މުސްލިމުންގެ ތެރޭގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުން ހުއްޓާލައްވާ އިސްލާހުވަމަށް ދީނީ އިލްމުވެރިޔާ ޝައިޚް އަލީ ޒައިދަށް ޖަމްޢިއްޔަތުއް ސަލަފުގެ އިސް ހަރަކާތްތެރިޔާ އަލީ ރަމީޒު ނަސޭހަތްތެރިވެލައްވައިފިއެވެ.
އަލީ ރަމީޒް ޝައިޚް ޒައިދު ޓެގްކުރައްވާ ކުރެއްވި ޓްވީޓެއްގައި ވަނީ މީހުން ލައްވާ އަވަގުރާނަ ގޮއްވަން ޖެއްސުމުގެ ރާގަށް ސެލްފީތަކާއި ޓްވީޓުތައްކޮށް ނުހެދުމަށް ނަސޭހަތްތެރިވެފައެވެ.
އަދި އިލްމުވެރިންނަކީ އަބަދުވެސް މީސްތަކުންނަށް ނަސޭހަތްތެރިވާ ބަޔެއްކަން ފާހަގަކުރައްވާ އަލީ ރަމީޒް ވަނީ ޝައިޚް ޒައިދު އިސްލާހުވުމަށް ނަސޭހަތްތެރިވެފައެވެ.
އަލީ ރަމީޒްގެ މިފަދަ ނަސޭހަތެއް ޝައިޚް ޒައިދަށް ދެއްވާފައިވާއިރު ޒައިދު އަންނަނީ ސަރުކާރާ ދެކޮޅަށް ބަސް ބުނާ ބައެއް ފަރާތްތަކަށް ބަހުގެ ހަމަލާތައް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ފޮނުއްވަމުންނެވެ. އެގޮތުން ޒައިދު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ "ހަގީގަތާއި ހިލާފު ޚަބަރާއި، ނަފްރަތާއި ރުޅިވެރިކަން ފެތުރުމުގައި އިސްދައުރެއް އަދާކުރާ އިދިކޮޅު ނޫހެއް އެބައޮތް! ސަމާލުވެލައްވާ" މިފަދައިންނެވެ.
ޒައިދު އެފަދައިން ވިދާޅުވެފައިވަނީ އަދާލަތު ޕާޓީގެ އިސްވެރިންނާ ގާތް ގުޅުމެއް އޮންނަ ތިން ބޭފުޅަކަށް އުސޫލުތަކުގެ ބޭރުން ވަޒީފާތަކެއް ހަމަޖައްސައިދިންކަމުގެ ތުހުމަތުގެ މައްސަލައެއް ފެންމަތިވުމާއި ގުޅިގެން އެކަން "ދިޔަރެސް" ގައި ރިޕޯޓު ކުރުމާއި ގުޅިގެންނެވެ.
ޒައިދުގެ އެ ޕޯސްޓައި ގުޅިގެން ގިނަ ބަޔަކު ވަނީ އޭނާއަށް ފާޑުކިޔާފައެވެ. އަދި މި ސަރުކާރުން ކުރާ ކަންކަން ނުފެންނަކަމަށާއި ސަރުކާރާ އެއްކޮޅު ނޫސްތަކުން ފަތުރާ ދޮގު ޚަބަރުވެސް ނުފެންނަނީތޯ ބައެއް މީހުން ޒައިދުއާ ސުވާލުވެސްކޮށްފައިވެއެވެ.