Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ޕްރައިމަރީ ކާމިޔާބުވެއްޖެ، މިހާރު ވިސްނަނީ ރިޔާސީ އިންތިހާބަށް މަސައްކަތް ކުރާނެ ގޮތް: ނަޝީދު

މި މަހު 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިހާރުވެސް ކާމިޔާބު ކުރެވިއްޖެ ކަމަށާއި، މިހާރު ވިސްނަނީ ސެޕްޓެމްބަރު ނުވައެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި މަސައްކަތް ކުރައްވާނެ ގޮތަކާމެދު ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ މާލޭގައި ވޯޓުލާ މެމްބަރުންނާއި، އެމަނިކުފާނުގެ ކެމްޕެއިނާ އަލަށް ގުޅޭ މީހުންނާ ބައްދަލުކުރައްވައި ރޭ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީ އާއި ރިޔާސީ އިންތިހާބު އެމަނިކުފާނަށް ނުނެގެންވީ ސަބަބެއް އެއްވެސް ގޮތަކަށް ވިސްނި ވަޑައިނުގެންނެވޭ ކަމަށާއި ޕްރައިމަރީ މިހާރު އޮތީ ކާމިޔާބު ކުރެވިފައި ކަމަށެވެ.

"އަޅުގަނޑު މިހާރު މި ވިސްނަނީ ސެޕްޓެމްބަރު 9 އަށް އަޅުގަނޑުމެން މަސައްކަތް ކުރާނެ ގޮތް، އެކަމަށް ރަނގަޅު ވިސްނުމެއް ބަހައްޓައިގެން ނޫނިއްޔާ ކުރިއަށް އޮތް ހަފްތާތަކުގައިވެސް މަސައްކަތް ކޮށްގެން ނުވާނެ، ސެމްޓެމްބަރު 9 އަކަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީއަށް ވުރެ ރިޔާސީ އިންތިހާބު ފަސޭހަވާނެކަމަށް ބެލެވޭކަމަށާއި އެމްޑީޕީއަށް އޮތް ތާއީދު ވަރަށް ބޮޑުވާނެކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނެ ހަމަ އެއްވެސް ސަބަބެއް އެ މަނިކުފާނަށް ވިސްނިވަޑައިނުގަންނަވާ ކަމަށާއި އެމްޑީޕީއަށް އޮތް ތާއީދު އިތުރު އެހެން އެއްވެސް ޕާޓީއަކަށް ނެތް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީން ތައްޔާރުވެފައިވާ މިންވަރަށް އިތުރު އެއްވެސް ޕާޓީއަކުން އިންތިހާބަށް ތައްޔާރުވެފައި ނުވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެހެން އެއްވެސް ޕާޓީއެއް ތައްޔާރެއްވެސް ނުވޭ. އިންތިހާބަކާ ދިމާލަށް އަމާޒު ހިފާފަކާވެސް ނެތް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު އެމްޑީޕީއަށް ވަރަށް ފަސޭހަ ވާނެކަން ފާހަގަކުރައްވާ ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މިފަހުން އެމަނިކުފާނު ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުންވެސް އެކަން ވަރަށް ރަނގަޅަށް ހާމަވެފައިވާ ކަމަށެވެ.

މިމަހު 28 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޙައްމަދު ނަޝީދެވެ. ދެބޭފުޅުންގެ ޓީމުގެ މެދުގައި ބޮޑެތި ހިޔާލުތަފާތުވުން ހުރި އިރު ނަޝީދުގެ ޓީމުން އަންނަނީ އެ އިންތިޚާބުގެ އިންސާފުވެރިކަމާމެދު ސުވާލު އުފައްދަމުންނެވެ. އެގޮތުން އިންތިޚާބުގެ ކަންކަން ކުރިއަށްގެންދާ އިންތިޚާބީ ކޮމިޓީގައި މުޅިންވެސް ތިއްބެވީ ރައީސް ޞާލިޙަށް ތާއީދުކުރައްވާ އެމަނިކުފާނަށް ވަފާދާރު ބޭފުޅުންކަން އެ ޓީމުން ފާހަގަކުރެއެވެ.

މި ލިއުމާއި ގުޅޭ