ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ރަޝިޔާގައި ވިޔަފާރިކުރުން އެކީ ހުއްޓައިލާ ނުވަތަ ވަގުތީ ގޮތުން ހުއްޓާލާފައިވަނީ، ރަޝިޔާގައި ވިޔަފާރިކުރަމުން އައި އީޔޫއާއި ޖީ-7ގެ ކުންފުނިތަކުގެ ތެރެއިން އެންމެ %8.5 ކުންފުނިކަން ރިޕޯޓަކުން ހާމަވެއްޖެއެވެ.
ސްވިޒްލޭންޑުގެ ސެއިންޓް ގަލެން ޔުނިވާސިޓީން ބުރާސްފަތިދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް ގިނަ ކުންފުނިތަކުން އަންނަނީ ކުރިއްސުރެ ރަޝިޔާއާއެކު އެ ކުންފުނިތަކުން ބާއްވަމުން އައި ގުޅުން އެގޮތުގައި ދަމަހައްޓަމުން ކަމަށެވެ.
ފާއިތުވި 2022 ވަނަ އަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހުގައި ރަޝިޔާއިން ޔޫކުރެއިނަށް އަރައި ހަނގުރާމަ ފެށުމާއެކު ހުޅަނގުގެ ޤައުމުތަކުންވަނީ ރަޝިޔާގެ އިޤުތިޞާދަށް ފިއްތުންތައް ކުރިމަތިކުރަން ގިނަ އަދަދެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.
އެ ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ބައެއް ކުންފުނިތަކުންވަނީ ރަޝިޔާގައި ކުރަމުން އައި މަސައްކަތްތައް ހުއްޓާލައި އެ ޤައުމަށް މުދާ ފޮނުވުންވެސް މެދުކަނޑައިލާފައެވެ. އަނެއް ބައި ކުންފުނިތަކުންވަނީ ރަޝިޔާއާއި އެ ޤައުމުގެ އެކުވެރި ބެލަރޫސްގައި ހުރި އެ ކުންފުނިތަކުގެ އިންވެސްޓުމެންޓުތައް އަނބުރާ ގެންގޮސްފައެވެ.
އެހެންނަމަވެސް ސެއިންޓް ގަލެން ޔުނިވާސިޓީގެ ރިޕޯޓުގައި ބުނެފައިވަނީ ރަޝިޔާގައި އީޔޫ ނުވަތަ ޖީ7ގެ ޤައުމުތަކަށް ނިސްބަތްވާ ކުންފުނިތަކުގެ ހިއްސާ އޮންނަ 2،400 އަށްވުރެ ގިނަ ސަބްސިޑަރީ ކުންފުނި ރަޖިސްޓަރީކޮށްފައިވާ ކަމަށެވެ. އެ ކުންފުނިތަކުގެ ތެރެއިން ބަންދުކޮށްފައިވަނީ ނުވަތަ ވިއްކާލާފައިވަނީ އެންމެ 9 އިންސައްތަ ކުންފުނި ކަމަށެވެ.
އީޔޫއަށް ނިސްބަތްވާ ކުންފުނިތަކާ ޚިލާފަށް ގިނަ އަދަދެއްގެ އެމެރިކާ ކުންފުނިތައްވަނީ ރަޝިޔާ ދޫކޮށްފައެވެ. ރަޝިޔާގައި މިހާރު ހިންގަމުންދާ އީޔޫއަށް ނިސްބަތްވާ ކުންފުނިތަކުގެ 19.5 އިންސައްތަ ކުންފުންޏަކީ ޖަރުމަން ކުންފުންޏެވެ.