ގެސްޓު ހައުސް ވިޔަފާރި ފައްޓަވައި ފަތުރުވެރިކަމުގެ ނަފާ މީހުން ދިރިއުޅޭ ރަށްރަށަށް ފުޅާކުރެއްވީތީ ރައީސް މުޙައްމަދު ނަޝީދަށް ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރުގައި ރަން އެވޯޑު ދެއްވުމަށްފަހު، މިހާރު ރާގު ބަދަލުކުރައްވައި ގެސްޓުހައުސް ވިޔަފާރި ފެއްޓެވީ ނަޝީދު ނޫންކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހީމް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގައި ކ.ގުރައިދޫއަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މިފަދައިން ވިދާޅުވި ނަމަވެސް ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ޤަރާރަކުން ރަށްރަށުގައި ގެސްޓުހައުސް ވިޔަފާރި ހުޅުވައިލުމުން އެއިރުގެ އިދިކޮޅު ފަރާތްތަކުން އިހުތިޖާޖުވެސް ކުރިއެވެ.
ރައީސް އިބްރާހީމު ވިދާޅުވި ގޮތުގައި ގެސްޓް ހައުސް ވިޔަފާރިއަށް ފުރުސަތު ހުޅުވައިލީ ރައްޔިތުންގެ މަޖިލީހުން ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަމުގައި ފާސްކުރި ޤަރާރަކުންނެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤަރާރުތަކާއި ކުއްލި މައްސަލަތަކާއި މައްސަލަތަކަކީ އެއަށް އަމަލުކުރުން ލާޒިމު އެއްޗެއްސެއް ނޫނެވެ.
މި ވެރިކަމުގައި މަޖިލީހަށް ހުށަހަޅައިގެން ކަނޑުގައި ބޮޑެތި ކަންނެލި ޖަގަހަތައް އެޅުން އަވަސްކުރުމަށާއި، ހއ.އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމެންޓު ބަނދަރު އެޅުމަށް ޤަރާރުތައް ފާސްކޮށްފައިވީ ނަމަވެސް އެއިން އެއްވެސް ޤަރާރަކަށް މިހާތަނަށް އަމަލުކޮށްފައިނުވެއެވެ.
"[ގެސްޓް ހައުސް ވިޔަފާރި ފަށަން] ސަރުކާރަށް ލާޒިމުކުރާ ގަރާރު މަޖިލީހުން ފާސްކުރީ 2008 ވަނަ އަހަރުގެ ކުރީކޮޅު. އޭރު މަޖިލީހުގައި ތިއްބެވި ބޭފުޅުން މި ތިއްބެވީ، މޫސާ މަނިކު، އަބްދުﷲ ޝާހިދު، މާރިޔާ ދީދީ، އަޅުގަނޑު ހިތުން މަހުލޫފު ވެސް އެތާ އިންނަވާނެ އަދި އަޅުގަނޑު ވެސް އެތާ ހުރިން އެ ދުވަސްކޮޅުގައި،" ރައީސް އިބްރާހީމް ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މިއަދު ވިދާޅުވެފައިވަނީ ގެސްޓްހައުސް ވިޔަފާރި ފެށުމަށް ފަހިކޮށްދިން ބޭފުޅުން މިއަދު ތިއްބެވީ އެމަނިކުފާނުގެ އަރިހުގައި ކަމަށެވެ. އެހެން ވިދާޅުވެ އިޝާރާތްކުރެއްވީ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފަށެވެ. މި ދެ ބޭފުޅުންނަކީ ރައީސް ނަޝީދުގެ ވެރިކަމުގައި އިދިކޮޅުގައި ތިއްބެވި ބޭފުޅުންނަށްވާއިރު، ޝާހިދަކީ އެއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. މަހުލޫފަކީ އެއިރު ޑީއާރުޕީގެ ފަރާތުން އެންމެ ބޮޑަށް ރަށްރަށުގައި ގެސްޓުހައުސް ފެށުމުން ލިބޭނެ އިޖުތިމާއީ ގެއްލުންތަކާމެދު ބަހުސްކުރެއްވި ބޭފުޅާއެވެ.
ގެސްޓު ހައުސް ވިޔަފާރި ފަށައި ފުޅާވުމާއެކު، ރަށްރަށުގައި ބަރަހަނާ ހާލުގައި ފަތުރުވެރިން އުޅުމާއި މަސްތުވާތަކެތީގެ ތެރެއިން ބަނގުރަލާއި ބަނގުއާވީގެ ވިޔަފާރި ފުޅާވެފައިވާއިރު، އެކަންކަމާމެދު އެއިރު ކަންބޮޑުވުން ފާޅުކުރެއްވި މަހުލޫފު އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ފަދަ ބޭފުޅުން މިހާރު ތިއްބަވަނީ ހަނުއެވެ.