އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކ.ގުރައިދޫއަށް ވަޑައިގަތުމާ ގުޅިގެން އެ ރަށު ކައުންސިލުގެ ރައީސް ޙުސައިން ޔާމީން ކައުންސިލުގެ އޮފީހަށް ވަދެވަޑައިގަތުމަށް ފުލުހުން ހުުރަސްއަޅައިފިއެވެ.
ރައީސް އިބްރާހީމް ގުރައިދޫއަށް ވަޑައިގެންނެވިއިރު އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުމެފައިވަނީ ވަރަށް މަދު ބައެކެވެ. ބަނދަރުމަތީގައި 30 ވަރަކަށް މީހުން ތިބިއިރު އެމަނިކުފާނު ވަޑައިގަންނަވާތީ ކ.އަތޮޅުގެ އެހެން ބައެއް ރަށްރަށުން މީހުންވެސް ގުރައިދޫއަށް ގެންގޮސްފައިވެއެވެ.
މާލެއާ ކައިރީގައި އޮންނަ ގުރައިދޫއަށް ލޯންޗުގައި 45 ވަރަކަށް މިނިޓުން ދެވޭއިރު ރައީސް އިބްރާހީމާއި އެމަނިކުފާނުގެ އަރިހުގައި ކެމްޕެއިންތަކުގައި ބައިވެރިވާ ބޮޑު ޓީމު އެ ރަށަށް ވަޑައިގަތީ އެއާ ޓެކްސީއެއްގައެވެ.
"ދިޔަރެސް"އާ ވާހަކަދައްކަވަމުން ޔާމީނު ވިދާޅުވީ އޭނާ މިއަދު އޮފީހަށް ވަދެވަޑައިގަންނަވަން އުޅުމުން ފުލުހުން ހުރަސްއަޅައި ނުވައްދަން އުޅުނު ކަމަށެވެ. "އަޅުގަނޑު މިއަދު އޮފީހަށްވަނީ ކައުންސިލުގެ ފާރުމަތިން ފުންމައިގެން. އެ ހާލުން ކައުންސިލަށް ވަދެ ރައްޔިތުންގެ ސިޓީގައި ސޮއިކުރަން މިޖެހުނީ.،" ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ފުލުހުން މަގުު ބަންދުކޮށް އޭނާ ބަހައްޓާފައިހުރީ ކައުންސިލުގެ އިދާރާއާ އެތައް ސަތޭކަ ފޫޓެއް ދުރުގައި ކަމަށެވެ. އަދި ރައީސް އިބްރާހީމަކީ ޚުދުމުޚުތާރު ވެރިއެއްގެ ގޮތުގައި ސިފަކުރައްވާ ޔާމީނު ވިދާޅުވީ ކެމްޕެއިނުގައި ރަށަށް ވަޑައިގެން ރަށު ކައުންސިލުގެ ރައީސްގެ ޒިންމާ އަދާނުކުރެއްވޭ ހާލަތެއް ރައީސް އިބްރާހީމް އުފެއްދެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރައީސް އިބްރާހީމް ރަށްރަށަށް ވަޑައިގަތުމުން އެ ރަށްރަށުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ މުޒާހަރާކޮށް އިހުތިޖާޖުކުރަމުންނެވެ. އަދި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރަން ގޮވައިލާ އަޑު އެމަނިކުފާނަށް އިއްވުމަށް އިދިކޮޅުން އަންނަނީ މަސައްކަތްކުރަމުންނެވެ.
ގިނަ ރަށްރަށުން ރައީސް އިބްރާހީމަށް މަރުހަބާ ކިޔަން ނިކުންނަނީ ވަރަށް މަދު މީސްކޮޅެކެވެ. އެމަނިކުފާނަށް މަރުހަބާ ކިޔަން ނިކުންނަ ގިނަ މީހުންނަކީ އެ ރަށްރަށުގައި މަޝްރޫޢުތައް ހިންގުމުގެ ނަމުގައި ސަރުކާރުގެ ކުންފުނިތަކުން ވަޒީފާ ދީފައިވާ އެކްޓިވިސްޓުންނެވެ.