ވޭސްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ މުވައްޒަފަކު މާލޭގެ އިމާރާތެއްގެ ސިޑި މައްޗަށް ބޮޑު ކަމުދިޔަ މައްސަލައެއް އެ ކޯޕަރޭޝަނުން ބަލަން ފަށައިފިއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއެއްގައި ފެނިގެންދިޔައީ ކުނި އުކުމުގައި ހަރަކާތްތެރިވި ވެމްކޯގެ މުވައްޒަފެއް ގެއެއްގެ ސިޑި ގޮޅިއަށް ބޮޑު ކަމުދާ މަންޒަރެވެ. އެ މީހާ ހުރީ ވެމްކޯގެ ޔުނީފޯމް ލައިގެނެވެ.
މި މައްސަލައާ ގުޅިގެން ވެމްކޯއިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޑިއުޓީ އަދާކުރަމުންދިޔަ އެ ކުންފުނީގެ މުވައްޒަފެއް އިޖްތިމާއީ މިންގަނޑުތަކާއި ހިލާފު އަމަލެއް ހިންގާފައިވާ ކަމުގެ މައުލޫމާތު އެ ކޯޕަރޭޝަނަށް ލިބިފައިވާ ކަމަށާއި އެފަދަ އަމަލުތަކަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލުތަކެއް ނޫން ކަމަށެވެ.
އަދި މި މައްސަލަ މިހާރު އެ ކޯޕަރޭޝަނުން ބަލަމުންދާ ކަމަށާއި މައްސަލައިގެ ތަހުގީގް ކުރިއަށްދާތީ އެ މުވައްޒަފު ވަޒީފާއިން ސަސްޕެންޑްކޮށްފައިވާ ކަމަށްވެސް ވެމްކޯއިން ބުނެފައިވެއެވެ.
ވެމްކޯއިން ވަނީ މި މައްސަލައާ ގުޅިގެން އުނދަގޫ ދިމާވި ފަރާތްތަކުގެ ކިބައިން މާފަށް އެދި އެފަދަކަމެއް ދެން ތަކުރާރުވެދިޔަ ނުދިނުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.