ގިނަ ދުވަސްތަކެއްް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގައި ހޭދަކުރެއްވުމަށްފަހު ރައީސްކަމުގައި ފާއިތުވި ކުޑަ ދުވަސްކޮޅުގެ ތެރޭގައި މަޖިލިސް މެންބަރެއްގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ހަދުމަފުޅު ނެތުނީތޯ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވެއިރު ދާއިރާެ މެންބަރު އަލީ އާޒިމް ސުވާލުކުރައްވައިފިއެވެ.
އާޒިމް މިފަދައިން ސުވާލުކުރެއްވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނުގައި އއ.ތޮއްޑޫއަށް ވަޑައިގެން ރައީސް އިބްރާހީމް ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.
ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު ޙަސަން ޝިޔާން (ގިޓާ)އަކީ އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަމުގައި ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އޭނާ ގެންދަވަނީ ނަޝީދުގެ ކެމްޕެއިނުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެން މަސައްކަތްކުރައްވަމުންނެވެ.
ތޮއްޑޫގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމު ވިދާޅުވީ އެ ދާއިރާގެ މެންބަރު ހުންނެވީ އެމަނިކުފާނާ އެހާ ގާތުގައި ނޫން ކަމަށެވެ. ނަމަވެސް އެ ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދިނުމުގައި ސަރުކާރުން ފަހަތަށްނުޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ތެދުފުޅެއް މިދާއިރާގެ މެންބަރު އަޅުގަނޑަކާ އެހާ ކައިރިއަކު ނޫން ހުރީ. އެހެންނަމަވެސް އެއީއަކީއެއް މި ދާއިރާ ބާކީވެގެންދާނެ ކަމެއް ނޫން،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.
ރައީސް އިބްރާހީމުގެ މި ވާހަކަފުޅާ ގުޅިގެން އެމަނިކުފާނު ޓެގުކުރައްވައި ކުރެއްވި ޓުވީޓެއްގައި އާޒިމް ސުވާލުކުރައްވާފައިވަނީ ރައީސް އިބްރާހީމް މަޖިލީހުގެ މެންބަރުކަމުގައި ކިތައް ދައުރު އިންނެވިތޯއެވެ. ރައީސް އިބްރާހީމްވަނީ ޅ.އަތޮޅުގެ މެންބަރުކަމާއި ހިންނަވަރު ދާއިރާގެ މެންބަރުކަން 25 އަހަރު ކުރައްވާފައެވެ.
އާޒިމް އިތުރަށް ސުވާލުކުރެއްވީ ދާއިރާއަކަށް ސަރުކާރުން ކަންކަން ކޮށްދޭންޖެހެނީ މެންބަރާ ރައީސާ އޮންނަ ގާތްކަމުން ނުވަތަ އާއިލީ ގުޅުމެއްގެ ސަބަބުން ނޫންތޯއާއި، ރައީސްކަމުގައި ހޭދަކުރެއްވި ކުޑަ މުއްދަތުގައި މަޖިލިސް މެންބަރެއްގެ މަސްއޫލިއްޔަތު ހަދުމަނެތުނީތޯއެވެ.
ސަރުކާރަށް ތާއީދުކުރާ މެންބަރުންގެ ދާއިރާތަކަށް ބަޖެޓުގެ ބޭރުން މަޝްރޫޢުތައް ހަމަޖެއްސުމާއި، އެހެން ދާއިރާތަކުގައި ކުރާ މަސައްކަތްތައް ހުއްޓާލައި އެ މެންބަރުންގެ ދާއިރާގައި މަސައްކަތްތައް ސަރުކާރުން ހިންގާކަމަށް ސަރުކާރަށް ތާއީދުނުކުރައްވާ މަޖިލީހުގެ އެމްޑީޕީ މެންބަރުން ތުހުމަތުކުރައްވައެވެ.