Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކަރެކްޝަނަލް ސާވިސަސް

މާފުށީ ޖަލުގައި ހުރި ގައިދީއަކަށް ކަރެކްޝަނުގެ ފަސް އޮސިރަކު އަނިޔާކުރިކަން ތަހުގީގަށް ސާބިތުވި މައްސަލައެއް

މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ޤައިދީއަކަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ ފަސް އޮފިސަރަކު އަނިޔާކުރިކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ތަހުގީގަކަށް ސާބިތުވެއްޖެއެވެ.

މި މައްސަލައިގެ ތަހުގީގު ރިޕޯޓުގެ ކޮޕީއެއް "ދިޔަރެސް"އަށް ލިބިފައިވެއެވެ. އެ ތަހުގީގުގައި ބުނާ ގޮތުގައި މާފުށީ ޖަލުގައި ހުރި މި ޤައިދީއަށް އަނިޔާކޮށްފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ ތަހުގީގުގައި އަނިޔާ ލިބުނުކަމަށް ބުނާ މީހާ ބުނެފައިވަނީ އެ ދުވަހު އޭނާ ގޮޅިން ނެރުމަށްފަހު އަލުން ގޮޅިއަށް ވައްދަނިކޮށް، އޭނާއާއި އިތުރު ބަލިމީހަކު ބަލި ހާލަތާ ގުޅިގެން ހުށަހަޅާފައިވާ ޝަކުވާތަކަށް ޖަވާބު ނުލިބެނީސް ގޮޅިއަށް ނުވަންނާނެކަމަށް ބުނިކަމަށެވެ. އަދި އެހެން ބުނުމުން ގޮޅި ސަރަހައްދުން ނެރެ، އަތުގައި ބާރަށް ބޮޑި އަޅުވައި، ގޮނޑިއެއްގައި ބަންދައި، އަނިޔާކުރި ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ އޭނާއަށް އޮފިސަރުން އަނިޔާކުރަނިކޮށް އޭނާ އިށީނދެ އިން ގޮނޑި ބިންދައިގެން ދިޔަކަމަށާއި، އަނިޔާކުރި މަންޒަރު ގޮޅި ބަރީގެ މަތީގައި ތިބި މީހުންނަށް ފެންނާނެ ކަމަށެވެ. އަދި އޭނާ ބޮލުގައާއި ގައިގައި ތަޅައި އޭނާއަށް މަރުގެ އިންޒާރުދިން ކަމަށްވެސް އެ ޤައިދީ ބުނެފައިވެއެވެ. އަދި އެ އަނިޔާތަކާ ގުޅިގެން ޑިއުޓީ އޮފިސަރު ކިބައިން ޑޮކްޓަރަށް ދައްކައިދޭން އެދުމުން އެކަންވެސް ހަމަޖައްސައިނުދިންކަމަށް އޭނާ ބުނެއެވެ.

މަންޒަރު ދުށް މީހުން ދިން ހެކިބަހުގައި ފާހަގަކުރީ، ގޮނޑީގައި ޤައިދީ ބައިންދަން މަސައްކަތްކުރި ވަގުތު އެއް އޮފިސަރު އޭނާގެ ބުރިކަށީގައި އުޅަނބޮށިން ޖެހި މަންޒަރު ދުށް ކަމަށެވެ. އަދި އިތުރު އޮފިސަރަކުވެސް އޭނާއަށް އަނިޔާކުރި މަންޒަރު ފެނުނު ކަމަށެވެ. އަދި އޭނާ އަނބުރާ ގޮޅިއަށް ގެނައިއިރު އޭނާގެ ހަށިގަނޑުން އަނިޔާގެ ނިޝާންތައް ފެންނަ ކަމަށްވެސް ބުނެފައިވެއެވެ.

ކަރެކްޝަންސްގެ އޮފިސަރުން އެ ވާހަކަތައް ދޮގުކޮށް ބުނެފައިވަނީ އެއްވެސް އޮފިސަރަކު ޤައިދީއަށް އަނިޔާނުކުރާ ކަމަށެވެ. އަދި އޮފިސަރަކަށް ހަމަލާދިނީ ޤައިދީ ކަމަށާއި، ގޮޅިއަށް ވައްދަން އުޅެނިކޮށް ގަދަހެދުމުން އޮފިސަރަކު އޭނާ ގޮޅިއަށްވައްދަން ޕުޝްއެއް ދިނުމުން އަމިއްލައަށް ވެއްޓިގަތް ކަމަށެވެ. އަދި އެއްވެސް އޮފިސަރަކު އެ ޤައިދީއާ ބޭއަދަބީ ބަހަކުން ވާހަކަވެސް ނުދައްކާކަމަށް އޮފިސަރުން ބުނެފައިވެއެވެ.

އެހެންނަމަވެސް ތަހުގީގަށް ކޮމިޝަނުން ޤައިދީގެ ހަށިގަނޑުގެ ފޮޓޯތަކެއް ނަގާފައިވާއިރު އެ ފޮޓޯތަކުން އޭނާއަށް އަނިޔާކޮށްފައިވާކަމުގެ ނިޝާންތައް ފެންނަކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ. އަދި އެ ދުވަހުގެ ހަވީރު 3:00 އާއި 4:00 އާ ދެމެދުގ ޤައިދީ ފެންނަން ހުރި ސީސީޓީވީ ފުޓޭޖު ހިއްސާކުރަން އެދުމުން ކަރެކްޝަންސްއިން އެ ފުޓޭޖު ހިއްސާނުކުރާކަން ރިޕޯޓުގައި ފާހަގަކުރެއެވެ.

މި މައްސަލާގައި ކޮމިޝަނުން ނިންމާފައިވަނީ އެންޓި ޓޯޗާގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޓޯޗާގެ އަމަލެއް ހިންގުމާއި ރަހުމުކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގިކަން އެ މައްސަލާގައި ތުހުމަތުވާ ފަސް އޮފިސަރުންގެ މައްޗަށް ތަހުގީގުން ސާބިތުވާކަމަށެވެ. އެހެންކަމުން ދައުވާކުރުމާމެދު ގޮތެއް ނިންމަން ޕީޖީ އޮފީހަށް ފޮނުވަން 19 ޖަނަވަރީ 2022 ގައި އެޗްއާރުސީއެމުން ނިންމާފައިވެއެވެ.

މި މައްސަލާގައި ޝާމިލުވާ ފަސް އޮފިސަރުންނާމެދު މިހާތަނަށް ފިޔަވަޅެއް އަޅާފައިވާކަން އެނގޭކަަށް ނެތެވެ.

މި ލިއުމާއި ގުޅޭ