އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ މަހަރަޝްތުރާ އިންފޮމޭޝަން ސެންޓަރުން މާލޭގެ ފޮޓޯއެއް ހިއްސާކޮށް އެއީ އިންޑިއާގެ ރަށެއްކަމަށް ދައުވާކޮށްފިއެވެ.
މާލޭގެ ފޮޓޯއެއް ހިއްސާކޮށް ދިއްލީގައި ހުންނަ މަހާ އިންފޯ ސެންޓަރުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފޮޓޯއިން ފެންނަނީ މަހަރަޝްތުރާގައި އޮންނަ ސަލްސެޓޭ އައިލެންޑް ކަމަށެވެ.
އިތުރަށް އެ ޓުވީޓުގައި ބުނެފައިވަނީ އެ ރަށުގައި ކޯރުތަކާއި ފެންގަނޑުތަކާއި ހަނި ފެން އާރުތައް ހުންނަ ކަމަށެވެ. އަދި 109 ބުދިސްޓު ހޮހަޅަވެސް އެ ރަށުން ފެންނަ ކަމަށާއި އޭގެ ތެރޭގައި ކަންހެރީގެ ހޮހޮޅަތައް ހިމެނޭ ކަމަށެވެ.
އިތުރަށް އެ ޓުވީޓުގައި ބުނެފައިވަނީ އެ ރަށް 1774 ވަނަ އަހަރު އިނގިރޭސިންގެ އިސްތިއުމާރުގެ ދަށަށް ގެންދިޔަ ކަމަށާއި، އެ ރަށަކީ ދުނިޔޭގައި 14 ވަނައަށް އެންމެ ބައިބޯ ރަށް ކަމަށެވެ.
މަހަރަޝްތުރާ ސަރުކާރުގެ ރަސްމީ އިދާރާއަކުން މިފަދަ ޓުވީޓެއް ކުރުމުން ގިނަ ބައެއްގެ ސަމާލުކަން އެ ޓުވީޓަށް ލިބުނެވެ.
ރާއްޖޭގެ ވެރިރަށާއި އިންޑިއާގެ ރަށެއް އޮޅުވާލައިގެން އެ ޤައުމުގެ ރަސްމީ އިދާރާއަކުން ޓުވީޓުކުރުމުން ވަރަށް ގިނަ ދިވެހިންވަނީ ނުރުހުން ފާޅުކޮށް ރާއްޖެއަކީ އިންޑިއާގެ ސްޓޭޓެއް ނޫންކަމަށާއި، ފޮޓޯއިން ފެންނަނީ ރާއްޖޭގެ ވެރިރަށްކަމަށް ބުނެފައެވެ.