ފަސް މީހުންނާ އެކު ދަތުރުކުރި ސަފާރީއެއް ތ. މަޑިފުށީ ފަރަށް އަރައިފިއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފުން ބުނީ ތ. ދިޔަމިނގިއްޔަށް ދަތުރުކުރި 'ރެޑްމޫން' ނަމަކަށް ކިޔާ ސަފާރީއެއް މަޑިފުށީ ފަރަށް އަރައިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑު ތާޑު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ ރިޕޯޓް އެ އިދާރާއަށް ލިބުނީ ރޭ 7:40 ހާއިރު ކަމަށާއި ހާދިސާގެ ރިޕޯޓު ލިބުމާއކެު އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑު ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ދިޔަކަމަށެވެ.
އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑްގެ ޑައިވަރުން ޑައިވްކޮށް ސަފާރީއަށް ލިބިފައިހުރި ގެއްލުންތައް ބެލި ބެލުމުން ސަފާރީ ފަރަށް އަރައި ބީހުމުގެ ސަބަބުން އޭގެ ބަނޑުފިލައިގެ ދެ ތަނަކުން ގަލެއްގައި ޖެހި ފަޅައިގެން ގޮސްފައިވާކަން އެނގިފައިވާކަމަށެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ އެ ސަފާރީ ދަތުރުކުރަމުން ދިޔައީ މަރާމާތަށް ދިޔަމިނގިލީ ބޯޓުޔާޑަށް ނެގުމަށްކަމަށާއި އެހެންވެ، އޭގައި އެއްވެސް ފަތުރުވެރިއަކު ނެތް ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައިނުވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.