އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގެ ތެރެއިން ޒުވާނުންނަށް ޚާއްޞަކޮށްގެން އެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ސުވާލާއި ޖަވާބު ހަރަކާތެއް ލޮނުޒިޔާރަތް ޕާކުގައި މާދަން ރޭ ބާއްވަން ނިންމައިފިއެވެ.
މި ވަގުތު ރައީސް ނަޝީދު ކެމްޕޭނުކުރައްވަނީ އައްޑޫ ސިޓީގައެވެ. އަދި މިއަދުގެ ވަގުތެއްގައި އެމަނިކުފާނު ފުވައްމުލައް ސިޓީއަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ. އައްޑޫއިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ރެއާއި މިއަދު އެމަނިކުފާނު ގޭގެއަށް ވަޑައިގެން އާންމުންނާ ބައްދަލުކުރެއްވިއެވެ.
އެމަނިކުފާނާ މި އިންތިޚާބުގައި ވާދަކުރައްވާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ އަރިއަތޮޅުގައެވެ. އެގޮތުން އުކުޅަހަށް މިއަދު ހެނދުނު އެމަނިކުފާނު ވަޑައިގެންފައިވެއެވެ.
ރައީސް ނަޝީދު އަތޮޅު ތެރެއަށް ކުރައްވާ ކޮންމެ ދަތުރުފުޅަކަށްފަހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ހިއްސާކުރެއްވި ނަމަވެސް މިހާތަނަށް ކެމްޕެއިން ފެށުނު ފަހުން ރައީސް އިބްރާހީމު ނޫސްވެރިންގެ ބައްދަލުވުމެއް ނުބާއްވަވައެވެ.
މާދަން ރޭ 8:15 ގައި ލޮނުޒިޔާރަތް ޕާކުގައި ބާއްވާ ހަރަކާތުގެ ޝިއާރަކީ "ޖީލެއްގެ ދިރުން"އެވެ. މި ހަރަކާތުގައި ޒުވާނުންނަށް ރައީސް ނަޝީދާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު އޮންނާނެކަމަށް އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ބުނެއެވެ.
ނަޝީދުގެ ކެމްޕެއިން ހަރަކާތް ނިންމައިލުމަށް ބާއްވާ ބޮޑު ޖަލްސާ އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައެވެ. ރައީސް އިބްރާހީމް ކެމްޕެއިން ނިންމަވައިލައްވަނީ އައްޑޫ ސިޓީގައި ބާއްވަވާ ޖަލްސާއަކުންނެވެ.