ގުޖުރާތުގައި އެތައް ހާސް މުސްލިމުންނެއް ޤަތުލުކުރި އަނިޔާވެރި އަމަލުތަކަށް މަގުފަހިކުރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ދިވެހި ދައުލަތުން ބޭރުގެ މީހަކަށް ދޭ އެންމެ މަތީ ޝަރަފުކަމަށްވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ޝަރަފު ދިނުމުގެ ހުކުމަކީ ކޮބައިތޯ ސުވާލުކުރުމުން އަދާލަތު ޕާޓީގެ އެކްޓިވިސްޓުންކަމަށްވާ ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފާއި ޝައިޚް އަލީ ޒައިދު އެ ސުވާލަށް ޖަވާބެއް ނުދެއްވިއެވެ.
2002 ވަނަ އަހަރު ހިންދޫން ނިކުމެ ގުޖުރާތުގެ މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތައް ހިންގުމަށް ފަހިވާ ގޮތަށް ފުލުހުންގެ ކަންކަން ތަރުތީބުކޮށް އެ އަނިޔާވެރި އަމަލުތަކަށް ގުޖުރާތުގެ ޗީފް މިނިސްޓަރުކަމުގައި ހުރެ މޯދީ ހިތްވަރުދިންކަން އިނގިރޭސިވިލާތުން އެއިރު ހިންގި ތަހުގީގަށް ސާބިތުވެ، އެ ޤަތުލު އާންމުގެ ޒިންމާ ސީދާ މޯދީ އުފުލަންޖެހޭނެކަމަށް އެ ތަހުގީގު ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
އަދި އެ ދުވަސްވަރު ޔޫރަޕިއަން ޔޫނިއަނުން ހިންގި ތަހުގީގަކުންވެސް މޯދީގެ ސަރުކާރުން ގުޖުރާތުގައި ހިންދޫން ހިންގި އަނިޔާވެރި އަމަލުތަކަށް ހިތްވަރުދީ މަގުކޮށައިދިންކަން ސާބިތުވެފައިވެއެވެ. އެކަމާ ގުޅިގެން އިނގިރޭސިވިލާތާއި އެމެރިކާއާއި ޔޫރަޕުގެ ބައެއް ޤައުމުތަކުން އެ ދުވަސްވަރު މޯދީއަށް ފިޔަވަޅުއެޅިއެވެ. އެގޮތުން ބޮޑުވަޒީރުކަން ލިބުމާ ހަމައަށްވެސް އެމެރިކާއިން މޯދީއަށް ވިސާ ނުދެއެވެ.
ބޭރު ޤައުމުތަކުގެ ލީޑަރުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެންމެ ގާތް ގުޅުމެއް ބާއްވަވަނީ މޯދީއާއެވެ. އެގޮތުން މޯދީގެ މަންމަ މަރުވުމުން ރައީސް އިބްރާހީމްވަނީ މޯދީއަށް ހެޔޮދުއާކުރައްވައި ޓުވީޓެއްވެސް ކުރައްވާފައެވެ. އާންމުކޮށް އެހެން ސިޔާސީ ބޭފުޅަކަށް އެފަދަ ކަމެއް ކުރެއްވިއްޖެނަމަ ފާޑުވިދާޅުވާ ޑރ.އިޔާޒާއި ޒައިދު އެކަމުގައި ރައީސް އިބްރާހީމަށް ފާޑުވިދާޅުނުވެއެވެ.
އިނގިރޭސި ސަރުކާރުން ހިންގި ތަހުގީގަށް ސާބިތުވެފައި ހުރިކަންކަން ފުރަތަމަ ފަހަރަށް ބީބީސީ ޑޮކިއުމެންޓަރީއެއްގައި ހާމަކުރުމާ ގުޅިގެން މިފަދައިން ގިނަ އަދަދެއްގެ މުސްލިމުންގެ ޤަތުލުގެ ޒިންމާ އުފުލަންޖެހޭ އަނިޔާވެރި މުސްލިމުންނާމެދު ނަފުރަތާ ރުޅިވެރިކަން ފަތުރާ މީހަކަށް މުސްލިމު ދައުލަތަކުން ދޭ އެންމެ މަތީ ޝަރަފު ދިނުމުގެ ހުކުމަކީ ކޮބައިތޯ ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ޓުވިޓާ މެދުވެރިކޮށް ޑރ.އިޔާޒާއި ޒައިދާ ސުވާލުކުރުމުން އެއިން ބޭފުޅަކު އެ ސުވާލަށް ޖަވާބުނުދެއްވައެވެ.
ޑރ.އިޔާޒަކީ ރެސްޓޯރެންޓުގައި ހުންނަ ކެޗަޕް ޕެކެޓާއި ދުފާ ސާމާނު ގެންދިއުމާ ގުޅޭ ގޮތުން މީހަކު ސުވާލުކުރިއަސް އާންމުކޮށް ޖަވާބުދެއްވާ ބޭފުޅެކެވެ. އަދި ފާއިތުވި ދެތިން ދުވަހު ރައީސް އިބްރާހީމަށް ތާއީދުކުރައްވައި ރައީސް މުޙައްމަދު ނަޝީދަށް ބަހުގެ ހަމަލާތައް ދެއްވުމުގައި ގިނަ ވަގުތުތަކެއް ޓުވިޓާގައި ހޭދަކުރައްވާ ބޭފުޅެކެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲއަށް ހޯމް މިނިސްޓަރުކަން ލިބިވަޑައިގަތުމުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅެއްގައި، ގުޖުރާތުގެ ޤަތުލު އާންމަށް މަގުފަހިކުރުމުގައި މޯދީގެ އެންމެ ގާތް އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރި އިންޑިއާގެ މިހާރުގެ ހޯމް މިނިސްޓަރު އަމިތު ޝާހާ ބައްދަލުކުރައްވައި އޭނާއަށް މާބޮޑިއެއް ވެދުމަށް އަރުވައި ތާރީފުކުރައްވާފައިވެއެވެ. އެކަމުގައިވެސް ޑރ.އިޔާޒު އަދި ޒައިދު ބަސްފުޅެއް ވިދާޅުނުވެއެވެ.
އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ޤާއިމުވެ އޮތުމާ ދެކޮޅަށް އިދިކޮޅު އިއްތިހާދުން ހިންގަމުން އަންނަ "އިންޑިއާ އައުޓް" ހަރަކާތާ ދެކޮޅަށް ޓުވީޓުކުރައްވައި، އެ ހަރަކާތަކީ ބައެއްގެ ކުށްތަކެއް ފޮރުވަން ހިންގާ ހަރަކާތެއްކަމަށް ޑރ.އިޔާޒު ވިދާޅުވެފައިވާއިރު، އިންޑިއާގެ ކަރަންޓު ގުރިޑާ ދިވެހިރާއްޖޭގެ ކަރަންޓު ގުރިޑު ގުޅުވައިލަން ކުރާ މަސައްކަތާމެދު އެއްވެސް ބަސްފުޅެއް އޭނާ ވިދާޅުވެފައިނުވެއެވެ.