ސްވިޑެންގެ ކަނާތު-ފިޔައިގެ، ހަރުކަށި ފިކުރުގެ ޕާޓީއެއް ކަމަށްވާ ސްޓްރާމް ކާރސްގެ އިސްވެރިޔާ ރަސްމުސް ޕަލޫޑަން މުސްހަފެއްގައި ރޯކޮށްލުމުން، ގިނަ އިސްލާމީ ގައުމުތަކަކުން އެކަން ކުށްވެރިކޮށް، އެކަން ކުރި މީހުންނަށް އަދަބު ދިނުމަށް ގޮވާލައިފިއެވެ.
ސްވީޑެންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ ތުރުކީ އެމްބަސީ ބޭރުގައި ޕަލޫޑަން މުސްހަފެއްގައި ރޯކޮށްލާފައިވަނީ، އެ ގައުމުގެ ސަރުކާރުން ހުއްދަ ނަގައިގެން، އަދި ފުލުހުންގެ ހިމާޔަތުގެ ދަށުގައި ތިބެގެނެވެ.
މި އަމަލު ކުށްވެރިކޮށް، އޭނާއަށް ހައްގު އަދަބު ދިނުމަށް ގިނަ ގައުމުތަކަކުން ގޮވާލައިފާވެއެވެ.
މިގޮތުން، ސައުދީގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި، ސައުދީގެ ރަސްކަމުން ހަމަހަމަކަމަށާއި، ސުލްހަވެރިކަމާއެކު މަޝްވަރާ ކުރުމަށާއީ، އަދި އެކަކުއަނެކަކާއި އެކީގައި އެއްބައެއްގެ ގޮތުގައި ދިރިއުޅުމަށް އެ ރަސްކަމުން ދޭ މުހިއްމުކަމަށް އަލިއަޅުވައިލާ، އަދި އެކަންކަމަކީ އަބަދުވެސް އެ ރަސްކަމުން އެއްބާރުލުންދީ، ވަކާލާތުކުރަމުން އަންނާނެ ކަންކަންކަމަށް ބުނެފައިވެއެވެ. އަދި، ފިތުނަ ފަސާދައާއި، ހަރުކަށި ފިކުރު ފެތުރުން ކުށްވެރިކޮށްފައިވެއެވެ.
މިސްރުގެ ހާރިޖީ ވުޒާރާއިން އެ އަމަލަކީ "ލަދުވެދި އަމަލެއް"ކަމަށް ސިފަކުރިއެވެ. އެކަހަލަ ހަރުކަށި ފިކުރުގެ މީހުންގެ އަމަލުތަކަކީ، "އެހެން މީހުންގެ ފިކުރުތަކަށް އިޙްތިރާމް ކުރުމާއި، ފިކުރެއް ގެންގުޅުމުގެ މިނިވަންކަމާއި، އިންސާނީ ހައްގުތަކާއި އަދި އިންސާނުންގެ އަސާސީ މިނިވަންކަމާ ފުށުއަރާ އަމަލެއް"ކަމަށް، އެ ވުޒާރާއިން ބަޔާންކޮށްފައިވެއެވެ.
ސްވީޑެންގެ ހަރުކަށި ފިކުރުގެ މީހުންނަށް އެކަހަލަ ނުބައި އަމަލެއް ހިންގުމަށް އެގައުމުގެ ސަރުކާރުން ހުއްދަދީފައިވުމުން، ގިނަ ގައުމުތަކަކުން ވަނީ ސްވީޑެންގެ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށް، ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފައެވެ.
ގަތަރުގެ ސަރުކާރުންވަނީ ސްވީޑެންގައި ހުންނަ ތުރުކީގެ އެމްބަސީ ބޭރުގައި ގުރުއާން ހަތިމެއް ރޯކޮށްލުމަކީ، "މުޅި ދުނިޔޭގައި ތިބި 2 ބިލިއަނަށްވުރެ ގިނަ މުސްލިމުންގެ ހިތުގައި ނަފްރަތާއި ރުޅިވެރިކަން އުފެއްދުމުގެ ނިޔަތުގައި ކޮށްފައިވާ ނުބައިވެގެންވާ އަމަލެއް"ކަމަށް ބުނެ، އެކަން ކުށްވެރިކޮށްފައެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސްއިންވަނީ، ފިތުނަ ފަސާދަ ފެތުރުމާއި، އެހެން ދީނުތަކުގެ މީހުންގެ ހިތުގައި ނުރުހުމާއި ހަމަނުޖެހުން ފެތުރޭކަހަލަ އަމަލުތައް ހިންގުމާއި ދެކޮޅުކަމަށް ބުނެފައިވެއެވެ.
