މަޖިލީހުގެ ކުރީގެ ނައިބު ރައީސް، މޫސާ މަނިކު (ރީކޯ)ގެ އާއިލީ ކުންފުނިން ހިންގާ "ރަހާ" ރިސޯޓުން މުވައްޒަފުންނަށް މުސާރަ ނުދޭތީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ރަހާ ރިސޯޓުގެ މުވައްޒަފަކު މިއަދު "ދިޔަރެސް" އަށް މައުލޫމާތު ދިން ގޮތުގައި މިވަގުތުވެސް އެތައް މުވައްޒަފުންނަކަށް ތިން މަހަށްވުރެ ގިނަ ދުވަހުގެ މުސާރަ ނުދީ އެބަ އޮތެވެ.
މުސާރަ ނުލިބި ލަސްވީ މެނޭޖްމަންޓުން ބުނި ގޮތުގައި މުސާރަ ދޭނެ ފައިސާ ނެތިގެން ކަމަށް އޭނާ ބުންޏެވެ.
މި އަހަރު ފެށުން އިރު ބައެއް މުވައްޒަފުންނަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މުސާރަތައް ނުދީ އޮތެވެ. އެކަމަކު މިހާރު މުސާރަ ދޭން ފަށާފައިވާ ކަމަށާއި ނަމަވެސް ބައެއް މުވައްޒަފުންނަށް އަދިވެސް ތިން ހަތަރު މަހުގެ މުސާރަ ނުލިބި އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.
"މި އަހަރު ފެށުނު އިރު އޮންނާނެ ސެޕްޓެމްބަރު އޮކްޓޯބަރު ނޮވެމްބަރުގެ މުސާރަތައްވެސް ނުދީ. އެކަމަކު މިހާރު މުސާރަ ދޭން ފަށައިފި. ބައެއް މުވައްޒަފުންގެ އަދިވެސް އެބަ އޮތް ނޮވެމްބަރުން ފެށިގެން އަދި މުސާރަތައް ނުލިބި. އެ މުއްދަތުގެ ސާވިސް ޗާޖެއްވެސް ނުދޭ،" ނަން ނުޖެހުމަށް ޝަރުތުކޮށް މައުލޫމާތު ދިން މުވައްޒަފަކު ބުންޏެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ހުޅުވި ރަހާ ރިސޯޓު ތަރައްގީ ކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނެގި 11 މިލިއަން ޑޮލަރުގެ ލޯނު ނުދައްކައިގެން ބޭންކުން ކޯޓަށް ދިއުމުން، ކޯޓުން ވަނީ ރަހާ ރިސޯޓު ވިއްކާލުމުގެ ހުއްދަ ވެސް މިހާރު ބޭންކަށް ދީފަ އެވެ.
އަދި ރަހާ ރިސޯޓުން ދައުލަތަށް ކުއްޔާއި، ކުލި ނުދެއްކުމުގެ ޖޫރިމަނާގެ ގޮތުގައި 43 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކާ އޮތްކަން މިދިޔަ އަހަރު ވަނީ ހާމަވެފަ އެވެ.
މިފަދަ ގިނަ މައްސަލަތަކެއް ފެންމަތިވެފައި އޮތް އިރު، މޫސަ އަންނަނީ ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ދަތުރުތަކުގައި ބައިވެރިވެ ވަރަށް އެކްޓިވްކޮށް ހަރަކާތްތެރިވަމުންނެވެ.