ސިވިލް ކޯޓުގައި ހިނގަމުން ދިޔަ ސާބިތު ދަރަނީގެ މައްސަލަތަކަކާ ގުޅިގެން ޕާސްޕޯޓުތަކެއް ކެންސަލް ކުރަން އެ ކޯޓުން ނެރުނު އަމުރުތަކެއް ހައި ކޯޓުން ބާތިލުކޮށްފިއެވެ.
ސިވިލް ކޯޓުން ފަސް މީހެއްގެ ޕާސްޕޯޓު ކެންސަލް ކުރަން އިމިގްރޭޝަނުގެ މައްޗަށް އަމުރު ކުރީ، އެ ކޯޓުގައި ސާބިތުވެފައިވާ ދަރަނިތަކުގެ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގެ ތެރެއިންނެވެ. އެ އެންމެން ވެސް އަމުރުތައް ނެރުނު އިރު ތިބީ ރާއްޖެއިން ބޭރަށް ގޮސްފައެވެ.
ސިވިލް ކޯޓުގެ މި އަމުރާ ގުޅިގެން އެއީ ރަހުނެއް ނުހިމެނޭ ސާބިތު ދަރަނީގެ މުއާމަލާތްތަކުގައި އަމަލުކުރަންވީ ގޮތުގެ ގަވާއިދާ ހިލާފަށް ނެރެފައިވާ އަމުރުތަކެއް ކަމަށް ބުނެ އިމިގްރޭޝަނުން ވަނީ އެ އަމުރުތައް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ނަމަވެސް ޕާސްޕޯޓްތައް ކެންސަލް ކުރި އަމުރުތައް މުރާޖައާކޮށްދިނުމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން ސިވިލް ކޯޓުގައި އެދުމުން، އެ ކޯޓުން ވަނީ ޕާސްޕޯޓް ކެންސަލް ކުރުމުގެ ބާރު ލިބޭ ކަމަށް ބުނެ އެ ނިންމުން ދިފާއުކޮށްފައެވެ.
ސިވިލް ކޯޓުގެ މި ނިންމުމާ ގުޅިގެން ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުޒެއިފާ މުހައްމަދު ރައުޔުގައި ވިދާޅުވެފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމާއި ޕާސްޕޯޓު ކެންސަލްކުރުމާ އެއް ހަމަ ކަމެއްގެ ގޮތުގައި ބެލެވޭކަށް ނެތް ކަމަށެވެ.
މިކަމުގެ ސަބަބެއް ކަމަށް ފަނޑިޔާރު ފާހަގަކުރެއްވީ ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދުގެ ދަށުން، ޕާސްޕޯޓް ހިފެހެއްޓުމާއި ޕާސްޕޯޓް ކެންސަލްކުރުމުގެ ހަމަތައް ބަޔާންކުރަނީ ތަފާތު ދެ މާއްދާއެއްގައި ކަމަށް ވުމެވެ.
ފަނޑިޔާރު ހުޒެއިފާ ވިދާޅުވީ މި މައްސަލައިގައި ސިވިލް ކޯޓުން ގާނޫނު މާނަކުރުމުގައި، ގަވާއިދުގައި ނުހިމެނޭ ކަމެއް އިތުރުކުރުމަކީ ގާނޫނުން ނުވަތަ ގަވާއިދުގެ މާއްދާގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުންކަމަށެވެ.
އަދި ޕާސްޕޯޓު ބާތިލުކުރަން ފޮނުވި ލިޔުންތަކަކީ، މީހެއްގެ ދަތުރުފަތުރުކުރުމުގެ މިނިވަންކަން ހިފެހެއްޓޭ ކަމަކަށްވީއިރު، ކޯޓަށް ނުލިބޭ ބާރެއް ބޭނުންކޮށްގެން މީހެއްގެ އަސާސީ މިނިވަންކަން ނިގުޅައިގަތުން ގާނޫނުއަސާސީއާ ހިލާފުކަމަށްވެސް ފަނޑިޔާރު ވިދާޅުވެފައިވެއެވެ.
ފަނޑިޔާރު ހުޒެއިފާގެ މި ރައުޔަށް ބެންޗުގައި އިންނެވި ފަނޑިޔާރު ފާތުމަތު ފަރުހީޒާ ވަނީ ތާއީދުކުރައްވާފައެވެ.