ޕަލޫޑަންއަށް ޤުރުއާނުގައި ރޯކޮށްލުމަށް ސްވީޑެންގެ ސަރުކާރުން ހުއްދަ ދިނުމާއި ގުޅިގެން، ސްވީޑެންގެ ޑިފެންސް މިނިސްޓަރު ތުރުކީއަށް ކުރަން ހަމަޖައްސަވާފައިވާ ދަތުރު، ތުރުކީއިން ކެންސަލްކޮށްލިއެވެ. އަދި، ހަރުކަށި އިބާރާތުން އެއަމަލު ކުށްވެރިކޮށް، އެކަމަކީ ނުބައިކަމުން ފުރިގެންވާ އަމަލެއްކަމަށް ސިފަކޮށްފައިވެއެވެ.
ޕަލޫޑަންވަނީ އެއަމަލަކީ، ޝުއޫރު ފާޅުކުރުމުގެ ހައްގުގެ ތެރެއިން އޭނާއަށް ކުރެވޭނެ ކަމެއްކަމަށް ބުނެފައެވެ. މިކަމާއި ވިއްދައިގެން ޕާކިސްތާންގެ ހާރިޒީ ވުޒާރާއިން އެކަން ކުށްވެރިކޮށް ބުނެފައިވަނީ، އެ އަމަލަކީ އެއްވެސް ވަރަކަށް ބައިނަލްއަގްވާމީ ޝުއޫރު ފާޅުކުރުމުގެ ހަމަތަކުގެ މަތިން ކުރެވިފައި އޮތްކަމެއް ނޫންކަމަށެވެ. ޝުއޫރު ފާޅުކުރުމުގެ ހައްގުތައް ހިމެނިފައިވަނީ އިންސާނީ ހައްގުތަކުގެ ގަވައިދުތަކުގެ ދަށުންކަމަށާއި، އެހަމައިގެ މަތިން އެއްވެސް ބައެއްގެ މެދުގައި ނަފްރަތު އުފެދޭ ކަހަލަ އަމަލުތައް ހިންގުމާއި، މީހުންތަކެއްގެ މެދުގައި ހަމަނުޖެހުން އުފެދެން މަގުފަހިވާ ކަންކަން ކުރުމަކީ އިންސާނީ ހައްގުތަކުގެ ހަމަތަކުން ހުއްދަ ލިބޭކަމެއް ނޫންކަމަށް ޕާކިސްތާނުން ބުނެފައިވެއެވެ.
އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އާއި، ސުންނީ އިސްލާމްގެ އެންމެ މަތީ އިލްމުވެރި ދަރަޖަ ލިބިގެންވާ މިސްރުގެ އަލް-އަޒްހަރު އަލް-ޝާރިފްއާއި އަދި، އިންޓަނޭޝަނަލް ޔޫނިއަން ފޮ މުސްލިމް ސްކޯލާރސް (އައިޔޫއެމްއެސް) ފަދަ ބޮޑެތި މުސްލިމް އިދާރާތަކުންވެސް ވަނީ ހަރުކަށި އިބާރާތުން އެކަން ކުށްވެރިކޮށްފައެވެ. އެކަން ކުރި މީހުންނަށް ހައްގު ސަޒާ ލަސްނުކޮށް ދިނުމަށާއި، އަދި މުސްލިމުންގެ ހައްގުތަކާއި، އެމީހުންގެ ދީނީ ޝުއޫރުތައް ފާޅުކުރުމުގެ މިނިވަންކަން ހިމާޔަތްކުރާ ބައިނަލްއަގްވާމީ ގާނޫނުތަކެއް ގާއިމްކުރުމަށް އެ އިދާރާތަކުން ގޮވާލާފާވެއެވެ.