އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ ސިލްސިލާ މުޒާހަރާތައް ހުއްޓުވައިލައްވަފާނެކަމުގެ އިޝާރަތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ދެއްވައިފިއެވެ.
ރައީސް އިބްރާހީމު މިފަދަ އިޝާރާތެއް ދެއްވީ މިއަދު އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގައި އއ.މަތިވެރިއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގައި ހުންނަވައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު މިފަދައިން އިޝާރާތްކުރެއްވީ އެމަނިކުފާނު ކުރައްވާ ދަތުރުފުޅުތަކުގައި ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅުން ކުރަމުންދާ މުޒާހަރާތަކާ ގުޅިގެންނެވެ.
އިދިކޮޅުން މުޒާހަރާކުރަމުން އަންނަނީ ފާއިތުވި ޑިސެންބަރު މަހުގައި އިިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓު އަދި ޕީޕީއެމްގެ ރައީސް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެމަނިކުފާނު މިނަވަންކުރުމަށް ގޮވައިލައެވެ.
ރައީސް ވިދާޅުވީ ކުރިން ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ނެތްކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި އެ ހުރިހާ ޙައްޤެއް ފުރިހަމައަށް ރައްޔިތުންނަށް ދެއްވާފައިވާ ކަމަށެވެ. އެހެންނަމަވެސް އެ ޙައްޤުތައް ބޭނުންކުރާ ގޮތުން އެހެން ބަޔަކަށް ދުއްތުރާވާނަމަ ފިޔަވަޅުއަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚިޔާލުފާޅުކުރުމުގެ ހައްގު ބޭނުންކޮށްގެން މީހަކު ފާޅުކުރާ ޚިޔާލަކީ ޖެހިގެން ހުންނަ މީހާގެ ކަންފަތު ތޫރި ފޫއަޅުވައިލާ އެއްޗަކަށް ވެގެންނުވާނެ ކަމަށެވެ. އެހިސާބަށް ކަންކަން ގޮސްފިނަމަ ވެރިކަމުގައި ތިބި ބަޔަކު އެކަމަށް ވިސްނަން މަޖުބޫރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މީގެ ބޭނުން ހިފާއިރު ވިސްނަން ޖެހޭނެ ތިމާ ފާޅުކުރާ ހިޔާލެއް ނޫނީ އުފުލާ އަޑެއްގެ ނަތީޖާއަކަށް ނުވާނެ ޖެހިގެން ހުންނަ މީހާ ކަންފަތު ތޫރި ފޫއަޅުވާލާ އެއްޗަކަށެއް. އެހިސާބަށް ގޮސްފިއްޔާ އެއާ ދޭތެރޭ ދެން ޖެހޭނީ ވެރިކަމުގައި ތިބި ބަޔަކު ވިސްނާން،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އިދިކޮޅުގެ ސިލްސިލާ އިހުތިޖާޖުތައް ހުއްޓުވަން އެމަނިކުފާނު ބޭނުންފުޅުނުވެއެވެ. ނަމަވެސް އެކަމުގެ ސަބަބުން އެހެން މީހުން ކުރަން ބޭނުންވާ ކަންކަމަށް ހުރަސްއެޅިގެންނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރަކަށް ހުންނެވި ޒަމާނުގައި އެމްޑީޕީ އިދިކޮޅުގައި އޮވެ ވެރިރަށް މާލޭގެ މަގުތައް ބަންދުވާ މިންވަރަށް މުޒާހަރާކޮށް ސަލާމަތީ ބާރުތަކާ ކުރިމަތިލުންތައް ހިނގައި ބޮޑެތި ހަމަނުޖެހުންތައް ހިނގާފައިވެއެވެ. އެއިރު ސަރުކާރުން މުޒާހަރާކުރުމަށް ހުރަސްއެޅުމުން އެކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި އެއް ބޭފުޅަކީ ރައީސް އިބްރާހީމެވެ.