Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އދ.ގެ ސަލާމަތީ މަޖިލީހަށް އިންޑިއާ ހޮވަން ރާއްޖެއިން ތާއީދުކުރަން ނިންމައިފި

އދ.ގެ އެންމެ ބާރުގަދަ ގުނަވަންކަމަށްވާ އދގެ ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރުކަމަށް އިންޑިއާ އިންތިޚާބުކުރަން ދިވެހިރާއްޖެއިން ތާއީދުކޮށްފިއެވެ.

އިންޑިއާއިން ކުރިމަތިލާފައިވަނީ އދގެ ސަލާމަތީ މަޖިލީހުގެ 2028-2029 ދައުރަށެވެ. އެ ދައުރަށް ސަލާމަތީ މަޖިލީހުގެ ދާއިމީ ނޫން މެންބަރު ދައުލަތް އިންތިޚާބުކުރުން އޮންނާނީ 2027 ވަނަ އަހަރުގައި އޮންނަ އދގެ އާންމު މަޖިލީހުގެ 85 ވަނަ ބައްދަލުވުމުގައެވެ.

އިންޑިއާއަށް ތާއީދުކުރަން ދިވެހި ސަރުކާރުން ނިންމާފައިވަނީ މި މަހުގެ 18 އަދި 19 ވަނަ ދުވަހު އެ ޤައުމުގެ ޚާރިޖީވަޒީރު ޑރ.ސުބްރައްމަންޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައެވެ. އެ ޒިޔާރަތަކީ ހދ.ހަނިމާދޫ އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫޢު ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޖައިޝަންކަރު ކުރެއްވި ދަތުރުފުޅެކެވެ.

ޚާރިޖީވުޒާރާއިން ބުނި ގޮތުގައި އިންޑިއާއަށް ރާއްޖެއިން ކުރާ ވަރުގަދަ ތާއީދުގެ މަސްދަރަކީ ދެ ޤައުމުގެ މެދުގައި އޮތް ބަދަހި ގުޅުމާއި ގާތް އެކުވެރިކަމެވެ.

ޚާރިޖިއްޔާއިން ބުނެފައިވަނީ ބައިނަލްއަޤުވާމީ ޞުލްޙައާއި ސަލާމަތް ނެގެހެއްޓުމުގައި އިންޑިއާއިންވަނީ ވަރުގަދަ އަދި ހަރުދަނާ ލީޑާޝިޕެއް ދައްކުވައިދީފައި ކަމަށެވެ. އަދި އދގެ ޗާޓަރުގައި ހިމެނޭ އަގުތަކާއި މަބްދައުތަކަށް ވަރުގަދައަށް އިންޑިއާއިން ތާއީދުކުރާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިފަދައިން ބުނެފައިވާއިރު އދ.ގެ އާންމު މަޖިލީހުގެ އެތައް ޤަރާރަކާއި ޚިލާފަށް އިންޑިއާއިންވަނީ ކަޝްމީރުގެ ރައްޔިތުންނަށް އެމީހުންގެ މުސްތަޤުބަލު ކަނޑައެޅުމުގެ ޙައްޤު ދިނުމަށް އެތައް ފަހަރެއްގެ މަތިން އިންކާރުކޮށްފައެވެ.

ސަރުކާރުން ބުނެފައިވަނީ ސަލާމަތީ މަޖިލީހުގައި ތަރައްޤީވަމުން އަންނަ ހުރިހާ ޤައުމެއްގެ އަޑަށް އިންޑިއާވާނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކާރަށް އެބައޮތް ކަމަށެވެ. އަދި ސުލްހައާއި ސަލާމަތާ ގުޅޭ ގޮތުން ކުރިއަށް އޮތް އަހަރުތަކުގައި ބައިނަލ؛ްއަޤުވާމީ ފެންވަރުގައި ހިނގާ މަޝްވަރާތަކުގައި ބިނާކުރުވަނިވި ގޮތެއްގައި އިންޑިއާއިން ބައިވެރިވާނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ސަރުކާރުން ބުނެފައިވެއެވެ.

މި ލިއުމާއި ގުޅޭ