Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލްހާން ފަހުމީ

އަލްހާންގެ ކުންފުނީގެ އެކައުންޓްތައް ފްރީޒް ކުރީ ގޯސްކޮށް: ސިވިލް ކޯޓު

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީގެ ހިއްސާ އޮންނަ ކިންގްސް ކެޕިޓަލްއިން ހިންގިކަމަށް ތުހުމަތުވާ ފްރޯޑުގެ މައްސަލާގައި އޭނާގެ ކުންފުނީގެ އެކައުންޓު ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލުން) ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސިވިލް ކޯޓުން ނިންމައިފިއެވެ.

ސިވިލް ކޯޓުން ވަނީ އެކަމުގެ ބަދަލު ހޯދަން ދައުވާ ކުރުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ވެސް ކަނޑައަޅައިފައެވެ.

ކިންގްސް ކެޕިޓަލްސްއިން ފެށި ސްކީމުގައި ބައިވެރިވެ، ގިނަ ބަޔަކު ފައިސާ އިންވެސްޓްކުރި އެވެ. އެ ސްކީމް ހިންގަމުން ދަނިކޮށް ބީއެމްއެލުން މިދިޔަ އަހަރު އެ ކުންފުނީގެ އެކައުންޓްތައް ޑީއެކްޓީވޭޓްކޮށް، ފައިސާ ހިފެހެއްޓި އެވެ.

ސިވިލް ކޯޓުގެ ހުކުމުގައިވާ ގޮތުން އެކައުންޓް ޑީއެކްޓްވޭޓްކުރީ އެ ކުންފުނީގެ އެކައުންޓަށް ގިނަ ފައިސާތަކެއް ޖަމާވަމުންދާ ސަބަބު ބުނެދިނުމަށް އެދި ބީއެމްއެލުން އީމެއިލް މެދުވެރިކޮށް އެންގިތާ އެއް ދުވަސް ފަހުންނެވެ. އަދި މަނީ ލޯންޑްރިންގެ ގާނޫނުގެ ދަށުން، ޝައްކު ކުރެވޭ ފައިސާއެއް ހިފެހެއްޓޭނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާއިރު، އަމިއްލައަށް އެކައުންޓް ހިފެހެއްޓުމުގެ ނުވަތަ ފްރީޒް ކުރުމުގެ ބާރެއް ގާނޫނުގެ ދަށުން ބޭންކަށް ލިބިގެންނުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ބޭންކާއި ކަސްޓަމަރުންނާ ދެމެދު އެއްބަސްވުން އޮންނަ ގޮތުން ވެސް ބޭންކަށް އިހްތިޔާރު އޮންނާނީ ފައިސާ ބަލައިނުގަތުމަށް ކަމަށާއި، ނަމަވެސް އެކައުންޓްގައި ހުރި ފައިސާއެއް ހިފެހެއްޓުމުގެ އިހްތިޔާރެއް ބޭންކަށް ނޯންނަ ކަމަށް އެ ހުކުމުގައިވެ އެވެ. އެ މައްސަލާގައި އަލްހާންގެ އިތުރުން ކިންގްސްގެ ހިއްސާދާރުންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތުކޮށް، ޖިނާއީ ތަހުގީގެއް ވެސް ދަނީ ހިންގަމުންނެވެ.

އެ ވިޔަފާރިއާ ގުޅޭ ގޮތުން އަލްހާން މީގެ ކުރިން ވިދާޅުވެފައިވަނީ އޭނާގެ ވިޔަފާރި ހިންގަނީ ޕޮންޒީ ސްކީމެއް ހިންގާ ގޮތަށް ނޫން ކަމަށެވެ. އެ ފަންޑުގައި ބައިވެރިވާ ފަރާތްތަކަށް ފައިސާ ދެނީ އޮންލައިންކޮށް ޓްރޭޑުކޮށްގެން ލިބޭ ފައިދާއިން ކަމަށާއި އެއީ އެ ފަންޑުގައި ބައިވެރިވާ އެއް ބަޔަކު ދޭ ފައިސާއިން އަނެއް ބަޔަކަށް ފައިސާ ދީގެން ހިންގާ ފަންޑެއް ނޫން ކަމަށެވެ.

އަލްޙާން އޭރު ވިދާޅުވެފައިވަނީ ޕޮންޒީ ސްކީމެއް ހިންގަނީ ދައުލަތުން ކަމަށާއި، އެގޮތުން ސިޔާސީ މީހުން ވެރިކަމާ ހަވާލުވެ ފުރަތަމަވެސް ވިއްކަނީ ބޮންޑު ކަމަށާއި، އެ ބޮންޑު ގަންނަނީ މަޝްހޫރު ވިޔަފާރިވެރިޔާ އުއްޗު ކަމަށެވެ. އަދި އެއަށްފަހު އެ ބޮންޑު ވައްދަނީ ބޭންކް އޮފް މޯލްޑިވްސްއާއި އުއްޗުގެ ހިއްސާ އޮންނަ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްއަށް ކަމަށެވެ. އަދި އެއަށްފަހު ނެތް ފައިސާއަކަށް ކަރުދާހެއް އުފައްދާކަމަށް އޭނާ ވިދާޅުވިއެވެ. އެއީ ޕޮންޒީ ސްކީމެއް ކަމަށް ވިދާޅުވެ އަލްހާން ތުހުމަތުކުރެއްވީ ހަގީގަތުގައި ޕޮންޒީ ސްކީމް ހިންގަނީ ދައުލަތުން ކަމަށެވެ.

އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމަކީ ޒަމާނީ މާލީ ނިޒާމުތަކާއި ބޭންކިން އުސޫލުތަކަށް ފިޓު ބޭފުޅެއް ނޫން ކަމަށާއި، އޭނާ ގެންގުޅުއްވަނީ މާ ކުރީގެ ފޮތްތަކެއް ކަމަށާއި އެ ފޮތްތަކުގައި އަލްހާން ކުރައްވާ ވިޔަފާރިއާ ގުޅޭ އެއްވެސް ކަމެއް ނެތުމުން އެކަންކަން ހިނގާ ގޮތް ގަވަރުނަރަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ޓްރޭޑް ކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ކިންގްއިން ފައިސާ ނަގާފައިވާއިރު، އެފައިސާ އަދި މިހާތަނަށް އަނބުރާ ނުލިބެއެވެ. އަލްހާން އަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ ބޭފުޅެކެވެ.

މި ލިއުމާއި ގުޅޭ