ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިންތިޚާބުތައް މުޅިންވެސް ކާމިޔާބުކުރައްވަނީ އެކަމުގެ ތެރެއަށް ފައިސާ ވައްދަވައިގެންކަމަށް އެމަނިކުފާނުގެ ޒަމާންވީ އެކުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އެ ދެ ބޭފުޅުން ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ތާއީދު ހޯއްދެވުމަށް އައްޑޫ ސިޓީއަށް އިއްޔެއާއި މިއަދު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް ނަޝީދާއި ރައީސް އިބްރާހީމަކީ ތުއްޕުޅުއިރުން ފެށިގެން ގާތް އެކުވެރިންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަނުކުރެއްވޭ ހާލަތެއް މެދުވެރިވުމުން އެމަނިކުފާނުގެ ބަދަލުގައި އެމްޑީޕީން އިންތިޚާބަށް ނިކުމެވަޑައިގަތުމަށް ނަޝީދު ތާއީދުކުރެއްވީވެސް ރައީސް އިބްރާހީމަށެވެ.
މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ރައީސް އިބްރާހީމް ވިދާޅުވެފައިވަނީ އެމަނިކުފާނާ ނަޝީދާ ދެމެދުގައި އޮތް ގުޅުން ހީނަރުވެ ގާތްނުވެވޭ މިންވަރަށް ދުވަހަކުވެސް ދުރުނުވާނެ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ ހަޔާތްޕުޅުގެ ބޮޑު ބައެއް އެކީގައި ހޭދަކުރެއްވި އެކުވެރިންކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އައްޑޫގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނާ ވާދަކުރައްވާ ކެނޑިޑޭޓު ވަރަށް ރަނގަަޅަށް ދެނެވަޑައިގަންނަވާ ކަމަށެވެ. ރައީސް އިބްރާހީމަކީ ދުވަހަކުވެސް ރައްޔިތުންގެ ގާތަށް ވަޑައިގެން ތާއީދު ހޯއްދަވައިގެން އިންތިޚާބު ކާމިޔާބުކުރެއްވި ބޭފުޅެއް ނޫންކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގޭނެ އަޅުގަނޑުގެ ވާދަވެރިޔާ. އެއްވެސް އިންތިޚާބެއް ކާމިޔާބުކުރައްވާފައި ނޯންނާނެ ރައްޔިތުންގެ ގާތަށް ގޮސް ތާއީދު ހޯއްދަވައިގެން. އަބަދުވެސް ރުފިޔާ އޭގެ ތެރެއަށް ވަދެފައި [އޮންނާނެ] އިންތިހާއަށް،" ނަޝީދު ވިދާޅުވިއެވެ.
އަދި ރައީސް އިބްރާހީމަކީ ކަންކަން މެނިޕުއުލޭޓުކުރައްވާ ބޭފުޅެއްކަމަށާއި، އިންތީޚާބު އިންސާފުވެރިނުވާނެ ކަމަށާއި، އެހެންނަމަވެސް އެމަނިކުފާނަށް އޮތް ތާއީދު ބޮޑުކަމުން އިންތިޚާބު އޮޅުވައިލަން އުދަގޫވާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
"[އިންތިޚާބު] އިންސާފުވެރިއެއް ނުވާނެ. އެހެންނަމަވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އޮތް ތާއީދު ބޮޑުކަމުން އުދަގޫވާނެ އެމިންވަރަށް އޮޅުވައިލަން،" ނަޝީދު ވިދާޅުވިއެވެ.