުލަކު ދާއިރާގެ ރައީސް މުހައްމަދު ނިޒާމް ހަސަން، އެއްވެސް މަސައްކަތެއް ކުރަން ނުޖެހޭ ސިޔާސީ މަޤާމެއްގައި ހުންނަކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ނިޒާމް އަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރެކެވެ. ފުވައްމުލަކުގައި ހުރެގެން ވަޒީފާ އަދާކުރާ ގޮތަށް ނިޒާމަށް އެ މަޤާމު ދީފައިވަނީ 2020 ވަނަ އަހަރުގެ މާޗު މަސް ތެރޭގައެވެ. އެފަހުން މިއަދާއި ހަމައަށް ނިޒާމް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި މިހާތަނަށް އައިއިރު ވަޒީފާ އަދާކުރަން ދާނެ އޮފީހެއްވެސް މިނިސްޓްރީން ހަމަޖައްސާފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
"ދިޔަރެސް" އަށް އިތުބާރުހުރި މަސްދަރަކުން ޔަގީން ކުރެވިފައިވާ ގޮތުގައި، ވަޒީފާ ލިބުނުތާ ފުރަތަމަކޮޅު ނިޒާމް ވަނީ ވަޒީފާއަށް ދާނެ އޮފީހެއް ހަމަޖައްސައި ދިނުމަށް މިނިސްޓަރު ފައްޔާޒުގެ އަރިހުން އެދިފައެވެ. އެހެން ނަމަވެސް ފައްޔާޒު ވަނީ އެ މިނިސްޓްރީން ފުވައްމުލަކުގައި ކުރާނެ ކަމެއް ނެތް ކަމަށާއި އެހެން ކަމުން އޮފީހެއް ހަމަޖެއްސުން ވާނީ ދަތިކަމަކަށް ކަމަށެވެ. އެއްވެސް ޒިންމާއެއް އަދާ ނުކުރިއަށް ނިޒާމަށް މަހަކު 25،000 ރުފިޔާ ލިބެއެވެ.
ނިޒާމް މިވަގުތު އުޅެނީ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިނުގައި މާލޭގައެވެ. މިކަމާ ގުޅޭގޮތުން "ދިޔަރެސް" އިން ސުވާލު ކުރުމުން ނިޒާމް އެއްވެސް ޖަވާބެއް ނުދެއެވެ.
ރައީސް އިބްރާހީމް ގެ ސަރުކާރުން މިގޮތަށް އެތައް ސަތޭކަ ސިޔާސީ މަޤާމު އުފައްދާފައިވެއެވެ. އެހެން ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުން ދަނީ މަސައްކަތެއް ނެތް ސިޔާސީ މުވައްޒަފެއް ނުހުންނާނެ ކަމަށެވެ. އަދި ސިޔާސީ ވަޒީފާތައް އިތުރުވަނީ ތަރައްގީގެ މަޝްރޫއުތައް ގިނަވުމުން ކަމަށް ސަރުކާރުން ބުނެއެވެ.
މި ސަރުކާރަކީ ދިވެހި ތާރީހުގައިވެސް އެންމެ ސިޔާސީ ވަޒީފާ ގިނަ ސަރުކާރެވެ. ރައީސް ޔާމީންގެ ވެރިކަމުގައި 400 އެއްހާ ސިޔާސީ މަޤާމު އޮތުމުން، ރައީސް އިބްރާހީމް ކުރިން ކަންބޮޑުވުން ފާޅުކުރެއްވިއެވެ. ނަމަވެސް ރައީސް އިބްރާހީމްގެ ވެރިކަމުގައި ސިޔާސީ މަޤާމުތައް މިވަނީ 1000 އަށްވުރެ އިތުރުވެފައެވެ.