Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަދާލަތު ޕާޓީ

އަދާލަތު ޕާޓީއާ ގުޅުން އޮންނަ ތިން މީހަކަށް އުސޫލާ ޚިލާފަށް ވަޒީފާ ދިންކަމުގެ ތުހުމަތު

އަދާލަތު ޕާޓީގެ އިސްވެރިންނާ ގާތް ގުޅުމެއް އޮންނަ ތިން ބޭފުޅަކަށް އުސޫލުތަކުގެ ބޭރުން ވަޒީފާތަކެއް ހަމަޖައްސައިދިންކަމުގެ ތުހުމަތު ފެންމަތިވެއްޖެއެވެ.

އެއިން ދެ ބޭފުޅުންނަކީ މަދީނާގެ އިސްލާމިކް ޔުނިވާސިޓީން ދަސްވެނިވެފައިވާ ޝައިޚް ޢާޒިމް ޚާލިދާއި، ޤަޞީމް ޔުނިވާސިޓީން ދަސްވެނިވެފައިވާ ޝައިޚް އަލީ ޝަހީދެވެ. މި ދެ ބޭފުޅުންނަށް ހަމަޖައްސައިދީފައިވަނީ އަލަށް އިސްލާމިކް މިނިސްޓްރީގައި އުފައްދާފައިވާ ވާއިޒުންގެ ވަޒީފާއެވެ. މި ވަޒީފާއަކީ އާންމު ސިވިލް ސާވިސްގެ ވަޒީފާއަކަށްވުރެ މުސާރަ ބޮޑު ދެ ވަޒީފާއެވެ.

ނަން ނުޖެހުން ޝަރުތުކޮށް "ދިޔަރެސް"އަށް މައުލޫމާތު ދެއްވި އިސްލާމިކް މިނިސްޓްރީގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި މި ދެ ބޭފުޅުންނަށް އެ ވަޒީފާ ހަމަޖެހުނީ ފާއިތުވި އަހަރުގެ ހައްޖު މޫސުމުގައި އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ސައުދީއަށް އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިންނެވެ.

އާންމުކޮށް އަމީރުލް ޙައްޖުންނަށް ހަމަޖެހޭ ކަންކަން އެފަހަރު ސައުދީ ސަރުކާރުން ޑރ.ޒާހިރަށް ހަމަޖައްސައިނުދެއެވެ. އެހެންކަމުން ސައުދީގައި މިނިސްޓަރު ހުންނެވިއިރު މިނިސްޓަރާއި އަނބިކަނބަލުންގެ ކަންކަން ބަލަހައްޓަވައި ދަތުރުފަތުރު ހަމަޖައްސައިދެއްވައި އަރިހުގައި އުޅުއްވީ މި ދެ ބޭފުޅުންކަމަށްވެއެވެ. އެކަންކަމުގެ ބަދަލުގައި އެ ބޭފުޅުންނަށް ވަޒީފާ ހަމަޖައްސަވައިދެއްވާނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިކަމަށްވެއެވެ.

އަލަށް ޔުނިވާސިޓީ ތައުލީމުގެ ފުރަތަމަ މަރުހަލާ ނިންމެވި ދެ ބޭފުޅުންނަށް ދާއީންގެ ވަޒީފާ ހަމަޖައްސައިދީފައިވަނީ އެ ބޭފުޅުންނަށްވުރެ ކުރިން ތައުލީމު ފުރިހަމަކުރައްވައި ރާއްޖެ ވަޑައިގެން ގިނަ ދުވަހު ދައުވަތުގެ މަސައްކަތުގައި އުޅުއްވާފައިވާ ތަޖުރިބާކާރު ބޭފުޅުން އެ މަޤާމަށް ކުރިމަތިލައްވާފައިވަނިކޮށްކަން އިސްލާމިކް މިނިސްޓްރީގެ އިސް ދެ މަސްއޫލުވެރިޔަކު "ދިޔަރެސް"އަށް ކަށަވަރުކޮށްދެއްވާފައިވެއެވެ.

އޭގެ އިތުރުން ޙައްޖު ކޯޕަރޭޝަނުގެ މެނޭޖަރުގެ މަޤާމަށް އަދާލަތު ޕާޓީގެ މެންބަރު އަދި އެ ޕާޓީގެ އިސްވެރިންނާ ގާތް ގުޅުމެއް އޮންނަ ޝައިޚް ހަސަން އަންސާރު ހަމަޖައްސާފައިވަނީވެސް އުސޫލުން ބޭރުންކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަންސާރަކީ ފުރަތަމަ ޑިގުރީ ހާސިލުކުރައްވާފައިވާ ބޭފުޅަކަށްވާއިރު، އިސްލާމިކް މިނިސްޓްރީގެ އޮފިޝަލު ވިދާޅުވި ގޮތުގައި އެ މަޤާމަށް އަންސާރު ހަމަޖެއްސީ އިސްލާމިކް ޔުނިވާސިޓީން ފުރަތަމަ ޑިގުރީ ހާސިލުކުރައްވައި ރާއްޖެއިން މާސްޓާސްވެސް ނިންމަވާފައިވާ ބޭފުޅަކު އެ މަޤާމަށް ކުރިމަތިލައްވާފައިވަނިކޮށެވެ.

މި ތިން ބޭފުޅުންނަށް ވަޒީފާ ހަމަޖެއްސި ގޮތުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅުއްވާނެކަމަށް މައުލޫމާތު ދެއްވި އިސްލާމިކް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