ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ބިރު އޮތުމުގެ ސަބަބުން، ބޮޑުތަކުރުފާނު މަގުގައި ވިލާ ގޭސް ބިލްޑިން އާ ޖެހިގެން ހިންގާ "ކެފޭ ތާސީރު" އެތަނުން ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިްޒު ވިދާޅުވީ މާލޭގެ 358 ނަންބަރު ކޮށީގައި، މާލޭގެ ދެކުނު ފަރާތު ވިލާގޭސް ބޮޑުތަކުރުފާނުމަގާއި އިންވެގެން ހުރި 7 ނަންބަރު ފާޚާނާބަރީގައި ހިންގަމުންދާ"ކެފޭ ތާސީރު" ގެ ވިޔަފާރި ހުއްޓުވާ އެތަނުން އެ ކެފޭ ނެގުމަށް އަންގަންޖެހޭ ހުރިހާ އެންގުންތައް އަންގާ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވަނީ ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގާފާނެކަމުގެ ބިރުއޮތުމުން ކަމަށެވެ.
އެގޮތުން ދާދިފަހުންވެސް ކެފޭއެއްގެ ބަދިގޭގަ ރޯވެގެން ވަރަށްބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިކަމަށާއި، ނީލަން ފިހާރަ ހުރިތަނުގައި ރޯވެ، ކައުންސިލްގެ މުވައްޒަފުންތިބޭ އެކޮމޮޑޭޝަން ބްލޮކްވެސް އަނދައިގެންގޮސްފައިވާކަން މޭޔަރު ފާހަގަކުރައްވާފައިވެއެވެ.
މޭޔަރު އިތުރަށް ވިދާޅުވެފައިވަނީ މި މައްސަލައަކީ ޤާނޫނީ ވަރަށް ގިނަ މަރުޙަލާތައް ހިނގާފައިއޮތް ކަމެއްކަމަށާއި އެބިމަކީ ޕޭ ޓޮއިލެޓް ހިންގަން ހުއްދަ ދެވިފައިވާތަނެއް ނަމަވެސް އެގްރީމެންޓާއި ޚިލާފްވެ ޕޭ ޓޮއިލެޓް ނުހިންގައިގެން ކައުންސިލުން ކޯޓަށް ގޮސް މައްސަލަ އެ ކައުންސިލާއި އެއްކޮޅަށް ނިމިފައިވާކަމަށެވެ.
ޑރ. މުއިއްޒު ވިދާޅުވިގޮތުގައި ކެފޭ ތާސީރު ހިންގާ ފަރާތުން ވަނީ އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައެވެ. އަދި މި މައްސަލަ މިހާރުވެސް ހައި ކޯޓުގައި ހިނގަމުންދާކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.