Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކޮވިޑު ހޭދަ

ރާއްޖޭގައި މަސައްކަތްކުރި މިޞްރު ޑޮކްޓަރެއްގެ ކޮވިޑު އެލަވެންސް ނުދޭތާ 2 އަހަރު، އާދޭހުގެ އަޑުއަހާނެ މީހެއް ނެތް

ކޮވިޑް-19 ގައި ރާއްޖޭގައި މަސައްކަތްކުރި މިޞްރުގެ ޑޮކްޓަރަކަށް ދޭންޖެހޭ ކޮވިޑް އެލަވެންސް ނުދޭތާ ދެ އަހަރުވެފައިވާއިރު، އެކަމުގެ ޝަކުވާ ހުށަހެޅުމުން އެއްވެސް އިދާރާއަކުން އެކަށީގެންވާ ޖަވާބެއް ނުލިބި އެ ޙައްޤު ހޯދޭނެ ގޮތެއް ނެތިވެއްޖެއެވެ.

މިޞްރުގެ އަލްއަޒްހަރު ޔުނިވާސިޓީގެ ފެކަލްޓީ އޮފް މެޑިސިންއިން އެމްބީބީއެސް ފުރިހަމަކުރުމަށްފަހު ގއ.ނިލަންދޫ ހޮސްޕިޓަލުގައި ޑރ.މުޙައްމަދު ޔޫސުފް ޚާލިދު ޢަބްދުއްނާޞިރު މަސައްކަތްކުރަން ފެށީ 2019 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. 2020 ވަނަ އަހަރު ރާއްޖެއަށް ކޮވިޑްގެ އާލަމީ ވަބާ ކުރިމަތިވި ދުވަހުން ފެށިގެން 2021 ވަނަ އަހަރުގެ ނޮވެންބަރު މަހާ ހަމައަށް އޭނާވަނީ އެ ވަޒީފާގައި މަސައްކަތްކޮށްފައެވެ.

އެ ދުވަސްތަކުގައި ކޮވިޑުގެ ބައްޔަށް މީހުން ޓެސްޓުކުރުމަށް ސާމްޕަލް ނެގުމުގެ މަސައްކަތުގައި ޤަވާއިދުން ބައިވެރިވެ މަސައްކަތްކުރަމުން ގެންދިޔައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ފަހުކޮޅުގައި އޭނާއާއި ދިވެހި ސަރުކާރާ ދެމެދުގައި ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އައުމުން ރާއްޖެއިން ފުރައިގެން ދިޔައިރުވެސް ޑރ.މުޙައްމަދަށް ލިބެންޖެހޭ ކޮވިޑް އެލަވެންސް ނުލިބެއެވެ.

ފޯނުން "ދިޔަރެސް"އަށް މައުލޫމާތު ދެމުން ޑރ.މުޙައްމަދު ބުނީ އޭނާ މިޞްރަށް ދިޔަފަހުން ސަރުކާރުގެ ގިނަ އިދާރާތަކުގައި އެ އެލަވެންސް ނުލިބިގެން ވާހަކަދައްކާފައިވާ ކަމަށެވެ. އަދި ގއ.ހޮސްޕިޓަލުގެ މެނޭޖަރަށް މެސެޖުކޮށް ދައްކާފައިވާ ބައެއް ވާހަކަތަކުގެ ސްކްރީން ޝޮޓުތައް "ދިޔަރެސް"އާ ހިއްސާކުރިއެވެ. އެ ސްކްރީން ޝޮޓުތަކުން ފެންނަނީ އެ ފައިސާ ހަމަޖެއްސުމަށް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށާއި، ހަމަޖެހެން ދުވަސްކޮޅެއް ނަގާނެކަމަށް ހޮސްޕިޓަލުގެ މެނޭޖަރު ބުނެފައިވާ ތަނެވެ.

ޑރ.މުޙައްމަދު ބުނި ގޮތުގައި އޭނާގެ މަސައްކަތު ޝީޓަށް ބަލައި ޖުމްލަ 30،000 ހެއްހައި ރުފިޔާ ލިބެންޖެހޭނެކަމަށް ހޮސްޕިޓަލުގެ މެނޭޖަރު އޭނާ ގާތުގައި ބުނެފައިވެއެވެ. ނަމަވެސް އެ ފައިސާ ހޯދަން އެދި ރައީސް އޮފީހަށާއި، ހެލްތު މިނިސްޓްރީއަށް ފޮނުވި އީމެއިލްތަކަށް ޖަވާބު ނުލިބޭ ކަމަށެވެ.

އެއްވެސް ފަރާތަކުން އޭނާގެ އާދޭސްތަކަށް ޖަވާބު ނުދިނުމުން ފޭސްބުކްގައި އެ ވާހަކަތައް ލިޔެ ހިއްސާކުރަން ފެށުމުން ހޮސްޕިޓަލުގެ މެނޭޖަރު އޭނާއަށް މެސެޖުކޮށް "ފޭސްބުކްގައި ލިޔުނީމައި އަވަސްވާނެ"އޭ ބުނެ މަލާމާތްކުރިއެވެ. އަދި އޭނާ އެކަމާމެދު ސުވާލުކުރަން ފެށުމުން "އަމިއްލައަށް ތިކަންކުރޭ،" މިފަދައިންވެސް މެނޭޖަރު ބުނެފައިވެއެވެ. "އަޅުގަނޑު ހޯދަން މިއުޅެނީ އަޅުގަނޑުގެ ހައްގެއް އެކަމަކު އަޅައިލާނެ މީހަކު ނެތް. އަޅުގަނޑާއެކު މަސައްކަތްކުރި އެހެން ހުރިހާ ޑޮކްޓަރުންނަށް އެ އެލަވެންސް ލިބިއްޖެ،" ޑރ.މުޙައްމަދު ބުންޏެވެ.

އޭނާ ރާއްޖެއިން ދިއުމާއެކު އޭނާގެ ބީއެމްއެލް އެކައުންޓް ބަންދުކޮށްފައިވާތީ ނިލަންދޫ ހޮސްޕިޓަލުގެ މެނޭޖަރުގެ އެކައުންޓަށް އެ ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖައްސަން މެނޭޖަރުގެ ފަރާތުން އޮތީ ހެލްތު މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައެވެ.

މި ލިއުމާއި ގުޅޭ