Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދުނިޔެ

ކިޑްނެޕްކުރި ކެމެރޫންގެ ނޫސްވެރިޔާ މަރުވެފައި އޮއްވާ ފެނިއްޖެ

ކެމެރޫންގައި ފާހަގަކޮށްލެވޭ ނޫސްވެރިއެއް ކަމަށްވާ މާޓިނޭޒް ޒޯގޯ ކިޑްނެޕްކުރިތާ 5 ދުވަސް ފަހުން އޭނާގެ ރަހީނުކޮށްފައި އޮތް ހަށިގަނޑު ފެނިއްޖެއެވެ. އެމްޕްލިޓިއުޑް އެފްއެމް ގެ ޑައިރެކްޓަރ، 51އަހަރުގެ ޒޯގޯގެ ހަށިގަނޑު ފެނިފައިވަނީ ކެމެރޫންގެ ވެރިރަށް ޔައޫންޑޭ ކައިރިންނެވެ.

އޭނާގެ ހަށިގަނޑު ފެނުމުގެ 5 ދުވަސް ކުރިން، ޖަނަވަރީ 17ވަނަ ދުވަހުގައި އޭނާއަށް މަގުމަތިން ހަމަލާ ދެމުން އައި މީހުންތަކެއް ކިބައިން ހިމާޔަތްހޯދުމަށް ޕޮލިސް ސްޓޭޝަނަކަށް ވަންނަން އުޅެނިކޮށް، މޫނުނިވާވާ ގޮތަށް ތިބި ބަޔަކު އައިސް އޭނާ ޖަހައިގަނެގެން ގެންދިޔައެވެ. ބާރު އަޑެއްގޮވައިގެން ފުލުހުން ނިކުމެ ބަލާލިއިރު ޒޯގޯއަށް ހަމަލާދެމުން އައި މީހުން އޭނާ ޖަހައިގަނެގެން ގެންދަނީއެވެ. ގިނަ ގެއްލުންތަކެއް ލިބިފައިވާ ޒޯގޯގެ ކާރު އެ ސްޓޭޝަން ބޭރުން ފުލުހުންނަށްވަނީ ފެނިފައެވެ.

ޒޯގޯއަކީ ކެމެރޫންގެ ކޮރަޕްޝަނާއި، އެކިއެކި ނުފޫޒްގަދަ އިސްވެރިންގެ ކުށްތަކަށް އަލިއަޅުވާލާ އެމްބޫޓެއިލާޖް ކިޔާ ޓީވީ ޝޯއެއްގައި ޖެހިލުމެއްނެތި އެކަންކަން ކުށްވެރިކުރާ ނޫސްވެރިއެކެވެ. ކެމަރޫން ސަރުކާރުގެ ނުފޫޒްއޮންނަ މީޑިއާ ކުންފުންޏަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގިކަމަށް ތުހުމަތުކުރާ މައްސަލައެއްގެ ވާހަކަ ފުޅާކޮށް އެ ޕްރޮގްރާމްގައި އޭނާ އައި މިފަހުން ދައްކާފައިވެއެވެ.

"ނަފްރަތުގެ ޝިކާރައަކަށް ވެގެން ކެމަރޫންގެ މީޑިއާއިން މީހަކު ގެއްލިއްޖެ"، ކެމަރޫން ޖާނަލިސްޓުންގެ ޓްރޭޑް ޔޫނިއަނުން ނެރުން ބަޔާނެއްގައި ބުނެފައި އޮތެވެ.

މީޑިއާގެ ހައްގަށް ވަކާލާތުކުރާ މީހުން ބުނާގޮތުގައި، ޒޯގޯ ގެއްލުމާއި، އޭނާގެ މަރަކީ ކެމަރޫންގައި ހީނަރުވަމުންއަންނަ ރިޕޯޓުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިންގެ ހައްގުތައް ނެތިކޮށްލުމަށް ކުރާ މަސައްކަތުގެ ނަމޫނާއެކެވެ.

އިދިކޮޅު ފަރާތްތަކަށް އަނިޔާވެރިވާ، އަދި އެމީހުންގެ މިނިވަންކަމަށް އިންކާރުކުރުމުގައި ދަރަހަތަކެއް ވޭތުކޮށްފައިވާ ކެމަރޫންގެ ރައީސް، ޕޯލް ބިޔާގެ ވެރިކަމުގެ ދަށުގައި، މި ހާދިސާއަކީ ނޫސްވެރިންނާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއިން އެންމެ ހާދިސާއެކެވެ.

ބުރްކީނާ ފާސޯ، އިތިއޯޕިއާ، އަދި ކެމަރޫންފަދަ އެފްރިކާގެ ގައުމުތަކަކީ، އެގައުމުތަކުގެ ނޫސްވެރިންނަށް ޚުދުމުޚުތާރު ސަރުކާރުތަކެއްގެ ފަރާތުން ގިނަ ނުރައްކާތަކާއި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ގައުމުތަކެކެވެ.

ޒޯގޯ އިހާނެތިކޮށް މަރާލުމުގެ އިތުރުން، ކެމަރޫންގެ ފާހަގަކޮށްލެވޭ އެހެން ރިޕޯޓަރެއް ކަމަށްވާ ޕޯލް ޗޫތާވަނީ 2019ގައި ހަމަލާއެއްގެ ޝިކާރައަކަށްވެފައެވެ. ކެމަރޫން ވެބްގައި މަސައްކަތް ކުރާ ޗޫތާ ގައިގާވަނީ، މޫނު މައްޗާއި ހަށިގަނޑުގެ އެހެން ތަންތަން ދުޅަވާވަރަށް އަނިޔާވެރި ގޮތަކަށް ތަޅައިގަނެފައެވެ. އަދި އެ ހަމަލައިގާ ތޫނު އެއްޗަކުން އޭނާ ޒަހަމްވެސް ކޮށްލިއެވެ.

މި ލިއުމާއި ގުޅޭ